ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ ޝަހީދުކޮށްލައިފި

ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއީލް ހަނިއްޔާ (ވ) އާއި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ (ކ). ފޮޓޯ/އީރާން އިންޓަނޭޝަނަލް

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާއަތުގެ ސިޔާސީ ގޮފީގެ އިސް ވެރިޔާ އިސްމާއީލު ހަނިއްޔާ ޝަހީދުކޮށްލައިފައިވާ ކަމަށް އިސްލާމިކް ރިވޮލިޔުޝަނަރީ ގާޑް ކޮޕްސް (އައިއާރްޖީސީ) އާ ހަވާލާދީ އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފިއެވެ.

އައިއާރުޖީސީގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއަދުގެ ވަގުތެއްގައި އެ ހަމަލާ ދީފައި ވާއިރު، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އީރާނު ޓީވީން އެކަން އިއުލާނުކުރިތާ މާގިނައިރުތަކެއް ނުވެ ހަމާސްއިންވެސް ވަނީ އެކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނެއްގައި ބުނެފައި ވަނީ ހަނިއްޔާ ޝަހީދުކޮށްލައިފައި ވަނީ އީރާނުގެ އާ ރައީސް ހުވާކުރެއްވުމުގެ ބައިވެރިވެވަޑައިގަތުމަށް ފަހު ތެހެރާނުގައި އޭނާ ދިރިއުޅޭ ގެއަށް "ޒަޔަނިސްޓުން" ދިން ހަމަލާއެއްގައި ކަމަށެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި އޭޕްރީލް މަހު ޣައްޒާއަށް ދިން ހަމަލާއެއްގައި ހަނިއްޔާގެ ތިން ފިރިހެން ކުދިން ވެސް ވަނީ ޝަހީދުކޮށްލައިފައެވެ. އެ ހަމަލާގައި ހަނިއްޔާގެ ކާފަ ކުދިންވެސް ޝަހީދުކޮށްލައިފައިވެއެވެ.

މިދިޔަ އަހަރުން ފެށިގެން ހަމާސްގެ ސިޔާސީ ބިއުރޯގެ ޗެއާމަންކަން ކުރައްވައިފައިވާ ހަނިއްޔާ ދިރިއުޅުއްވަނީ ގަތަރުގައެވެ. ހަމާސް އާ ހަނިއްޔާ ފުރަތަމަ ގުޅިވަޑައިގަތީ އިސްލާމިކް ޔުނިވާސިޓީ އޮފް ޣައްޒާ އިން ތައުލީމު ހާސިލުކުރެއްވި ދުވަސްވަރުއެވެ. ހަމާސް އޮފީހުގެ ވެރިއަކަށް ހަނިއްޔާ ފުރަތަމަ އައްޔަނުކުރެއްވީ 1997 ވަނަ އަހަރުއެވެ.

comment ކޮމެންޓް