މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރުކަމަށް ކުރީގެ މާލީ ވަޒީރު އަދި މިހާރު މާލީ ވަޒީރުގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި އަހުމަދު މުނައްވަރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ ލަފާގެ މަތިން މަރުކަޒީ ބޭންކްގެ ގަވަރުނަރަކަށް ހުންނެވި އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ފަހު އެ މަގާމަށް މުނައްވަރު އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މިދިޔަ ހަފުތާގައެވެ.
މުނައްވަރު މަގާމަށް އައްޔަން ކުރަން މަޖިލީހުން ފާސްކުރީ 78 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ މުނައްވަރު އެ މަގާމަށް އައްޔަންކުރަން އެވްރެޖްކޮށް 70 އަށްވުރެ ގިނަ މާކްސް ލިބުނުކަން ފާހަގަކުރައްވައި އެ ގޮތަށް ފާސްކުރަން ހުށަހަޅުއްވައިފައެވެ.
ގަވަރުނަރުކަމުގައި ކުރިން ހުންނެވި އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސް މުއިއްޒު ނިންމެވީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭނާ މަގާމުން ދުރުކުރަން ހުށަހެޅުއްވީ ވެސް މަޖިލީހުގެ ނައިބު ރައީސް ނާޒިމެވެ. ސަރުކާރުގެ ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ހާޝިމް ވަކިކުރަން ފެންނަ ކަމަށް ފާސްކުރުމާ އެކު ރައީސް ވަނީ ހާޝިމް އެ މަގާމުން ވަކިކުރައްވައިފައެވެ.
އެއަށް ފަހުގައި ހަމަ އެ ދުވަހު ގަވަރުނަރުކަމަށް މުނައްވަރު އައްޔަންކުރުމަށް އެ މަނިކުފާނު ވަނީ ނަން ފޮނުއްވައިފައެވެ.
ގާނޫނުގައި އޮންނަ ގޮތުން މަރުކަޒީ ބޭންކްގެ ގަވަރުނަރުކަމަށް ބޭފުޅަކު އައްޔަންކުރާނީ ވެސް އަދި ވަކިކުރާނީ ވެސް ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.