ދިވެހިބަހާއި ތާރީޚު ދަސްކޮށްދިނުމަށް މިހާރު ވަކި ނިޒާމެއް އޮންނަން ޖެހޭ: އާދަމް ނަސީރު

މިނިސްޓަރު އާދަމް ނަސީރު: ވިދާޅުވ މިއަދުގެ ކުދިންނަށް ދިވެހި ބަހާއި ތާރީޚު ދަސްކޮށްދިނުމަށް ވަކި ނިޒާމެއް އޮންނަން ޖެހޭ ކަމަށް -- ސަން ފޮޓޯ/ މާހިލް އާތިފް

މިއަދުގެ ކުދިންނަށް ދިވެހި ބަހާއި ތާރީޚު ދަސްކޮށްދިނުމަށް ވަކި ނިޒާމެއް އޮންނަން ޖެހޭ ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވަޒީރު އާދަމް ނަސީރު ވިދާޅުވީ، ޒުވާނުންނަށް ދިވެހިންގެ އަމިއްލަވަންތަކަމާއި ސަގާފަތް ނޭނގޭ ކަމަށްބުނެ 'ކަތި އިނގިލި' ދިއްކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. ސަބަބަކީ ޒުވާނުންނަށް އިނގޭނީ ކުޑަކުދިންގެ ގޮތުގައި ތިއްބައި އެމީހުންނަށް އުނގަންނައިދިން އެއްޗެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފަތްތޫރަ: ވަޒީރު އާދަމް ނަސީރު ވިދާޅުވީ މިއަދުގެ ކުދިންނަށް ދިވެހި ބަހާއި ތާރީޚު ދަސްކޮށްދިނުމަށް ވަކި ނިޒާމެއް އޮންނަން ޖެހޭ ކަމަށް--

އެގޮތުން، ޒުވާނުންނަށް ކަންކަން ކިޔައިދޭން ޖެހޭ ގޮތަށް ކިޔަދިނުމުން އެކަންތައް ގަބޫލުކޮށް، ބަލައިގަންނަކަން ވަޒީރުގެ ތަޖުރިބާއިން އެނގިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުއްޖަކު ބޮޑުވެގެން އަންނަ ވަކި ދުވަސްވަރެއްގައި އެކުއްޖާއަށް ބަސް ދަސްވަނީ. އެ ކުއްޖާއަށް ސަގާފަތް ދަސްވަނީ. އެ ކުއްޖާއަށް އެނޫން ވެެސް އެ ބަޔެއްގެ ވަށައިގެން ހުންނަ ކަންކަން ދަސްވަނީ. އެހެންވީމަ މިއަދުގެ ކުދިންގެ ތެރެއިން އެ ފުރުސަތު ލިބެނީ ކިތައް ކުދިންނަށްތޯ ބަލާލަން އެބަ ޖެހޭދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް

އެހެންވެ، މި ޒަމާނުގެ ކުދިންނަށް ދިވެހިންގެ ސަގާފަތާއި ތާރީޚު ދަސްކޮށްދިނުމަށް ވަކި ކަހަލަ ނިޒާމުތަކެެއް އިސްލާހުވެ، ރަނގަޅުވާން ޖެހޭ ކަމަށާއި އެކަމަށް ޚާއްސަ ފުރުސަތުތަކެއް ފަހިވާން ޖެހޭ ކަމަށް އާދަމް ނަސީރު ވިދާޅުވިއެވެ.

ދިވެހި ދިދަ: ވަޒީރު އާދަމް ނަސީރު ވިދާޅުވީ މިއަދުގެ ކުދިންނަށް ދިވެހި ބަހާއި ތާރީޚު ދަސްކޮށްދިނުމަށް ވަކި ނިޒާމެއް އޮންނަން ޖެހޭ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ވަޒީރު އާދަމް ނަސީރު އިތުރަށް ވިދާޅުވީ، އޭއައި ނުވަތަ މިޒަމާނުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދިވެހި އާ އުފެއްދުންތައް އުފައްދަން ޖެހޭ ކަމަށެވެ. އެ އުފެއްދުންތަކަކީ ދިވެހި ތާރީޚުގެ ވާހަކަތައް ނުވަތަ ފިލްމުތަކެއް ކަމުގައި ވީނަމަވެސް، ހުންނަން ޖެހޭނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެފަދަ އުފެއްދުންތައް ހުންނަ ގޮތަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގަ ޓެކްނޮލޮޖީ މޮޅުވެގެން އަދި ނަތީޖާ ހާސިލެއް ނުކުރެވޭނެ. މޮޅުވާން ޖެހޭ ޓެކްނޮލޮޖީ، މޮޅުވާންޖެހޭ އެ ބޭނުން ކުރާ މިހާ، މޮޅުވާން ޖެހޭ އެ ބޭނުން ކުރާ ގޮތް. އެއަށް ލިޔެވޭ ވާހަކަ، އެއަށް ކުރެހޭ ކުރެހުން، މިހުރިހާ އެއްޗެއް ދިމާވާންޖެހޭ. އެ ދިމާވާންޖެހޭނެ ދިވެހިންގެ އަސްލުތަކާއި ދިވެހިންގެ ތަޖުރިބާތަކާދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް

އެ ހުރިހާ ކަމެއް ހާސިލްވުމުން، އަދުގެ ޖީލު ދިވެހި ބަހާއި ތާރިޚާއި މި ފަސްގަނޑު ދެކެ ލޯބިވާނެ ކަމަށް ވަޒީރު އާދަމް ނަސީރު ވިދާޅުވިއެވެ.

comment ކޮމެންޓް