ބޮލީވުޑްގެ އެކްޓަރު ވަރުން ދަވަންގެ ކެރިއަރުގެ ފުރަތަމަ ވެބް ސީރީޒް "ސިޓަޑެލް:ހަނީ ބަނީ" ރިލީޒްކުރާނެ ތާރީޚެއް ވަރަށް އަވަހަށް އިއުލާނުކުރާނެކަމުގެ އިޝާރާތެއް އެކްޓަރު ދީފިއެވެ.
ވަރުންގެ އިތުރުން މި ވެބް ސީރީޒްގެ މޭސްތިރިން ކަމަށްވާ މަޝްހޫރު ޑައިރެކްޓަރުން ރާޖާއި ޑީކޭ ވެސް ވަނީ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި އެކަން އިއުލާނުކޮށްފައެވެ. ވަރުން މީގެ އެއް ދުވަސްކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައިވަނީ ކުރިއަށް އޮތް އޮގަސްޓް މަހުގެ އެއްވަނަ ދުވަހަކީ ވަރަށް ޚާއްސަ ދުވަހެއް ކަމަށާއި އުފާވެރި ޚަބަރަކަށް އިންތިޒާރުކުރާ ކަމަށެވެ.
މި ވެބް ސީރީޒްގެ ލީޑް ރޯލް ކުޅޭ މުހިއްމު އެކްޓަރުގެ މި ޕޯސްޓާ އެކު ބެލުންތެރިންގެ އުއްމީދުތައް އާވެ ދިގު އިންތިޒާރެއް ކުރަމުން އަންނަ "ސިޓަޑެލް: ހަނީ ބަނީ" މާ ލަސްތަކެއްނުވެ، ބެލުންތެރިންނަށް ފެންނާނެކަމުގެ ކުލަވަރުތައް ފެންނަން ފަށައިފި ކަމަށް އެއްބަޔަކު ވަނީ ބުނެފައެވެ.
ވަރުން ދަވަންގެ އިތުރުން ސައުތު ސިނަމާގެ ކާމިޔާބު ބަތަލާ ސަމަންތާ ރުތު ޕްރަބޫ މުހިއްމު ރޯލް ކުޅޭ މި ސީރީޒްއަކީ މިދިޔަ އަހަރުގެ ކުރީކޮޅު އެމޭޒަން ޕްރައިމްއިން ގެނެސްދިން ޕްރިޔަންކާ ޗޯޕްޅާއާއި ރިޗަޑް މެޑެންގެ "ސިޓަޑެލް"ގެ އިންޑިއާގެ ބައެކެވެ.
ރިލީޒްކުރާނެ ދުވަހަކަށް ގިނަ ބަޔަކު އިންތިޒާރުކުރާ މި ސީރީސް އިއުލާނުކޮށްފައިވަނީ 2022ވަނަ އަހަރުގެ ފަހުކޮޅުއެވެ. މިދިޔަ އަހަރުގެ ކުރީކޮޅު ސީރީޒްގެ މަސައްކަތް ފަށާ ވަރަށް ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. މި ސީރީޒްގެ ބޮޑު ބައެއް ޝޫޓްކޮށްފައިވަނީ ސާބިއާގެ އިތުރުން އިންޑިއާގައެވެ. މި ސީރީޒްގެ ބަތަލާ ސަމަންތާ ފިލްމީ މަސައްކަތްތަކުން މިވަގުތު ބްރޭކެއް ނަގައިގެން ހުރިއިރު ވަރުންގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރާ ފިލްމު "ބޭބީ ޖޯން"އެވެ.