ފިލްމު އިންޑަސްޓްރީގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ތަރިންގެ ލިސްޓުގައި ހިމެނޭ އަކްޝޭ ކުމާރަށް ބައެއް ފިލްމުތަކުން ލިބެންޖެހޭ ފައިސާ ނުލިބި އެބަހުރި ކަމަށް އެކްޓަރު ބުނެފިއެވެ.
އިންޑިއާގެ ޒުވާން ވިޔަފާރިވެރިޔާ ޣަޒަލް އަލާގްއާއެކު ޔޫޓިއުބު ޗެނަލްގައި ކުރިޔަށްދިޔަ އިންޓަވިއުއެއްގައި މިހާތަނަށް އަކްޝޭއަށް އެއްވެސް ބަޔަކު ހީލަތްތެރިވެ މަކަރު ހަދާފައިވާނެތޯ ސުވާލުކުރެވުނެވެ. މި ސުވާލުގެ ޖަވާބުގައި އެކްޓަރު ބުނެފައި ވަނީ، އެފަދަ ދެ ތިން ޕްރޮޑިއުސަރަކާ އެކު މަސައްކަތް ކުރެވިއްޖެ ކަމަށާއި އެ ޕްރޮޑިއުސަރުންގެ ފަރާތުން މިހާތަނަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް ލިބިފައި ނުވާ ކަމަށެވެ.
އެފަދަ މައްސަލައެއް ކުރިމަތިވެއްޖެނަމަ އެފަދަ މަކަރާއި ހީލަތްތެރިކަމުގެ ޖަރީމާ ހިންގާ މީހުންނާ ގުޅުން ކަނޑާލާ ކަމަށާއި އޭގެފަހުން އެ މީހުންނާ އެކު އެއްވެސް ކަހަލަ މުއާމަލާތެއް ނުހިންގާ ކަމަށް އަކްޝޭ ވަނީ ބުނެފައެވެ.
އަކްޝޭ ފަދަ ވަރަށް ގިނަ ފިލްމީ ތަރިންނަށް އިންޑަސްޓްރީގައި އެފަދަ ކަންކަމާ ކުރިމަތިވެފައިވާ ކަމަށާއި ނަމަވެސް އެ ވާހަކަތައް އާއްމު ނުކުރާތީ އާއްމުންނަށް އެކަން ނޭނގެނީ ކަމަށް އަކްޝޭ މި އިންޓަވިއުގައި ބުނެފައިވެއެވެ.
މި މަހުގެ 12ވަނަ ދުވަހު ރިލީޒްކުރި އަކްޝޭގެ ފިލްމު "ސަރްފީރާ"ގެ ކާމިޔާބީއަށް ފަހު އެކްޓަރު ތައްޔާރުވަމުން އަންނަނީ އަންނަ މަހު ރިލީޒްކުރާ ފިލްމު "ކޭލް ކޭލް މޭ"ގެ ޕްރޮމޯޝަން މަސައްކަތްތަކަށެވެ.
މިއީ މި އަހަރު ރިލީޒްކުރާ އަކްޝޭގެ ތިން ވަނަ ފިލްމެވެ. އަކްޝޭ އަކީ އަބަދުވެސް އަހަރެއްގެ މައްޗަށް އެންމެ ގިނަ ފިލްމުތަކުގައި މަސައްކަތްކުރާ ކަމަށް ފާހަގަކޮށްލެވޭ އެކްޓަރެކެވެ. މި އަހަރު އަކްޝޭ ހަ ފިލްމެއްގައި މަސައްކަތް ކުރަމުން އަންނައިރު އަންނަ އަހަރު ވެސް އަކްޝޭ ވަނީ މި ޢަދަދަށް ފިލްމުތަކުގައި ސޮއިކޮށްފައެވެ.