މިއަހަރު ދިވެހިބަހުގެ އެކެޑަމީން ބާއްވާ އަދަބީ ބައެއް މުބާރާތްތަކުގައި ބައިވެރިވާ ދަރިވަރުންނަށް އެ އެކެޑަމީން ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
އެގޮތުން މިއަދު ކުރިއަށް ގެންދިޔައީ، އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 39ވަނަ ޤައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތާއި ހުތްޢަލިދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 27ވަނަ ޤައުމީ މުބާރާތާ ގުޅިގެން ދަރިވަރުންނަށް ތަމްރީނު ދިނުމުގެ ދަންފަޅިތަކެކެވެ.
މަޒުމޫނު ލިޔުމުގެ މުބާރާތަށް ދަރިވަރުން ތައްޔާރުކުރުމުގެ ގޮތުން މިއަދު ހެނދުނު 10:00އިން 12:00އަށް ބޭއްވި ދަންފަޅީގައި ދަރިވަރުންނަށް މައުލޫމާތުދެއްވީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދާރިސް އަޙްމަދު ހާޝިމެވެ. މި ދަންފަޅީގައި 100އަށް ވުރެ ގިނަ އިސްކޫލުން ބައިވެރިވެފައިވެއެވެ.
ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ދަރިވަރުން ތައްޔާރުކުރުމުގެ ގޮތުން މިއަދު މެންދުރު 1:00އިން 3:00އަށް ބޭއްވި ދަންފަޅީގައި ދަރިވަރުންނަށް މައުލޫމާތުދެއްވީ، ކުޅަދާނަ ވާހަކަލިޔުންތެރިޔާ މުޙައްމަދު ޤާސިމެވެ. މި ދަންފަޅީގައި 90އަށް ވުރެ ގިނަ އިސްކޫލުން ބައިވެރިވެފައިވެއެވެ.
މީގެއިތުރުން، ޅެންހެދުމުގެ މުބާރާތަށް ދަރިވަރުން ތައްޔާރުކުރުމުގެ ގޮތުން މިއަދު ހަވީރު 4:00އިށް 5:00އަށް ވެސް ވަނީ ދަންފަޅިއެއް ބާއްވާފައެވެ. މި ދަންފަޅީގައި ދަރިވަރުންނަށް މައުލޫމާތުދެއްވީ، ކުޅަދާނަ ޅެންވެރިޔާ، އަދި ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޑިރެކްޓާ ޖެނެރަލް މުޙައްމަދު ޢާމިރު އަޙްމަދެވެ. މި ދަންފަޅީގައި 50އަށް ވުރެ ގިނަ އިސްކޫލުން ބައިވެރިވެފައިވެފައިވެއެވެ.
މި މުބާރާތްތަކަކީ މުޅި ރާއްޖެއަށް ހުޅުވައިލައިގެން ބާއްވާ މުބާރާތްތަކެކެވެ.
މި މުބާރާތްތައް ކުރިއަށް ދާނީ މުބާރާތްތަކުގައި ބައިވެރިވާ ބައިވެރިން ދިރިއުޅޭ ރަށެއްގައި، ތިބެގެން އެކެޑަމީން ކަނޑައަޅާ މަރުކަޒެއްގައި ވަގުތުން ލިޔާ ގޮތަށެވެ.
މި އަހަރުގެ މަޒުމޫނު ލިޔުމުގެ 39ވަނަ ގައުމީ މުބާރާތުގައި 999 ފަރާތަކުން ބައިވެރިވެފައިވެއެވެ. އަދި ކުރުވާހަކަލިޔުމުގެ 36ވަނަ ގައުމީ މުބާރާތުގައި 931 ފަރާތަކުން ބައިވެރިވެފައިވެއެވެ. މީގެއިތުރުން ޅެންހެދުމުގެ 27ވަނަ ޤައުމީ މުބާރާތުގައި 493 ފަރާތަކުން ބައިވެރިވެފައިވެއެވެ.
މި އަހަރުގެ އަދަބީ މުބާރާތްތަކުގައި މުޅި ރާއްޖޭން 96 އިސްކޫލަކުން 2340 ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި އަމިއްލަ ފަރާތްތަކުން 83 ފަރާތާ އެކު މި މުބާރާތްތަކުގައި ޖުމުލަ 2423 ފަރާތަކުން ބައިވެރިވެފައިވެއެވެ.