ކޭޕާކު ފުލެޓުތައް އޮޅުވާލައިގެން ގިނަ އަދަދެއްގެ މީހުންނަށް ވިއްކި ކަމުގެ ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ)އާއި ޖައިޝާން ސައީދުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުން ފަށައިފިއެވެ.
އެ މައްސަލައިގައި ދައުލަތުން މަންޑޭގެ މައްޗަށް 100އަށް ވުރެ ގިނަ ދައުވާ ކުރާއިރު، ޖައިޝާންގެ މައްޗަށް 98 ދައުވާއެއް ކުރެއެވެ.
މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ކުރިއަށް ގޮސްފައި ވަނީ ލިޔެލިޔުންތައް ލިބިފައިވޭތޯއާއި ކުރިއަށް ދާން ބޭނުން ވަނީ ވަކީލަކާއެކު ނުވަތަ ނޫންތޯ ސާފު ކުރުމަށެވެ.
އެގޮތުން، އަޑުއެހުމުގައި ދެ މީހުން ވެސް ބުނީ، ކުރިއަށް ދާން ބޭނުން ވަނީ ވަކީލަކާ އެކުގައި ކަމަށާއި ވަކީލަކު ހަޖައްސާނީ އަމިއްލައަށް ކަމަށެވެ.
މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ، ލިޔެކިޔުންތައް ހަވާލުކޮށްފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ، ދެން ވަކީލަކު ހަމަޖައްސަން ލިބޭނީ ދިހަ ދުވަސް ކަމަށެވެ.
މީގެއިތުރުން، މައްސަލައިގެ ދެވަނަ އަޑުއެހުން ދިހަ ދުވަސް ފަހުން ބޭއްވުމަށް ނިންމާފައިވާއިރު، އެހާ ތަނަށް ދެ މީހުންގެ ފަރާތުން ވަކީލަކު ހަމަޖައްސާފައި ނުވި ނަމަވެސް މައްސަލަ ކުރިއަށް ގެންދިޔުމަށް ގާޒީ ވަނީ ނިންމަވާފައެވެ.
ކޭޕާކުގެ ފްލެޓްތައް އޮޅުވާލައިގެން ވިއްކައި ފައިސާ ނެގި މައްސަލަ ހަންބޯ ކުންފުންޏާއި އާބަންކޯއިން ވަނީ ފުލުސް އޮފީހަށް ހުށަހަޅައިފައެވެ. އަދި, ކޭޕާކު ރެސިޑެންސްގެ އެޕާޓްމެންޓްތައް ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔެކިޔުންތަކެއް ބޭނުންކޮށްގެން، މަކަރާއި ހީލަތުން އެކި ފަރާތްތަކަށް ވިއްކައި ލިބުނު ފައިސާއަށް ޚިޔާނަތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައި ހުރި މަންޑޭގެ ޕެންޓުހައުސްގައި ހުރި ތަކެތީގެ ވަރަށް ތަފުސީލީ މައުލޫމާތު ޕީޖީ ހުސައިން ޝަމީމް ވަނީ ނޫސްވެރިންނަށް އަރުވައިފައެވެ.
ތަހުގީގުގެ ތެރެއިން އެ ޕެންޓްހައުސްގެ އަގު އޭރު ބެލި އިރު އަގު ހުރީ 7.8 މިލިއަން ރުފިޔާގައި ކަމަށާއި އެ ތަނުގައި ހުރި މުދާ ބަލައި ފާސްކުރިއިރު ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާގެ މުދާ ފެނުނު ކަމަށް އޭނާ ވިދާޅުވިއެވެ.
ހަންބޯ ކުންފުނިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ބޭންކް އެކައުންޓް ހުޅުވާފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ނަމަވެސް ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށް، ބީއެމްއެލްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް ބައެއް ކަސްޓަމަރުންގެ އަތުން މަމްދޫހް ފައިސާ ހޯދާފައިވެއެވެ.
އެ އެކައުންޓަށް ގިނަ އަދަދެއްގެ ރައްޔިތުން ޖަމާކުރި ފައިސާ ވެސް އެ އެކައުންޓުން މަމްދޫހު ނަގާފައިވާ ކަމަށް ހަންބޯއިން ތުހުމަތުކުރެއެވެ.
އެ ތުހުމަތުތައް ދޮގުކޮށް، މަންޑޭ މީގެ ކުރިން ބުނެފައިވަނީ ކޭޕާކް ޕްރޮޖެކްޓް މައްސަލައިގައި ރާއްޖޭގެ ލޯކަލް އެޖެންޓުގެ ހިއްސާދާރުންގެ މެދުގައި މައްސަލަޖެހިފައިވާ ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. މަންޑޭ ވަނީ އެ މައްސަލައާ ގުޅިގެން ކޭޕާކް އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އޭނާގެ އެއްބާރުލުން ލިބޭނެކަމަށް ބުނެފައެވެ.