ސްލޮޓްގެ ކޯޗު ކަމުގައި ލިވަޕޫލް ފުރަތަމަ ފަހަރަށް މޮޅުވެއްޖެ

މި މެޗުން ފެނުުނު ހަމައެކަނި ގޯލް ޖެހީ ޑޮމިނިކް ޒޮބޯޒްލާއީ -- ފޮޓޯ/ ގެޓީ

އިންގްލިޝް ޕްރިމިއާ ލީގުގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ޓީމު ކަމުގައިވާ ލިވަޕޫލްގެ އާ ކޯޗު އާން ސްލޮޓްގެ ދަށުން ލިވަޕޫލް ފުރަތަމަ ކާމިޔާބީ ހާސިލްކޮށްފިއެވެ.

އާ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން އެމެރިކާއަށް މިހާރު ޕްރީ ސީޒަން ޓުއާއެއް ކުރަމުންދާ ލިވަޕޫލް މޮޅުވެފައިވަނީ ސްޕެނިޝް ލަލީގާގެ ރެއާލް ބެޓިސްއާ ބައްދަލުކުރި މެޗުންނެވެ. ޕިޓްސްބާގްގެ އެކްރިޝުއާ ސްޓޭޑިއަމްގައި ކުޅުނު މިމެޗު ލިވަޕޫލްއިން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ.

މިމެޗުގައި ލިވަޕޫލުން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 34 ވަނަ މިނެޓްގައި މުހަންމަދު ސަލާހް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދިނީ ޑޮމިނިކް ޒޮބޯޒްލާއީ އެވެ.

ވޭތުވެދިޔަ ނުވަ އަހަރު ލިވަޕޫލްގެ ކޯޗުކަމުގެ މަގާމުގައި ހުރުމަށްފަހު މިދިޔަ ސީޒަން ނިމުމާއެކު މަގާމުން ވަކިވި ޖަރުމަނުވިލާތުގެ ކޯޗު ޔާގަން ކްލޮޕް މަޝްހޫރުވެފައިވަނީ ހެވީ މެޓަލް ފުޓްބޯޅަ ކުޅުވާ ކޯޗެއްގެގޮތުގައެވެ. އަދި އެއާ ބަލާއިރު މިހާރު ސްލޮޓްގެ ފަރާތުން ގިނަބަޔަކު ގަބޫލް ކުރާގޮތުގައި ފެންނަނީ ސޮފްޓް ރޮކް ފުޓްބޯޅައެކެވެ.

ސްލޮޓްގެ ކޯޗިން ސްޓައިލްއިން މިހާރު ބޮޑަށް ފެންނަނީ ކުރިއަށްވުރެ ލަސް ޕޮޒިޝަން ބޭސްޑް ފުޓްބޯޅައެއް ކުޅޭތަނެވެ. މިއީ ޔޯހާން ކްރައިފް ތާއީދު ކުރާ ނެދަލަންޑްސްގެ ގިނަ ކޯޗުން ގެންގުޅޭ ސްޓައިލްއެކެވެ.

މިމެޗުގައި ލިވަޕޫލުން ކުޅެފައިވަނީ ފޯވަޑަކާ ނުލައެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެފައިވަނީ ގައުމީ ޓީމުތަކާއެކު ޓީމުގެ މުހިންމު ކުޅުންތެރިން ހޭދަކުރި ދުވަސްތަކަށްފަހު އަދި ޓީމާ ގުޅިފައިނުވާތީއެވެ. މިމެޗުގައި ލިވަޕޫލުގެ މެދުތެރެއިން މުހިންމު ދައުރެއް އަދާކުރަމުންދާ ކާޓިސް ޖޯންސްއަށް އަނިޔާވެގެންވަނީ ފުރަތަމަ ހާފުގައި ބަދަލުކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްްކަމުން ސްލޮޓް ބުނީ ފޯވަޑަކާ ނުލާ ކުޅުނު ނަމަވެސް ކުރިއަށް އޮތް ސީޒަންގައި ޓީމު ފެންނާނީ ފޯވަޑާކާ އެކު ކުޅޭ ތަން ކަމަށާއި ނަމަވެސް އެހެން ހުރިހާ ދިމާލަކުން ފެނުނީ އޭނާގެ ޓީމު ކުރިއަށް އޮތް ސީޒަންގައި ގާތްގަޑަކަށް ބައްޓަންވެފައި އޮންނާނެ ގޮތް ކަމަށެވެ. އަދި އޭނާ ބޭނުންވަނީ ފަހަތުން ބިނާވެގެން މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅޭ ކުޅުމެއް ކުޅުމަށްކަމަށެވެ.

އޭނާ ބުނީ ދެހަފުތާގެ ތަމްރީންތަކަށްފަހު ޓީމުގެ ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށާއި ނަމަވެސް އަދިވެސް ރަނގަޅު ކުރެވޭނެ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށެވެ.

މިމެޗުގައި ރެއާލް ބެޓިސްގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނުނެވެ. އެޓީމަށް ލަނޑެއް ޖެހުމާ އެންމެ ގާތަށް ގޮސްފައިވަނީ ހުއާންމާއެވެ. އޭނާއަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް މިމެޗުގައި ލިބުނެވެ.

ލިވަޕޫލް އެމެރިކާއަށް ކުރަމުންދާ ޓުއާގައި ދެން ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ މިއަންނަ ބުރާސްފަތި ދުވަހު ފިލަޑެލްފިއާގައި އާސެނަލް އާއެވެ. އަދި އެއަށްފަހު އޮގަސްޓް ހަތަރު ވަނަ ދުވަހު މެންޗެސްޓާ ޔުނައިޓެޑާވެސް ބައްދަލުކުރާނެއެވެ.

comment ކޮމެންޓް