އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑް އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާއަށް މިހާރު ކުރަމުންދާ ޕްރީ ސީޒަން ޓުއާގައި ކުޅުނު ރަހުމަތްތެރިކަމުގެ މެޗު އާސެނަލުން ކާމިޔާބުކޮށްފިއެވެ.
ލޮސް އެންޖަލިސްގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 2-1 އިންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އާސެނަލުން ގިނައިރު ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ.
މެޗުގެ ފެށުން ރަނގަޅުވީ ޔުނައިޓެޑްގެއެވެ. މި ގޮތުން މެޗުގެ 10 ވަނަ މިނެޓުގައި އެ ޓީމުގެ ފޯވަޑް ރަސްމުސް ހޮއިލަންޑްވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ޔުނައިޓެޑަށް ނަގައިދީފައެވެ. ނަމަވެސް، މި ލަނޑު ޖެހިތާ ފަސް މިނެޓް ފަހުން ހޮއިލަންޑްވަނީ އަނިޔާވެގެން ބާލަން ޖެހިފައެވެ.
މީގެ އިތުރުން، ޔުނައިޓެޑާ ވަރަށް ފަހުން ގުޅުނު ޒުވާން ޑިފެންޑާ ލެނީ ޔޯރޯ ވެސް އަނިޔާވެގެން ބާލަން ޖެހިފައެވެ. މިދިޔަ ސީޒަންގައި ވެސް އަނިޔާގެ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހުނު ޔުނެއިޓެޑަށް ސީޒަނަށް ތައްޔާރު ވާން ފެށިތާ މާ ގިނަ ދުވަހެއް ނުވެ، ޓީމުގެ މުހިންމު ދެ ކުޅުންތެރިޔަކަށް އަނިޔާވުން މިއީ ކޯޗު އެރިކް ޓެން ހާގު ބޭނުންވާނެ ގޮތެއް ނޫނެވެ.
މުހިންމު ދެ ކުޅުންތެރިން މެޗުގެ ކުރީކޮޅު ބާލަން ޖެހުމުގެ އިތުރުން މެޗުގެ ކުޅުން ވެސް އެހާ ހިސާބުން ބަދަލުވެގެންދިޔަތަން ފެނިގެންދިޔައެވެ.
މެޗުގައި އާސެނަލުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 26 ވަނަ މިނެޓުގައި ޖަހާ އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ބްރެޒިލްގެ ފޯވަޑް ގެބްރިއެލް ޖޭސުސްއެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާ އޮވެގެންނެވެ.
މި ވަގުތު ތިބި ކުޅުންތެރިންނަށް ބަލާއިރު ދެ ޓީމުން ވެސް ނެގެން އޮތް އެންމެ ވަރުގަދަ ޓީމާ އެކު ފެށި ނަމަވެސް ދެވަނަ ހާފުގައިވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ. މެޗުން އާސެނަލް މޮޅުވި ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ޖަހައިދިނީ ދެވަނަ ހާފުގައި ކުޅެން އެރި ގެބްރިއެލް މާޓިނެއްލީއެވެ. މި ލަނޑާ އެކު މެޗު 2-1 އިން ކާމިޔާބުކޮށްފައިވަނީ އާސެނަލްއެވެ.