ސާއިލް ލިޔުއްވި ފުއާދު ތައުފީގުގެ ބަޔޯގްރަފީ ފޮތް ރައީސް މުއިއްޒު ނެރުއްވައިދެއްވައިފި

ފުއާދު ތައުފީގުގެ ބަޔޯގްރަފީ ނެރުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ތަޖުރިބާކާރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ އަހުމަދު ސާއިލް އަލީ ލިޔުއްވި، އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ ބަޔޯގްރަފީ ފޮތް "ގޮތުގައި" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވައިދެއްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ޖުމްލަ 190 ސަފުހާގެ މި ފޮތުގައި، ގައުމީ ހިދުމަތްތެރިޔާ ފުއާދުގެ ޒާތީ ހަޔާތާއި، މަސައްކަތުގެ ހަޔާތުގެ ހުރިހާ ވާހަކަތަކެއް ތަފްސީލާއެކު ހިމެނެއެވެ.

އެގޮތުން، ރާއްޖެއަށް އަލަށް ކޮމްޕިއުޓަރު ގެނެސްގެން، އޭގެ ބޭނުންކޮށްގެން ފުއާދު އިސްވެ ހުންނަވައި ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދެވި ދުވަސްވަރުން ފެށިގެން ސާކް ޖަމިއްޔާގެ ސެކްރެޓްރިއޭޓުގައި ވަޒީފާ އަދާކުރެއްވި ދުވަސްވަރުގެ ވާހަކަތައް މި ފޮތުގައި ހިމެނެއެވެ.

މީގެއިތުރުން، ދިވެހީންގެ އިހުތިރާމް ފުއާދު އެންމެ ބޮޑަށް ހޯއްދެއްވި މަސައްކަތް ކަމަށްވާ އިލެކްޝަންސް ކޮމިޝަނުގައި ކުރެއްވި އާދަޔާހިލާފު މަސައްކަތްތަކާއި، އެ ދުވަސްވަރު ކުރެވުނު ތަޖުރިބާތައް މި ފޮތުގައި ހިމެނެއެވެ.

ރާއްޖެއަށް ޑިމޮކްރަސީ ތައާރަފުވެ ދެފުށް ފެންނަ ގޮތަށް އިންތިހާބުތައް ބާއްވަން ގާނޫނު ލާޒިމްކުރުމުން، އެ މަސައްކަތް ފުރިހަމަކޮށް ގެންދެވުމުގައި ފުއާދު އަދާކުރެއްވި ދައުރު ވެސް މި ފޮތުގައި ހިމެނެއެވެ.

ފޮތުގެ ތައާރަފުގައިވާ ގޮތުން، ވެރީންނަށް ރައްޔިތުންގެ އިތުބާރު ކުޑަވެފައިވާ ޒަމާނެއްގައި ފުއާދަކީ ދިވެހީންނަށް ލިބުނު މުތެއް ކަމަށާއި ފުއާދަކީ ހިންގުމާއި ރޭވުމާއި ތަންފީޒުކުރެއްވުމުގައި ދެވަނައެއް ނެތް ފަސްމީރު ކުރި ރުކެއް ކަމަށެވެ.

ކެޕްޝަން.. ފުއާދު ތައުފީގުގެ ބަޔޯގްރަފީ ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

"މި ފޮތަކީ އޭނާގެ ހަޔާތުނާމާއެވެ. އެންމެ ތުއްތުއިރުން ފެށިގެން މިއަދާ ހަމަޔަށް ހަޔާތުގައި ދިމާވި ހުރިހާ ކަމެއް ހިމެނެއެވެ. ހިތާމަތަކާއި، އުފާތަކެވެ. ތަޖުރިބާތަކާއި، ގޮންޖެހުންތަކެވެ. ކާމިޔާބާއި، ފިލާވަޅުތަކެވެ. ލޯތްބާއި، ބޭވަފާ ވެސް މެއެވެ،" ތައާރަފުގައިވެއެވެ.

މިއީ ސާއިލުގެ ތިން ވަނަ ފޮތް ކަމަށްވާއިރު، އޭނާ މީގެ ކުރިން ލިޔުއްވީ ނަފްސާނީ ބަލީގައި ތަހައްމަލުކުރެއްވި ތަޖުރިބާތަކާ ގުޅޭ ގޮތުން "އެ ދުވަސް ގެނެވޭނެ"، އަދި ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ނާއިބް އޮނަރަބަލް ފައިސަލް ނަސީމްގެ ބަޔޯގްރަފީ "ފައިސަލް ނަސީމް"އެވެ.

ސަން އޮންލައިންގެ މެނޭޖިން އެޑިޓަރުކަން ކުރައްވާ ސާއިލަކީ، ނޫސްވެރިކަމުގެ ދާއިރާގައި 12 އަހަރު ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އިޖުތިމާއީ ދާއިރާގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑާއި، އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑް ލިބިފައެވެ. އޭނާ ވަނީ މީގެ ކުރިން "މިހާރު"، "ވަން އޮންލައިން"، "އަދަދު" ގައި ވެސް މަސައްކަތްކުރައްވައިފައެވެ.

މި ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 200ރ. އަށެވެ. މި ފޮތް އުރީދޫގެ އީކޮމާސް ވެބްސައިޓް އިން ގަންނަން ލިބޭނެ އެވެ. އަދި 9185335 ނަމްބަރު ފޯނަށް ގުޅައި އޯޑަރުކުރުމުން މާލެ ސަރަހައްދުގެ ކޮންމެ ހިސާބަކަށް ވެސް ޑެލިވާކޮށްދޭނެއެވެ.

comment ކޮމެންޓް