ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރުގައި ބައިވެރިވާ ދިވެހި އެތުލީޓުންނާ ބައްދަލުކުރައްވާ، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހިތްވަރުދެއްވައިފިއެވެ.
އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފްރާންސްގެ ޕެރިހަށް އެމަނިކުފާނު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދިވެހި އެތުލީޓުންނާ ބައްދަލުކުރައްވާފައިވަނީ ރޭ ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅެއްގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާކަން ފާހަގަކުރައްވައި އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ބައިވެރިވާ ދިވެހި އެތުލީޓުންނަށް ހިތްވަރުދެއްވައިފައެވެ.
މިއަހަރުގެ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ދިވެހި ފަސް އެތުލީޓުން ބައިވެރިވާއިރު، ހަތަރު ކުޅިވަރަކުން މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެއިން ވާދަކުރެއެވެ. މި އަހަރަކީ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ދިވެހިރާއްޖޭގެ އެންމެ ގިނަ އެތުލީޓުން ބައިވެރިވާ އަހަރެވެ.
ޕެރިސް 2024 އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ އުފުލާނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާޠިމަތު ދީމާ ޢަލީ އަދި ދުވުންތެރިޔާ އިބާދުﷲ އާދަމެވެ.