ރާއްޖޭގެ އިގުތިސާދީ ހާލަތަށް ބަލައި، މި ސަރުކާރުން އަޅާ ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ޕިއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ގައުމުގެ މިނިވަންކަން ދެމެހެއްޓޭނީ އިގްތިސާދު ދަމަހައްޓައިގެން ކަމަށެވެ. އެކަން ކުރުމަށްޓަކައި އާމްދަނީ އިތުރުކޮށް، ޚަރަދުތައް ކުޑަކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަރަދު ކުޑަކުރި ނަމަވެސް ރައްޔިތުންނަށް މިހާރު ލިބޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ލިބެމުންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެ ޚިދުމަތްތައް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އެއްވެސް އުނިކަމެއް ނެތި ލިބޭނެ ގޮތަކަށް ބަޖެޓްގެ ކަންކަން ނިމޭނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ޚަރަދުތައް ކުޑަކުރުމަށް އަޅާ އެއްވެސް ފިޔަވަޅެއްގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް އެެއްވެސް ކަހަލަ އުނިކަމެއް ނާންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތް. ޚަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އެޅިޔަސް ރައްޔިތުންގެ ތެރެއިން ބޭނުން ޖެހިފައިވާ މީހުންނަށް، އެއީ އާސަންދަ ވިޔަސް ހަމަ އެ ކަންކަން ފުރިހަމަވާނެ، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް
ނާޒިމް ވިދާޅުވީ ޚަރަދު ކުޑަކުރުމުގެ މަސައްކަތް ކުރުމުގެ ސަބަބުތަކެއް ވެސް ވާ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ނިމުނުއިރު އާސަންދައިން އެކަނި ވެސް އެކި ފަރާތްތަކަށް 1.1 ބިލިއަން ރުފިޔާ ނުދައްކާ ހުރި ކަމަށް ނާޒިމް ވިދާޅުވިއެވެ. އެކަން ހައްލުކުރުމަށް އާސަންދައިގެ ޚިދުމަތްދޭ ތަންތަނަށް މި ސަރުކާރުން ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި ވެސް 1.4 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނަމަވެސް ޚަރަދު ކުޑަކުރުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަދިވެސް އަޅަން ޖެހެނީ ދަރަނީގެ ބެކްލޮގް އޮތުމުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، އަންނަ ނޮވެމްބަރުގައި މަޖިލީހަށް ބަޖެޓު ފާސްކުރުމަށް ހުށަހަޅާއިރު ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކަން ޔަގީންކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެއްވެސް ވެރިކަމެއްގައި ކުރަން ނުކެރުނު އެތައް ކަމެއް ކުރަން މި ސަރުކާރުން ފައްޓާފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރީ ސަރުކާރުތަކުން ހުށަނާޅާ އެތައް އިސްލާހެއް މިހާރުވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒު މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
މަޖިލިހުން ކެނޑިނޭޅި މަސައްކަތްކުރަމުން ދަނީ އެ އިސްލާހުތައް ވީހާވެސް އަވަހަކަށް ގާނޫނަށް ގެނެސް، ރާއްޖޭގެ އިޖުތިމާއީ ކަންކަމަށް ހުރި ގޮންޖެހުންތަކާއި، ގޭންގު ކުށްތަކާއި، ބިދޭސީންގެ މައްސަލައާއި، އެ ނޫންވެސް ގިނަ ކަންކަން ހައްލުކުރުމަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.
ގައުމުގެ މާލީ ހާލަތާއި އިގްތިޞާދު މިހާރު އޮތް ގޮތުން ސިޔާސީ މަގާމުތައް މަދުކުރުމަށާއި، އެހެނިހެން ޚަރަދުތައް ކުޑަކުރުމަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން ނިންމަވާފައެވެ. އެގޮތުން މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ވެސް ބާއްވާފައެއް ނުވެއެވެ.