އެމްކިއުއޭއިން އެވިޑު ކޮލެޖަށް އެޅި ފިޔަވަޅު އުވާލައިފި

އެވިޑް ކޮލެޖް އޯޕަން ޑޭއާ ގުޅޭގޮތުން ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮލެޖުގެ ވެރިން --

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން އެވިޑް ކޮލެޖަށް އެޅި ފިޔަވަޅު އުވާލައިފިއެވެ.

އެމްކިއުއޭއިން އެ ކަން ހާމަކޮށްފައި ވަނީ އެކަމާ ގުޅުވާ މިއަދު ނެރެފައިވާ އިއުލާނެއްގައެވެ.

އެ އިއުލާނުގައި އެ އޮތޯރެޓީއިން ބުނެފައި ވަނީ ނިމިދިޔަ ޖޫން މަހުގެ 28ވަނަ ދުވަހު އެވިޑް ކޮލެޖަށް ފޮނުވާފައިވާ ސިޓީއާ ގުޅިގެން އެވިޑް ކޮލެޖަށް އެޅިފައިވާ ފިޔަވަޅުތައް މުރާޖާކުރުމަށް އެ ކޮލެޖާއެކު މި މަހުގެ 18ގައި މަޝްވަރާ ކޮށްފައި ވާނެކަމަށެވެ.

އަދި މަޝްވަރާ ކުރެވުނު ކަންތައްތަކަށް ރިއާޔަތްކޮށް މި މަހުގެ 22 ގައި އެމްކިއުއޭގެ ޓީމުން އެ ކޮލެޖަށް ޒިޔާރަތްކޮށް ފާހަގަކުރެވިފައިވާ ކަންތައްތައް ބެލުމަށްފަހު އެ ކަންތައްތައް ރަނގަޅު ކަމަށް ފެންނާތީ އެ ކޮލެޖަށް އެޅިފައިވާ ވަގުތީ ފިޔަވަޅުތައް އުވާލާފައި ވާކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

އެމްކިއުއޭއިން އެ ކޮލެޖަށް ފިޔަވަޅު އަޅާފައި ވަނީ ގަވާއިދާ ޚިލާފަށް ކޯސްތައް ހިންގާ މައްސަލައެއްގައެވެ.

އެމްކިއުއޭއިން އޭރު ވަނީ އެވިޑް ކޮލެޖަށް ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑާ ޚިލާފަށް އަދި ޕްރޮގްރާމް އެކްރެޑިޓޭޝަނާ ޚިލާފަށް ހިންގާ ކަންކަން ރަނގަޅު ކުރުމަށް އަންގާފައެވެ.

އަދި އިތުރު ޕްރޮގްރާމަކަށް އެކްރެޑިޓޭޝަނާއި ހިންގުމުގެ ހުއްދަ ދޫނުކުރާނެ ކަމަށް އޭރު ވަނީ ބުނެފައެވެ.

އަދި އެ ޕްރޮގްރާމްތައް ހުއްޓުމަށް އަންގާ ސަނަދު ދިނުމުގެ ހުއްދަ ދޫނުކުރުމަށް އެމްކިއުއޭއިން އޭރު ވަނީ ނިންމައިފައެވެ.

comment ކޮމެންޓް