'ޕިރް އާއީ ހަސީން ދިލްރުބާ'ގެ ޓްރެއިލާ ދައްކާލައިފި

ބޮލީވުޑްގެ ތަރިން ކަމަށްވާ ތާޕްސީ ޕަންނޫ، ވިކްރާންތު މަސޭ އަދި ސަނީ ކޯޝަލް މުހިއްމު ރޯލް ކުޅޭ ފިލްމު "ޕިރް އައީ ހަސީން ދިލްރުބާ"ގެ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރިމިއާކުރަން ނިންމާފައިވާ މި ފިލްމަކީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި 2021ވަނަ އަހަރުގެ ފިލްމު "ހަސީން ދިލްރުބާ"ގެ ސީކުއަލްއެކެވެ. މީގެ ދެވަނަ ބައި ފެށޭނީ 2021ވަނަ އަހަރުގެ ހަނދާންތައް ބެލުންތެރިންނަށް އާކޮށްދިނުމަށްފަހު ކަމަށާއި ފުރަތަމަ ފިލްމުގެ ވާހަކަ ނިންމާލި ހިސާބުން ކަމަށް ނެޓްފްލިކްސްއިން ވަނީ ބުނެފައެވެ.

އެކްޓަރު ޖިމީ ޝޭރްގިލް މުހިއްމު ރޯލަކުން ފެންނާނެ "ޕިރް އާއީ ހަސީން ދިލްރުބާ" އަކީ ފުރަތަމަ ފިލްމެކޭ އެއްގޮތަށް ތިނެސްކަން ލޯބީގެ ތުރިލާއެކެވެ. ޖިމީ މި ފިލްމުގައި ފެންނާނީ އޭނާއަށް ބޮޑު ބޭބެ ކިޔާ ނީލްގެ މަރުގެ ތަހުގީގު ކުރާ ފުލުސް އޮފިސަރުގެ ރޯލްއިންނެވެ. ނީލްގެ ރޯލްއިން ފުރަތަމަ ފިލްމުގައި ފެނުނީ އެކްޓަރު ހާޝްވަރުދަން ރާނާއެވެ.

ފިލްމު "ޕިރް އާއީ ހަސީން ދިލްރުބާ"ގެ ޕޯސްޓަރެއް--ފޮޓޯ/ކޮއިމޮއި
ޖޭޕްރާދު ދެސާއީ ޑައިރެކްޓް ކޮށްފައިވާ މި ސީކުއަލްއަކީ ފުރަތަމަ ބައިގެ ވާހަކަ ލިޔުނު ކަނިކާ ދިލަންގެ ސްކްރީންޕްލޭއަކަށް އުފައްދާ ފިލްމެކެވެ. ފިލްމުގެ ޓްރެއިލާ އާއްމުކުރަމުން ބަތަލާ ތާޕްސީ ބުނެފައި ވަނީ، ފިލްމުގައި ކުޅޭ ރާނީގެ ރޯލް އަލުން ކުޅެން ލިބުމަކީ އެނބުރި އަމިއްލަ ގެއަށް އާދެވުނު ކަމުގެ އިހުސާސް ކުރުވި ކަމެއް ކަމަށެވެ.

'ޕިރް އާއީ ހަސީން ދިލްރުބާ"ގެ ރާނީގެ ދުނިޔެއަކީ ވަރަށް ގިނަ ކަންކަން ދަސްވި ދުނިޔެއެއް ކަމަށް ތާޕްސީ ވަނީ ބުނެފައެވެ. މިހާތަނަށް ފިލްމަށް ބެލުންތެރިން ދިން މަގުބޫލުކަން ދެ ގުނައަށް އިތުރުވާނެ ކަމުގެ ޔަގީންކަން ބަތަލާއަށް އެބައޮތް ކަމަށާއި ޓްރެއިލާ ބެލުމަށްފަހު އާއްމުން ފާޅުކޮށްފައިވާ ޝުއޫރުތަކުން އެކަން ދޭހަކޮށްދޭ ކަމަށް ތާޕްސީ ވަނީ ބުނެފައެވެ.

comment ކޮމެންޓް