އީސީން ލަފާ ދިނީ އަތޮޅަކަށް 2 މެންބަރުން އިންތިޚާބުކުރަން

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު: މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މިއަދު ފުއާދު ވިދާޅުވީ މެންބަރުންގެ އަދަދު 77ކަށް މަދުކުރަން -- ސަން ފޮޓޯ

ކޮންމެ ދައުރެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުން އަންނަ އައުމަށް ހައްލެއް ގެނައުމަށްޓަކައި މެންބަރުންގެ އަދަދު 77 އަށް މަދުކޮށް، އަތޮޅަކަށް ދެ މެންބަރުން އިންތިޚާބުކުރުން ރަނގަޅު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ލަފާދީފިއެވެ.

މެންބަރުންގެ އަދަދު މަދުކުރާ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝުޖާއެވެ. މަޖިލިސް ތަޅުމުގައި ބަހުސްކުރުމަށް ފަހު މިހާރު މި ގަރާރުގެ މަސައްކަތް އޮތީ ކޮމިޓީ މަރުހަލާގައެވެ.

ކޮމިޓީން އަންނަނީ ކަމާ ގުޅުން ހުރި އިދާރާތަކާއެކު އެ ކަމަށް ޚިޔާލު ހޯދާ ދިރާސާތައް ކުރަމުންނެވެ. އެ ގޮތުން، މަޖިލީހުގައި މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމަށް ވަނީ އީސީގެ މެންބަރުން ހާޒިރުކޮށްފައެވެ.

އެ ބައްދަލުވުމުގައި އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، އެއް ދައުރުން އަނެއް ދައުރަށް މެންބަރުންގެ އަދަދު އިތުރުވެ، އެ އަދަދު ލިމިޓްނުކުރުމުގެ ސަބަބުން ބައެއް އިންތިޚާބުތަކުގައި މުޅި ދާއިރާ އެއްކޮށް ބަދަލުކުރަން ޖެހޭ ހާލަތާ ދިމާވާ ކަމަށެވެ.

އެ ގޮތުން، އީސީން ވިސްނާ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ މެންބަރުންގެ އަދަދު 77 އަށް މަދުކޮށް ކޮންމެ އަތޮޅަށް ދެ ގޮނޑި ލިބޭ ގޮތަށް ހެދުން ކަމަށް ފުއާދު ވިދާޅުވިއެވެ. އަދި، ބާކީ ގޮނޑިތައް އާބާދީއަށް ބަލާ ބަހާލުމަށް އޭނާ ހުށަހެޅުއްވިއެވެ.

އަޅުގަނޑުމެން ވިސްނާފައި މިވާގޮތަކީ ކޮންމެ އަތޮޅަކަށް ދެ ގޮނޑި ދިނުން. މިސާލަކަށް 77 ކަމަށް ވާނަމަ ފުރަތަމަ މާލެއަށް ދެ ގޮނޑިއާ ކޮންމެ އަތޮޅަކަށް ދެ ގޮނޑި ދިނީމާ 42 ގޮނޑި. ދެން ބާކީ އިންނާނީ 35 ގޮނޑި. ދެން އެ 35 ގޮނޑިއަކީ އާބާދީގެ ނިސްބަތުން އަތޮޅުތަކަށް ބަހާލެވޭ ގޮނޑިތަކެއް، އީސީގެ ރައީސް ފުއާދު ތައުފީގު

ފުއާދު ވިދާޅުވީ، 77ގެ ނިސްބަތުން ބަހާލުމުން 2050 އާ ހަމައަށް އެއްވެސް ގޮތަކަށް ދާއިރާ ބަދަލުނުކޮށް ރައްޔިތުންނަށް މަޖިލިސް އިންތިޚާބުގައި ވޯޓު ލެވޭނެ ކަމަށެވެ.

އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގައި މެންބަރުންތަކެއް: މިއަދު އީސީން ވަނީ އެ ކޮމިޓީއަށް ހާޒިރުވެ މެންބަރުންގެ އަދަދު ދަށްކުރުމަށް ލަފާ ދީފައި -- ފޮޓޯ/ މަޖިލިސް

އެ ގޮތަށް "ކެޕް އެޅުވިފައި" އިނުން އެއީ އީސީން ބޭނުންވާ ގޮތް ކަމަށް ފުއާދު ވިދާޅުވިއެވެ.

އެހެންނަމަވެސް, އީސީގެ މި ހުށަހެޅުމުގެ ބަދަލުގައި މަޖިލީހުން އެހެން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް އެ ކޮމިޝަންގެ މައްސަލައެއް ނެތް ކަމަށް ފުއާދު ވިދާޅުވިއެވެ.

އަޅުގަނޑުމެން އެކިއެކި ފޯމިއުލާތައް ބަލާއިރު 72-80 އާ ދެމެދު މި އޮންނަނީ. އެ ގޮތަށް ބަލާއިރު އިންޓަނޭޝަނަލީ އެންމެ ގަބޫލުކުރާނެ އަދަދެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ އަދަދަކަށްވާތީ އެ ވާހަކަ ހިއްސާކޮށްލަން، އީސީގެ ރައީސް ފުއާދު ތައުފީގު

ފާހަގަކޮށްލެވޭ ގޮތުގައި މަޖިލިސް މެންބަރުންގެ އަދަދު މަދުކުރުމުގެ ގަރާރަށް ބަހުސްކުރިއިރު، މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހަކުން މަޖިލިސް މެންބަރަކަށް ތިބޭ 5،000 ރައްޔިތުން، 10،000އަށް ބަދަލުކުރަން ހުށަހަޅާފައެވެ.

އޭރުން މަޖިލީހުގައި ގޮނޑީގެ އަދަދު 71 ގައި ހިފެހެއްޓި، ކުރިއަށް އޮތް 25 އަހަރު ތެރޭގައި އެ އަދަދު 70 ގެ ތެރޭގައި ހިފެހެއްޓޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: އޭނާ ވަނީ ކައުންސިލަރުން މި ދަނޑިވަޅުގައި ބޭރު ދަތުރުކުރާތީ ކަންބޮޑުވުން ފާޅުކުރައްވާފައި -- ފޮޓޯ/ މަޖިލިސް

އެ ބަހުސްގައި ޕީއެންސީއަށް ނިސްބަތްވާ ގިނަ މެންބަރުން ވަނީ ނާޒިމްގެ ވާހަކައަށް ތާއީދުކުރައްވާ، ޝުޖާއު ހުށަހެޅުއްވި ހުށަހެޅުއްވުމަކީ ވަރަށް ރަނގަޅު ގަރާރެއްކަން ފާހަގަކުރައްވާ ވާހަކަދައްކަވާފައެވެ. ޕީއެންސީން ހުށަހެޅި މި ގަރާރަށް ތާއީދު ކުރައްވާކަމަށް މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.

ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން އިންތިޚާބުކުރަންވާނެ ކަމަށެވެ.

އަދި، އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ 5،000 އަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ 5،000 މީހުންނަށްވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް ހުންނަންވާނެ ކަމަށެވެ. އެހެންވެ، ކޮންމެ ދައުރެއްގައި މެންބަރުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 17 ވަނަ މަޖިލީހަށް އިންތިޚާބުކުރީ 77 މެންބަރުންނެވެ. ނަމަވެސް، 18 ވަނަ މަޖިލީހުގައި އެ އަދަދު 85 އަށް އިތުރުވިއެވެ. މިދިޔަ 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިބިއިރު މި ހިނގާ މަޖިލީހުގައި 93 މެންބަރުން އެބަތިއްބެވެ.

comment ކޮމެންޓް