އަޒްމީލަށް އަނިޔާވީ ކުޑަދޮރުން ވެއްޓިގެން، ހޮސްޕިޓަލަށް ގެންދިޔައީ ކަސްޓޯޑިއަލްއަށް ގެންދިއުމަށްފަހު: ފުލުހުން

ފުލުހެއްގެ ޔުނީފޯމުގައި އެ މުއައްސަސާގެ ލޯގޯ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ހޯމަ ދުވަހު ފުލުހުން ހައްޔަރުކުރަން އުޅެނިކޮށް އުމުރުން 38 އަހަރުގެ މުހައްމަދު އަޒްމީލް ޖަލީލަށް އަނިޔާވީ ކުޑަދޮރުން ވެއްޓި ކަމަށާއި، އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ކަސްޓޯޑިއަލްއަށް ގެންދިއުމަށްފަހު ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މިދިޔަ ހޯމަ ދުވަހު 14:15 ހާއިރު އަޒްމީލް ހައްޔަރުކުރުމަށް އޭނާ ދިރިއުޅޭ ގެއަށް ފުލުހުން ދިޔުމުން، ތައްޔާރުވެގެން އައުމަށް ވަގުތުކޮޅެއް ދޭން އަޒްމީލް އެދުނުކަމަށެވެ. އަދި ތައްޔާރުވާން ދިއުމަށްފަހު އެގޭގެ ފުރަތަމަ ފަންގިފިލާގެ ކުޑަދޮރުން ފިލަން އުޅުމުގެ ތެރޭގައި ވެއްޓި އަނިޔާވި ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި އޭނާގެ ބޯ ފަޅައިގެން ގޮސް އިތުރު އަނިޔާތަކެއް ވެފައި ވާކަމަށް ފުލުހުން ބުންޏެވެ. އަދި އަޒްމީލު ފުރަތަމަ ގެންދިޔައީ ފުލުހުންގެ މާލޭ ކަސްޓޯޑިއަލަށް ގެންގޮސް މެޑިކަލް އޮފިސަރު ބެލުމަށްފަހު ކަމަށް ފުލުހުން ބުންޏެވެ.

އަޒްމީލަށް މިހާރު ފަރުވާދެނީ އައިޖީއެމްއެޗްގެ އައިސީއޫގައެވެ.

https://sun.mv/194409

އަޒްމީލު ހައްޔަރުކުރިގޮތާ ގުޅިގެން އާއިލާގެ ކަންބޮޑުވުން އޮތުމުން، މި ހާދިސާ ހިނގި ގޮތް ބަލައިދިނުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަންގައި މިހާރު އެދިފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް