އޮލިމްޕިކްސްގައި މިފަހަރު މިހާތަނަށް ފެނުނު އެންމެ ތަފާތު ހުޅުވުމުގެ ރަސްމިއްޔާތު

ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ކުޅިވަރު މުބާރާތް މިހާތަނަށް ފެނުނު އެންމެ ތަފާތު ހުޅުވުމުގެ ރަސްމިއްޔާތާއެކު ފަށައިފިއެވެ.

ސަތޭކަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އޮލިމްޕިކް ކުޅިވަރު މުބާރާތް ފަރަންސޭސިވިލާތުގައި ބާއްވާއިރު މިކުޅިވަރު މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ ފަރަންސޭސި ރައީސް އެމަނުއެލް މެކްރޯންއެވެ.

އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ހުޅުވުމާއި ނިންމުމުގެ ރަސްމިއްޔާތު ވެފައިވަނީ އަބަދުވެސް އެއްފަހަރަށްވުރެ އަނެއްފަހަރު ކުލަގަދަ އަދި ތަފާތު ކަންތައްތަކެއް ފެންނަ ރަސްމިއްޔާތެއްގެ ގޮތުގައެވެ. މިގޮތުން 100 އަހަރަށްފަހު އޮލިމްޕިކް ކުޅިވަރު މުބާރާތް ފަރަންސޭސިވިލާތަށް އެނބުރި އައިއިރު އެ ގައުމުންވަނީ ހުޅުވުމުގެ ރަސްމިއްޔާތުގައި މިހާތަނަށް ފެނިފައި ނުވާ ތަފާތު ކުލަތަކެއް ޖައްސާފައެވެ.

މީގެ ކުރިން އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާ ގޮތަށް ސްޓޭޑިއަމްއެއްގައި ބޭއްވުމުގެ ބަދަލުގައި މިފަހަރު މިރަސްމިއްޔާތު ބާއްވާފައިވަނީ ޕެރިހުގައި އެންމެ މަގްބޫލް އެއް މަންޒިލްކަމަށްވާ ރިވާ ސެންގައެވެ. މިގޮތުން މިރަސްމިއްޔާތު ސެންގެ ހަ ކިލޯ މީޓަރުގެ ސަރަހައްދެއް ބޭނުންކޮށްފައިވެއެވެ. އޮސްޓަލިޓްޒް ފާލަމުން ފެށި މިރަސްމިއްޔާތު ނިމުނީ އައިފިލް ޓަވާގެ ހިޔަނީގައިވާ ޓްރޮކަޑޭރޯ ސަރަހައްދުންނެވެ.

އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި މިފަހަރު ދަންމަރު ރޯކުރުން -- ފޮޓޯ/ ގެޓީ އިމޭޖްސް

އެންމެ ތަފާތު ކަމަކަށް ފެނުނީ މިފަހަރުގެ އޮލިމްޕިކް ހުޅުކޮޅު ރޯކޮށްފައިވަނީ ހޮޓް އެއާ ބެލޫންއެއްގެ ބުޑުބައި ހުޅު ރޯކުރާ ބައެއްގެގޮތުގައި ހަދައިގެންނެވެ. އަދި ފަރަންސޭސިވިލާތުގެ ދެ އެތުލީޓުންކަމަށްވާ ޓެޑީ ރައިނާ އާއި މަރީ ޖޯސޭ ޕެރެކް އޮލިމްޕިކް ދަންމަރުގެ ހުޅުކޮޅު މި އެއާ ބެލޫންގެ ބުޑުގައި ރޯކޮށްލުމާއެކު އެބެލޫން ޕެރިހުގެ އެކިސަރަހައްދުތަކަށް ފެންނަގޮތަށް ވައިގެ ތެރެއަށް އަރައިގެންދާތަން ފެނުނެވެ. ހަތަރު ގަޑިއިރަށް ދެމިގެންދިޔަ މިރަސްމިއްޔާތުގައި ޕެރިހުގެ ރިވާ ސެންގެ އެކިސަރަހައްދުތަކުގައި ކުލަގަދަ ހަރަކާތްތަކެއް ބާއްވާފައިވެއެވެ.

މިފަހަރުގެ އޮލިމްޕިކް ކުޅިވަރު މުބާރާތުގައި 200 ގައުމުން 10،000އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވެއެވެ. އަދި މިއީ އަންހެން އަދި ފިރިހެން އެތުލީޓުން ހަމަހަމަކޮށް ފެންނާނެ ފުރަތަމަ މުބާރާތެވެ. އެގޮތުން މިފަހަރުގެ މުބާރާތުގައި 5250 އަންހެން އެތުލީޓުންނާއި 5250 ފިރިހެން އެތުލީޓުން ބައިވެރިވެއެވެ.

މި ރަސްމިއްޔާތުގައި މިއެތުލީޓުން ޕެރޭޑް ކޮށްފައިވަނީ އެކަމަށް ޚާއްސަ ކޮށްފައިވާ ބޯޓުތަކެއްގައި ކޯރުތެރެއިން ލާފައެވެ. މިކަމަށްޓަކައި ސަތޭކައެއްހާ ބޯޓު ބޭނުންކޮށްފައިވެއެވެ.

އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ފެނުނު 'މެޓަލް ހޯސްވުމަން' -- ފޮޓޯ/ ގެޓީ އިމޭޖްސް

މިފަހަރުވެސް އޮލިމްޕިކްސްގެ އާދަކާދައިގެ މަތިން އެންމެ ކުރީގައި އޮތީ ގްރީސްއެވެ. އެ ގައުމުގެ ދިދަ އުފުލާލި އެއް އެތުލީޓަކީ އެންބީއޭ ބާސްކެޓްބޯޅަ ތަރި ޖިއާނިސް އެންޓެޓޮކޮއުމްޕޯއެވެ. ގްރީސްއަށްފަހު ދެން ފެނުނީ ރެފިއުޖީ އޮލިމްޕިކް ޓީމެވެ. އަދި މުބާރާތް ބާއްވާ ގައުމު ފަރަންސޭސިވިލާތުގެ ޓީމު ތައާރަފުކުރީ އެންމެ ފަހަށެވެ.

މިރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން މިފަހަރުގެ މުބާރާތުގައި ބައިވެރިވާ ފަސް އެތުލީޓުންވެސް ބައިވެރިވެފައިވެއެވެ. އަދި ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހާ ދިމާވި ދުވަހު ބޭއްވި މިރަސްމިއްޔާތުގައި ރާއްޖޭގެ ގައުމީ ދިދަ އުފުލާލާފައިވަނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އާއި ދުވުންތެރިޔާ އިބާދުﷲ އާދަމެވެ.

މީގެއިތުރުން މިފަހަރުގެ މުބާރާތުގައި ރަޝިއާ އާއި ބެލަރޫސްގެ އެތުލީޓުން ބައިވެރިވީ އަމިއްލަ އެތުލީޓުންގެ ގޮތުގައެވެ. އެ ރަސްމިއްޔާތުގައި މިދެ ގައުމުގެ އެތުލީޓުން ބައިވެރިވެފައެއްނުވެއެވެ.

"ގޭމްސް ވައިޑް އޯޕަން" މި މޮޓޯގެ ދަށުން ބާއްވާ އޮލިމްޕިކް ކުޅިވަރު މުބާރާތުގައި މިފަހަރު 44 ކުޅިވަރެއް ވަނީ ހިމަނައިފައެވެ. އަދި ރަސްމީކޮށް މިމުބާރާތް މިއަދު ފެށި ނަމަވެސް ބައެއް ކުޅިވަރުތައް ވަނީ މިދިޔަ ބުދަ ދުވަހު ކުޅެން ފަށައިފައެވެ. މިގޮތުން އެ ދުވަހު ފުޓްބޯޅަ އާއި ރަގްބީ ސެވަންގެ މެޗުތައް ފަށައިފައިވާއިރު ބުރާސްފަތި ދުވަހު ވަނީ އާޗަރީ އަދި ހޭންޑް ބޯލްގެ އިވެންޓްތައް ވެސް ފަށައިފައެވެ. މިފަހަރުގެ އޮލިމްޕިކް ކުޅިވަރު މުބާރާތް މިއަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މިފަހަރުވެސް މެޑަލް ޓޭބަލްގެ އެންމެ ކުރި ހޯދާނެކަމަށް ބެލެވޭ އެއް ގައުމަކީ އެމެރިކާއެވެ. ދެހާސް ވިހި ވަނަ އަހަރު ބޭއްވި އެންމެ ފަހު މުބާރާތުގައި މެޑަލް ޓޭބަލްގެ އެންމެ ކުރީގައި 113 މެޑަލް އާއެކު އުޅުނީ އެމެރިކާއެވެ. އަދި ދެވަނައަށް 89 މެޑަލް އާއެކު ޗައިނާ އުޅުނު އިރު ތިންވަނަ ހޯދީ 71 މެޑަލް އާއެކު ރަޝިއަން އޮލިމްޕިކް ކޮމިޓީއެވެ.

comment ކޮމެންޓް