ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރް އަހަރެއްގެ މައްޗަށް ކުޅޭ ފިލްމުތަކުގެ އަދަދު ގިނަ ކަމަށް ބުނެ ފާޑުކިޔާ މީހުންނަށް އެކްޓަރު ރައްދު ދީފިއެވެ.
ކުރިޔަށް އޮތް މަހު ރިލީޒްކުރާ އަކްޝޭގެ ފިލްމު "ކޭލް ކޭލް މޭ"ގެ ޕްރޮމޯޝަން އިންޓަވިއުއެއްގައި އަކްޝޭ ބުނެފައި ވަނީ، އަކްޝޭ މާ ބުރަކޮށް މަސައްކަތް ކުރާތީ އެކަމާ ބައެއް މީހުން ކަންބޮޑުވާތީ ސުވާލު އުފެދޭ ކަމަށެވެ.
ބައެއް މީހުން އަކްޝޭ އަހަރުތެރޭ ހަތަރު ފިލްމުގައި މަސައްކަތް ކުރަނީ ކީއްވެތޯ ވެސް ސުވާލުކޮށްފައި އެބަހުރި ކަމަށް 56 އަހަރުގެ އެކްޓަރު ވަނީ ބުނެފައެވެ. ބައެއް މީހުން ދެކޭ ގޮތުގައި އަކްޝޭ ފަދަ ތަޖުރިބާކާރު އެކްޓަރަކު ސަމާލުކަން ދޭންވީ އަހަރެއްގެ މައްޗަށް އެންމެ ފިލްމަކަށް މަސައްކަތް ކުރުމަށް ކަމަށް ވެސް އަކްޝޭ ވަނީ ބުނެފައެވެ.
އެފަދަ ފާޑުކިޔުންތަކަށް ރައްދު ދެމުން އަކްޝޭ ބުނީ، އެންމެ ފިލްމެއްގައި މަސައްކަތް ކުރެވިދާނެ ކަމަށާއި އެހެންނަމަވެސް އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ކުރާނީ ކޮން ކަމެއްތޯ އެފަދަ މީހުން ގާތުން އަހަން ބޭނުންވާ ކަމަށެވެ.
އިންޑިއާ ފަދަ އާބާދީ ބޮޑު ޤައުމެއްގައި ކުރާނެ މަސައްކަތެއް ލިބުމަކީ ޝުކުރުވެރިވާންޖެހޭ ކަމެއް ކަމަށް އަކްޝޭ ވަނީ ބުނެފައެވެ. ހާއްސަކޮށް ފިލްމު އިންޑަސްޓްރީގައި މަސައްކަތެއް ނުލިބި އަހަރުތަކެއް ވަންދެން މީހުން ހޭދަކުރާ ކަމަށާއި އަހަރެއްގެ މައްޗަށް ގިނަ ފިލްމުތަކުން ފުރުސަތު ލިބޭތީ އެކަމާ ޝުކުރުވެރިވާ ކަމަށް އަކްޝޭ ބުނެފައިވެއެވެ.
އަކްޝޭ އަކީ އަހަރެއްގެ މައްޗަށް ހަތަރު ފިލްމަށް ވުރެ ގިނަ ފިލްމުތަކުގައި މަސައްކަތް ކުރާ އެކްޓަރެކެވެ. ބައެއް އަހަރުތަކުގައި އަކްޝޭ ކުޅޭ ފިލްމުތަކުގެ އަދަދު ހަ ފިލްމަށް އަރާއިރު އޭނާ އަކީ ބޮލީވުޑްގެ އެންމެ ގިނަ އާމްދަނީ ލިބޭ އެކްޓަރުންގެ ލިސްޓުން ޖާގަ ހޯދާފައިވާ އެކްޓަރެކެވެ. ރިޕޯޓުތައް ބުނާގޮތުން އަކްޝޭއަށް އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީގެ އަދަދު 58 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.