މޯލްޑިވިއަންއަށް އޭ330ގެ އެއާބަހެއް ގެނައުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ މޯލްޑިވިއަން

ގައުމީ އެއާލައިން މޯލްޑިވިއަންއަށް ވައިޑް ބޮޑީ އޮޕަރޭޝަންތައް ތައާރަފް ކުރުމަށް އެއާބަސް އޭ330-200ގެ މަތިންދާބޯޓެއް ގެންނަން ޓްރޫނޯޑާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެެވެ.

މި އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ، އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސެވެ. އަދި ޓްރޫނޯޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީސީއޯ ކާރްސްޓް ލިންޑާބޫމްއެވެ.

މޯލްޑިވިއަންއިން ބުނީ، އެކުންފުނީގެ ފްލީޓަށް އެ މަތިންދާބޯޓު ތައާރަފްކުރުމުން އެއާލައިންގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުވާނެ ކަމަށާއި އިތުރު މަންޒިލްތައް ހޯދުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ.

ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިޔާސް ވިދާޅުވީ، ފްލީޓަށް ތައާރަފްކުރާ ބޯޓުގެ ސަބަބުން ބައިނަލްއަގުވަމީ ނެޓްވޯކް ފުޅާވެ، ފަތުރުވެރިކަމަށް އާ ފުރުސަތުތައް ފަހިވާނެ ކަމަށެވެ.

"ޓްރޫނޯޑާއެކު ސޮއިކުރެވުނު މި އެއްބަސްވުމަކީ މޯލްޑިވިއަންގެ ކުރިއެރުމާއި އިނޮވޭޝަނަށް ދެމިއޮތް ޚިދުމަތްތެރިކަމުގެ ހެއްކެއް" އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހާރު ރާއްޖެ އޮތީ ވައިޑް ބޮޑީ އޮޕަރޭޝަންތައް ގާއިމު ކުރުމަށް ރަނގަޅު މަގެއްގައި ކަމަށެވެ.

ހަމައެހެންމެ، އޭވިއޭޝަން ދައިރާ ބަދަލު ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދުގެ ތަސައްވުރުގެ ސަބަބުން ފަތުރުވެރިކަމަށް ކުރިއެރުމެއް ލިބޭނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް