މި ޖުލައި މަހުގެ 12ވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރިމިއަކުރި ތަމަޅަ ފިލްމު "މަހާރާޖާ"ގެ ރިމޭކްއެއް އުފައްދަން ބޮލީވުޑްގެ އެކްޓަރު އާމިރު ޚާން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އާއްމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބި ބޮކްސް އޮފީހުގައި ވެސް ވިދާލި މި ފިލްމުގެ ރިމޭކް އުފެއްދުމަށް އާމިރު ވަނީ ފިލްމުގެ ކޮޕީރައިޓްސް ވެސް ގަނެފައި ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. ރިޕޯޓުތައް ބުނާގޮތުން ހިންދީ ރިމޭކްގައި އާމިރު ފެންނާނީ ތަމަޅަ ފިލްމުގައި ވިޖޭ ކުޅުނު ލީޑް ރޯލްއިންނެވެ.
މި ޚަބަރާ ގުޅިގެން ބައެއް މީހުން ބުނެފައި ވަނީ އިންޑިއާގެ އުތުރުގައި ދެކުނުގެ ފިލްމުތަކަށް ބޮޑު ތަރުހީބެއް ލިބި އޯޑިއަންސް ފުޅާވަމުން އަންނަ ދުވަސްވަރެއްގައި ދެކުނުގެ ކާމިޔާބު ފިލްމެއްގެ ރިމޭކްއެއް އުފެއްދުމަކީ އެންމެ ރަގަޅު ނިންމުން ނޫން ކަމަށެވެ.
އާމިރު ޚާނަކީ އިންޑިއާގައި އުފެދުނު އެންމެ ކާމިޔާބު ފިލްމީތަރިންގެ ތެރޭ ހިމެނޭ އެކްޓަރަކަށްވީ ނަމަވެސް "މަހާރާޖާ"ގައި ވިޖޭ ގެނެސްދިން 'ވައިބް' ގެނެސްދެވިދާނެތޯ ވެސް ބައެއް މީހުން އަންނަނީ ބުނަމުންނެވެ. އާމިރު ޚާނަށް އަމާޒުކޮށް ގިނަ ބަޔަކު ފާޑުކިޔާފައި މި ވަނީ އެންމެ ފަހުން އެކްޓަރު ގެނެސްދިން ފިލްމު "ލާލް ސިންގް ޗައްދާ"އަށް ބޮކްސް އޮފީހުގައި ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެންނެވެ.
ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ ސައުތު ސިނަމާގެ ބައެއް ފިލްމުތަކުގެތެރެއިން ރިމޭކްގެ ގޮތުގައި ނެރުނު ފިލްމުތައް ކަމަށްވާ "ގަޖްނީ" އަދި "ކަބީރު ސިންގް"އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމުތައް ކަމެވެ.
ބެލުންތެރިންގެ އުއްމީދަކީ ފިލްމު "މަހާރާޖާ" ފަދަ ބެލުންތެރިންގެ ހޫނު ތަރުހީބެއް ލިބުނު ފިލްމުގެ ރިމޭކްއެއް އުފައްދާއިރު އޭގެ އަސްލު ނުގެއްލޭ ގޮތަށް އާމިރު ޚާނުގެ އުފެއްދުންތެރިކަން ފިލްމުން ދައްކުވައިދިނުމެވެ.
މިދިޔަ މަހު ސިނަމާތަކުގައި އެޅުވި "މަހާރާޖާ" އަކީ އެންމެ އެންމެ 20 ކްރޯޑް ރުޕީސް (2.4 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދައި 107 ކްރޯޑް ރުޕީސް (13 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ފިލްމުގެ ޑައިރެކްޝަނާއި ވާހަކައަށް ގިނަ ބައެއްގެ ތައުރީފު އޮހެމުން އަންނައިރު ވިޖޭ ފިލްމުގައި ދައްކުވައިދިން އެކްޓިންގްއަށް ވެސް އާއްމުންގެ ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.