ތައުލީމީ ނިޒާމުގައި ހަމައެކަނި ދިވެހި މުދައްރިސުން ތިބޭގޮތަށް ހެދުމުގެ މަޝްރޫއެއް ފަށަނީ

ސްކޫލެއްގައި ޓީޗަރަކާއި ދަރިވަރުންތަކެއް: ތައުލީމީ ނިޒާމުގައި ހަމައެކަނި ދިވެހި މުދައްރިސުން ތިބޭގޮތަށް ހެދުމުގެ މަޝްރޫއެއް ފަށާކަން ރައީސް ވަނީ އިއުލާންކުރައްވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ތައުލީމީ ނިޒާމުގައި ހަމައެކަނި ދިވެހި މުދައްރިސުން ތިބޭ ގޮތަށް ހެދުމުގެ ބޮޑު މަޝްރޫއެއް އަންނަ ސެޕްޓެމްބަރު މަހު ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ތައުލީމީ ދާއިރާ ކުރިއެރުވުމަށް ކުރަންހުރި ކަންކަމަށް މިހާތަނަށް ނުވަ މިލިޔަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ލިބިފައިވާކަމަށެވެ.

"އޭގެ ދަށުން ގިނަ ކަންތައްތަކެއް ކުރެވިގެންދާނެ. މަތީ ސާނަވީއަށް ކިޔަވަން ދިވެހި ކޮންމެ ކުއްޖަކު ބޭނުންވޭ، ކޮންމެ އާއިލާއަކުން ބޭނުންވޭ، 23 ރަށެއްގައި 23 ސްކޫލެއްގައި މިހާރު އެވަނީ ފެށިފައި އިތުރަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު އެކި ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ދަރިވަރުން އެމަނިކުފާނުގެ އަރިހުން އެންމެ ބޮޑަށް އެދުނު އެއް ކަމަކީ ސްކޫލްތައް އޭސީކުރުން ކަމަށެވެ.

ރޭގެ ޖަލްސާގައި ރައީސް ވާހަކަދައްކަވަނީ: ގައުމިއްޔަތުގެ ދާއިރާއިން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

އެހެންވެ، ސްކޫލުތަކުގައި އޭސީ ހަރުކުރުމުގެ މަޝްރޫއު ވެސް މިހާރު ފަށާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގައުމިއްޔަތު ދިރުވައި އާލާކުރުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދުފުޅެވެ.

"އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ދަރިން ބޮޑުކުރަން ގައުމީ ލޯބީގައި، އިރާދަކުރެއްވިއްޔާ ގައުމިއްޔަތުގެ ދާއިރާއިން އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަ،" ރައީސް ވިދާޅުވިއެވެ.

އެ މަސައްކަތްތަކުގެ ތެރެއިން، މިހާރު ކީ ސްޓޭޖް 1 އަދި ކީ ސްޓޭޖް 2 ގައި މާއްދާއެއްގެ ގޮތުގައި ގައުމިއްޔަތު ކިޔަވައިދޭން ފަށާފައި، ސްކޫލް އެސެމްބްލީގައި މިހާރު ގައުމީ ސަލާން ކިޔަމުންދާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް