ޓިކްޓޮކްގެ "ސައުންޑް ސާޗް" ފީޗާ ތަޢާރަފުކޮށްފި

ޓިކްޓޮކް: މިހާރު ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު އެއް ޕްލެޓްފޯމް -- ފޮޓޯ/ މިކްސިން

ޓިކްޓޮކްގައި ދައުރުވަމުންދާ ގިނަ ލަވަތަކާއި ޓްރެންޑްތައް ދެނެގަތުމަށް ފަސޭހަވާނެ އައު ފީޗާއެއް ތަޢާރަފުކޮށްފިއެވެ.

ޓެކްކްރަންޗްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، "ސައުންޑް ސާޗް" ފީޗާއިން ލަވައެއް ހަމްކޮށްގެން ނުވަތަ ކިޔައިގެން އެ ލަވައެއް ބޭނުންކޮށްގެން ހަދާފައިވާ ވީޑިއޯތައް ހޯދިދާނެއެވެ.

މި ފީޗާގެ ސަބަބުން ޓިކްޓޮކް ވަނީ ޔޫޓިއުބްއާއި ޝަޒާމްއަށްވުރެ ކުރިއަރައިގެން ގޮސްފައެވެ.

ޔޫޓިއުބްގައި ވެސް ލަވައެއް ހަމްކޮށްގެން ހޯދިދާނެއެވެ. ނަމަވެސް އެ ލަވަ ބޭނުންކޮށްގެން ހަދާފައިވާ ވީޑިއޯތައް ނުދައްކައެވެ. އަދި ޝަޒާމްގައި ލަވަ ހޯދޭނީ އަސްލު ލަވަ ޖަހައިގެން އެކަންޏެވެ.

ޓިކްޓޮކްގެ ސައުންޑް ސާޗް އެންމެ ރަނގަޅަށް މަސައްކަތްކުރަނީ އެޕްގެ އެންމެ މަގުބޫލު ލަވަތަކަށެވެ. ބައެއް ހާލަތްތަކުގައި ލަވައިގެ ލިރިކްސް ކިޔުމުން އެ ލަވައިގެ ބަދަލުގައި އެ ބަހެއް ނުވަތަ ޓޮޕިކެއް ހިމެނޭ ވީޑިއޯއެއް ދައްކައިފާނެއެވެ.

މި އައު ފީޗާ ބޭނުންކުރެވޭނީ ސާޗް ބާގައި މައިކްރޯފޯނު އައިކަން ފެންނަ ތަނުން ސައުންޑް ސާޗް ސެލެކްޓް ކޮށްގެންނެވެ.

ޓިކްޓޮކް ބޭނުންކުރާ މީހުންނަށް މިހާރު ދޫކުރަމުންދާ މި ފީޗާ މިހާތަނަށް ލިބެން ހުންނާނީ ވަކި ސަރަހައްދުތަކެއްގެ މަދު ބަޔަކަށެވެ. ނަމަވެސް ކުރިއަށްއޮތް ދެތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޓިކްޓޮކް ބޭނުންކުރާ އެންމެންނަށް ވެސް މިފީޗާ ލިބޭނެކަމަށް ބެލެވެއެވެ.

comment ކޮމެންޓް