ސިޓީ ހަމައަކަށް އެޅެން ފަށައިފި؛ ވެސްޓް ހާމް ކޮޅަށް 4 ލަނޑު ޖެހި

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ވެސްޓް ހާމް ޔުނައިޓެޑް ބަލިކޮށް، މަޑުމަޑުން ހަމައަކަށް އެޅެން ފަށައިފިއެވެ.

މި ސީޒަންގައި ވަރަށް ދަށް ނަތީޖާތަކެއް ނެރެމުންދާ ސިޓީން، އެ ޓީމުގެ ދަނޑުގައި ކުޅުނު މި މެޗު ކާމިޔާބުކުރީ 4-1 އިންނެވެ. މިއީ، މި ސީޒަންގައި ސިޓީއަށް އެންމެ ތަފާތު ބޮޑުކޮށް މޮޅުވެވުނު މެޗެވެ.

ސިޓީން ވަނީ 10 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އެއީ، ސާވީނިއާ ވެސްޓް ހާމްގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ވެސްޓް ހާމްގެ ޑިފެންޑަރު ވުލަޑިމީރު ކޯފާލް ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ 42 ވަނަ މިނެޓުގައި އާލިން ހާލަންޑެވެ.

ސިޓީން ދެވަނަ ހާފު ފެށީ ވެސް އެ ފޯރީގައެވެ. މެޗުގެ 55 ވަނަ މިނެޓުގައި ހާލަންޑް ވަނީ އޭނާގެ ދެވަނަ ލަނޑާ އެކު ސިޓީގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. މިއީ މި ފަހަރު އޭނާ ކާމިޔާބުކުރި 16 ވަނަ ލަނޑެވެ. އެހެންވެ، ލީގުގެ ޓޮޕް ސްކޯރާގެ މަގާމުގައި މިހާރު ހުރި ލިވަޕޫލްގެ މުހައްމަދު ސަލާހާ އެއް ލަނޑާ ގާތަށް ހާލަންޑް ވަނީ ޖެހިލައިފައެވެ.

ސިޓީގެ ފަހު ލަނޑު މެޗުގެ 58 ވަނަ މިނެޓުގައި ވެސްޓް ހާމްގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ކެވިން ޑި ބްރުއިނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ފިލް ފޯޑެންއެވެ. މިއީ އޭނާއަށް މި ސީޒަންގައި ލީގުގައި ކާމިޔާބުކުރެވުނު ދެވަނަ ލަނޑެވެ.

ވެސްޓް ހާމްގެ ހަމައެކަނި ލަނޑު ކާމިޔާބުކުރެވުނީ 71 ވަނަ މިނެޓުގައެވެ. އެ ލަނޑު ޖަހައިދިނީ ނިކޮލަސް ފުލްކުރޫގެވެ.

މިއީ މިދިޔަ އޮކްޓޫބަރަށް ފަހު ސިޓީއަށް ޖެހިޖެހިގެން ދެ މެޗު ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ. އެ ޓީމު އޮތީ 20 މެޗުން ލިބިފައިވާ 34 ޕޮއިންޓާ އެކު ހަވަނައިގައެވެ. ވެސްޓް ހާމް އޮތީ 23 ޕޮއިންޓާ އެކު 13 ވަނައިގައެވެ.

މި މުބާރާތުގައި ބޯންމޯތާއި އެވަޓަން ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކޮށްފައިވަނީ ބޯންމޯތުންނެވެ. އެ މެޗުގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ 77 ވަނަ މިނެޓުގައި ޑޭވިޑް ބްރޫކްސްއެވެ. މިއާ އެކު ބޯންމޯތު 33 ޕޮއިންޓާ އެކު ހަތްވަނައަށް ކުރިއަށް ޖެހިލާފައިވާއިރު އެވަޓަން އޮތީ 17 ޕޮއިންޓާ އެކު 16 ވަނައިގައެވެ.

comment ކޮމެންޓް