މާލެއާއި ހުޅުމާލޭގެ ސީއެޗްއެސްއީއަށް ވަނުމަށް ފުރުސަތު ހުޅުވާލައިފި

ހުޅުމާލެ ސީއެޗްއެސްއީ: މާލެއާއި ހުޅުމާލޭގެ ސީއެޗްއެސްއީއަށް ވަނުމަށް ފުރުސަތު ހުޅުވާލައިފި ---- ފޮޓޯ/ އާރްސީސީ

މާލެއާއި ހުޅުމާލޭގެ ސެންޓާ ފޯ ސެކަންޑަރީ ހަޔާ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގައި ކިޔެވުމަށް ދަރިވަރުން ސުކޫލަށް ވެއްދުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

މިނިސްޓްރީން ބުނީ، ސީއެޗްއެސްއީއަށް ވަނުމަށް މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.

ސީއެޗްއެސްއީގެ ގްރޭޑް 11އަށް ވަނުމަށް ބޭނުންވާ ދަރިވަރުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އެސްއެސްއީ، އޯލެވެލް އަދި އައިޖީއެސްސީ އިމްތިހާނުން ފަސް މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން ހިމެނެއެވެ. އަދި ސައިންސް ސްރީމް ކުރިން ހަދާފައި ހުރި ކުއްޖެއްނަމަ، އާޓްސްއާއި ކޮމާސް ސްޓްރީމުން އޭލެވެލް ހަދަން ފުރުސަތު ދޭނީ ކުރިން ސައިންސް ސްރީމުން ހަދާފައި ހުރި މާއްދާތަކަށް ބަލައިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

މީގެއިތުރުން ރީޗެކްގެ ކުރިން ޝަރުތު ފުރިހަމަނުވެ، ރީޗެކަށް ފަހު ޝަރުތު ފުރިހަމަވާނެ ކަމަށް ލަފާކުރެވޭނަމަ އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިތުރަށް ބުނީ، ގްރޭޑް 11ގައި ކިޔަވަމުންދާ ދަރިވަރުން ފުރިހަމަ ކުރަންޖެހޭ އެޑްވާންސް ސަބްސިޑިއަރީ ލެވެލް އިމްތިހާނުތައް ފުރިހަމަކުރުމަށްފަހު ސުކޫލު ބަދަލުކުރުމަށް ބޭނުންވާ ދަރިވަރުންނަށް ޖާގަ އޮތް މިންވަރަކުން މާލެއާއި ހުޅުމާލޭގެ ސީއެޗްއެސްއީން ފުރުސަތު ދޭނެ ކަމަށެވެ.

ދަރިވަރުންނަށް ރަޖިސްޓްރޭޝަން ހަމަޖެހިފައިވާކަން މި މަހުގެ 21އިން ފެށިގެން އަންގާނެކަމަށާއި ޖާގަ ލިބިފައިވާ ސުކޫލުން ދަރިވަރުންގެ އީމެއިލްއަށް ސުކޫލުގައި ރަޖިސްޓްރީ ވުމާ ބެހޭ އިރުޝާދު ފޮނުވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

comment ކޮމެންޓް