ރާއްޖޭގައި ބޭރު ފައިސާ ނުހިފެހެއްޓެނީ ބޭންކިން ދާއިރާ ކުޑަވީމާ ކަމަށާއި އެންމެ މުހިންމު އެއް ކަމަކަށް ލިބޭ އެއްޗަކާ އެއްވަރަށް ދައުލަތުގެ ޚަރަދުތައް ކުޑަކުރަންޖެހޭ ކަމަށް ކުރީގެ މާލީ ވަޒީރު އަދި މިހާރު މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރުކަމަށް އައްޔަންކުރައްވަން އުޅުއްވާ އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
މުނައްވަރު އެމްއެމްއޭގެ ގަވަރުނަރުކަމަށް އައްޔަންކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނަން ފޮނުއްވީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުއެވެ. އެއީ، އޭރު ހުންނެވި ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން އެ މަނިކުފާނަށް އެރުވި ލަފަޔާ އެއްގޮތަށް އޭނާ މަގާމުން ވަކިކުރުމަށް ފަހުގައެވެ.
މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ގަވަރުނަރުކަމަށް މުނައްވަރު އައްޔަންކުރަން ފެނޭތޯ ބަލަން އޭނާއާ އިންޓަވިއޫކޮށްފައެވެ.
ބޭރު ފައިސާގެ މައްސަލައާ ގުޅޭ ގޮތުން ކޮމިޓީގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، ދިވެހި ބޭންކްތަކުން ވެސް ރިސޯޓެއް ތަރައްގީ ކުރެވޭ ވަރަށް ފައިސާ ދެވެންޖެހޭނެ ކަމަށެވެ. އެކަމަކު، މިހާރު އެ ކަން ނުވަނީ ބޭންކިން ދާއިރާގައި އެ ގާބިލުކަން ނެތުމުންކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންވެ، ބޭންކިން ދާއިރާ އިތުރަށް ފުޅާކުރަން އިސްކަންދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މުނައްވަރު ވިދާޅުވީ، މެކްރޯ ލެވެލްގައި ވެސް ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެ ގޮތުން، ރާއްޖެއަށް ފަތުރުވެރިކަމުން ލިބެމުން އައި އާމްދަނީ ދަށްވުމާއި އެމްއެމްއޭއިން ގާތްގަނޑަކަށް އަށް ބިލިއަން ރުފިޔާ ޗާޕުކުރުމަކީ ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި ޗާޕުކުރި ފައިސާގެ ތެރެއިން ހަ ބިލިއަނެއްހާ ރުފިޔާ މިހާރު ވެސް ބޭންކްތަކުގައި އެބަހުއްޓެވެ.
ޑޮލަރުގެ ބްލެކް މާކެޓު އުފެދެނީ އިގުތިސާދުގައި ދައުރުވާ ޑޮލަރާ އެއްވަރަށް ދިވެހި ރުފިޔާ ނެތުމުން ކަމަށާއި އެ މައްސަލަ ހައްލުކުރަން ދައުލަތުގެ ޚަރަދުތައް ވެސް އާމްދަނީއާ އެއްވަރަށް ކުޑަކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. އެ ގޮތުން، 2017 ހިސާބުގައި ދަރަންޏަށް ދައްކަނީ ޖުމުލަ ބަޖެޓުގެ ގާތްގަނޑަކަށް އަށް އިއްސައްތަ ނަމަވެސް މިހާރު އެ އަދަދު 11 ނުވަތަ 12 އިންސައްތައަށް އިތުރުވިކަން އޭނާ ފާހަގަކުރެއްވިއެވެ.
"ޑޮލަރުން ލިބޭ އާމްދަނީގެ ވަރަށް ބޮޑު ބައެއް ހޭދަކުރަން އެބަޖެހޭ ލޯނުތައް އަދާކުރުމަށްޓަކައި،" މުނައްވަރު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
"މި ކަންތައްތައް ހައްލުކުރުމަށްޓަކައި ފުރަތަމަ ކަމަކަށް މެކްރޯ ލެވެލްގައި ސަރުކާރުގެ ޚަރަދުތައް ކުޑަކުރެވި، ލިބޭ އާމްދަނީއަކާ އެއްވަރަށް ކުޑަކުރެވެން ޖެހޭ.... ރިޒާވް އިތުރު ނުކުރެވޭނަމަ ބްލެކް މާކެޓު ފުހެލުމަށް ދަތިތަކެއް ކުރިމަތިވާނެ،"
އޭނާ ވިދާޅުވީ، ސަރުކާރު ކުންފުނިތައް ވެސް ވަރަށް ބޮޑަށް ފުޅާވެ، އިތުރު ވިޔަފާރިތަކަށް ވަދެފައިވާ ކަމަށެވެ.
"ޓޫރިޒަމް އިންޑަސްޓްރީން ވަންނަ ފައިސާ ރާއްޖޭގެ ބޭންކިން ނިޒާމުތަކަށް ވެއްދޭނެ ގޮތްތަކެއް އަޅުގަނޑުމެން ބަލަން ޖެހޭ. އެ ކަމުގައި އަޅުގަނޑު ގަބޫލުކުރަނީ އެމްއެމްއޭގެ ރޯލު ވަރަށް ބޮޑޭ. ގާނޫނަށް ވެސް ގެންނަންޖެހޭ އިސްލާހުތަކެއް ހުރި ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" މުނައްވަރު ވިދާޅުވިއެވެ.
އޭގެ އިތުރަށް ރާއްޖެއިން ޑޮލަރު ބޭރުކުރަނީ ކޮން ބަޔަކު ކޮން ދިމާލަކުންތޯ ހުރިހާ ކަމެއް ވެސް އެމްއެމްއޭއަށް ސީދާކޮށް އެނގޭނެ ގޮތަކަށް ގާނޫނުތަކަށް ބަދަލު ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގައި ބޭރު ފައިސާގެ މައްސަލަ ވަނީ ބޮޑުވެފައެވެ. ބޭރު ފައިސާއިން ލިބޭ އާމްދަނީގެ ބޮޑު އިންސައްތައެއް ދަރަންޏަށް ދައްކަންޖެހޭއިރު ޚަރަދު ކުޑަކުރުން ނޫން ގޮތެއް މިހާރު ނެތް ކަމަށް ވޯލްޑް ބޭންކުން ވެސް ވަނީ ބުނެފައެވެ.
ރާއްޖޭގައި ޑޮލަރު ރޭޓު މިހާރު ވަނީ 18 ރުފިޔާއިން މައްޗަށް އަރައިފައެވެ.
އިންޓަވިއޫއަށް ފަހުގައި މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ އެވްރެޖްކޮށް މުނައްވަރަށް 70 އަށްވުރެ ގިނަ މާކްސް ލިބުނުކަން ފާހަގަކުރައްވައި އޭނާ މަގާމަށް އައްޔަންކުރަން ލަފާދޭން ފެންނަ ކަމަށް ފާސްކުރަން ހުށަހަޅުއްވައިފައެވެ. އެ ހުށަހެޅުން ކޮމިޓީން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވީ މެންބަރުންގެ އިއްތިފާގުންނެވެ.