ފަތުރުވެރިކަމުގެ ދާއިރާއިން ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފަސް މިލިއަން ޑޮލަރު 17 ދުވަހުން ހޯދާފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ރޭ ވިދާޅުވެއްޖެއެވެ.
ދައުލަތަށް ލިބެންޖެހި ނުލިބި ހުރި ފައިސާތައް ހޯއްދަވާނެ ކަމަށާއި އޭރުން ދަރަނީގެ މައްސަލަ ހައްލުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
'ސަންގު ޓީވީ'ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިހާރު ހިންގަމުން އަންނަ ރިސޯޓުތަކުން ދައުލަތަށް ލިބެންޖެހޭ 78.5 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ. އެ ގޮތުން، އެ ފައިސާ ހޯދުމަށް މަސައްކަތް ކުރާނީ ވިޔަފާރިވެރިންނާ ވާހަކަދައްކައިގެން ދެ ފަރާތަށް އެއްބަސްވެވޭ ގޮތަކަށް ކަމަށް ފައިސަލް ވިދާޅުވިއެވެ.
އޭގެ ތެރެއިން ދައުލަތަށް ފައިސާ ދައްކަން ޖެހޭ ރިސޯޓުތަކަށް ނޯޓިސް ފޮނުވައިގެން މިހާތަނަށް ފަސް މިލިއަން ޑޮލަރު ލިބިފައިވާއިރު، ރިސޯޓުތައް ހަދަމުން އަންނަ ރަށްތަކުން 173 މިލިއަން ޑޮލަރު ނުލިބި އެބަހުރި ކަމަށް ފައިސަލް ވިދާޅުވިއެވެ.
ދެން އަޅުގަނޑުމެން މި ދަނީ، މި ފައިސާ އެ ވިޔަފާރިވެރިންނަށް ލުއި ގޮތްތަކަކާ އެކީގައި ދެއްކޭނެ ގޮތެއް [ހޯދަން މަސައްކަތް ކުރަމުން]. އެންމެ ދިގުވެގެން ފަސް އަހަރު ތެރޭ މި ފައިސާ ދައުލަތަށް ދައްކަން ހަލާސް ކުރަންވާނެ، ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް
ވަޒީރު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއިން ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކުރަނީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަމަށްވާއިރު، އެންމެ ގިނަ ފައިސާ ދައުލަތަށް ނުލިބި ހުރީ ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި ފީތަކުގެ ގޮތުގައި ކަމަށެވެ.
މީގެ އިތުރުން، ދައުލަތް މިހާ ބޮޑަށް ދަރަނިވެރިވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސިޔާސަތެއްގެ ސަބަބުން ނޫން ކަމަށާއި މިކަމުގެ ޒިންމާ ނަންގަވަންޖެހެނީ އެ ދަރަނިތައް އުފެއްދި ކުރީ ސަރުކާރުތަކުން ކަމަށް ވަޒީރު ގަބޫލުކުރައްވައެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ، ދައުލަތަށް ލިބެންޖެހޭ 13 ބިލިއަން ރުފިޔާ އެބަ ހުރި ކަމަށާއި އެ ފައިސާ ހޯއްދަވާނެ ކަމަށެވެ.
އެއީ، ގާނޫނީ ގޮތުން ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށާއި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ބިމު ކުއްޔަށް އެކަނި ވެސް ނުހޯދާ 513 މިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށް ރައީސް ވިދާޅުވިއެވެ. އެ ފައިސާ ހޯދުމުން ދަރަނީގެ މައްސަލަ މި ވަގުތަށް ހައްލުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.