ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

މާލެއަށް ބޯކޮށް ވާރޭ ވެހުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ, މެޓް އޮފީހުން މިއަދު ލަފާކޮށްފިއެވެ.

މެޓް އޮފީހުން ވަނީ ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ.

"ސަން"އަށް މައުލޫމާތު ދެމުން އެ އިދާރާޢިން ބުނީ، ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ސަރަހައްދަަކަށް ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރުން އެކަށީގެންވާ ކަމުގައެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އެ އިދާރާއިން ބުނީ، ރާޢްޖޭގެ އުތުރުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދު ބާރު މިނެއްގައި ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި، އިރު ދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލަށް ވައި ބާރުވާނެ ކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމުގައެވެ.

ބޯކޮށް ވާރޭ ވެހުމާ އެކު ރާޢްޖޭގެ އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް އެ އިދާރާއިން ބުނެފައިވާއިރު ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް ވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް