ދިރިއުޅެން މަސައްކަތްނުކުރާ މީހުންނަށް ﷲގެ ރުއްސެވުމެއް ނުލިބޭނެ: ޚުތުބާ

ދިރިއުޅެން މަސައްކަތްނުކުރާ މީހުންނަކީ އެހެން މީހުންނަށް ބުރައެއް ކަމަށާއި އެފަދަ މީހުންނަށް ﷲގެ ރުއްސެވުން ނުލިބޭނެ ކަމަށް މިއަދުގެ ޚުތުބާގައި ވަނީ ބުނެފައި -- ސަން ފޮޓޯ

އިސްލާމް ދީނުގައި މަސައްކަތަކީ އަޅުކަމެއް ކަމަށާއި ﷲގެ ޙަޟްރަތުގައި ވެސް އަދި ދުނިޔޭގެ ނަޒަރުގައި ވެސް މަސައްކަތްކުރާ މީހާއާއި މަސައްކަތްނުކުރާ މީހާ ހަމަހަމަވެގެން ނުވާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރިޒުގުގެ ބަރަކާތް ހޯދުމާ ބެހޭ ގޮތުން މިއަދު ކީ ހުކުރު ޚުތުބާގައި ވަނީ ދިރިއުޅުމަށް މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައިފައެވެ.

މަސައްކަތްކުރާ މީހާއަށް ﷲގެ ރުހިވޮޑިގަތުން ލިބޭނެ ކަމަށާއި އެފަދަ މީހާއަށް މީހުންގެ ލޯތްބާއި އިޙުތިރާމު ލިބޭނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި، މަސައްކަތްނުކުރާ މީހާއީ ﷲ ރުއްސަވާ މީހެއް ނޫން ކަމަށާއި އޭނާ ވާނީ އޭނާގެ އަމިއްލަ ނަފުސަށާއި، އަނބިދަރީންނަށް ޖެހިފައިވާ ބުރައަކަށް ކަމަށް ވެސް ހުކުރު ޚުތުބާގައި ވަނީ ބުނެފައެވެ.

"އިސްލާމް ދީނުގައި މަސައްކަތަކީ، އަޅުކަމެކެވެ. ﷲގެ ޙަޟްރަތުގައި ވެސް އަދި ދުނިޔޭގެ ނަޒަރުގައި ވެސް މަސައްކަތްކުރާ މީހާއާއި މަސައްކަތްނުކުރާ މީހާ ހަމަހަމަވެގެންނެއް ނުވެއެވެ،" ޚުތުބާގައި ބުންޏެވެ.

ހުކުރު ނަމާދެއްގެ ތެރެއިން: މަސައްކަތްކުރާ މީހާއާއި މަސައްކަތްނުކުރާ މީހާ ހަމަހަމަވެގެން ނުވާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނި -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ދުނިޔަވީ ޙަޔާތް ބާއްޖަވެރިވެ އޭގެ ފޮނިކަމާއި މީރުކަން ފުރިހަމަ ވާނީ، ތިމާއަށާއި އެހެން މީހުންނަށް ފައިދާ ހުރި ޙަލާލު މަސައްކަތެއްކޮށް، އާމްދަނީ ހޯދައިގެން ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

އެ ގޮތުން، މާތް ﷲ ކޮންމެ އެއްޗެއް ވެސް ހައްދަވާއިރު، އެ އެއްޗެއްގެ ރިޒްޤު ކަނޑައަޅުއްވާ ކަމީ މުއުމިނުން ދަންނާން ޖެހޭނެ ކަމެއް ކަމަށާއި ލިބޭ މިންވަރަށް ބޭނުންތައް ބަހައިލައިގެން ހޭދަކުރުމުގައި އިޤުތިޞާދުކުރުމަކީ އިންސާނާގެ މަސްއޫލިއްޔަތެއް ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

"މަސައްކަތްނުކުރާ މީހާއީ ﷲ ރުއްސަވާ މީހެއް ނޫނެވެ. އަދި، އޭނާ ވާނީ އޭނާގެ އަމިއްލަ ނަފުސަށާއި، އަނބިދަރީންނަށް ޖެހިފައިވާ ބުރައަކަށެވެ. ދުނިޔަވީ ޙަޔާތް ބާއްޖަވެރިވެ، އޭގެ ފޮނިކަމާއި މީރުކަން ފުރިހަމަ ވާނީ، ތިމާއަށާއި އެހެން މީހުންނަށް ފައިދާ ހުރި ޙަލާލު މަސައްކަތެއްކޮށް، އާމްދަނީ ހޯދައިގެންނެވެ،" ޚުތުބާގައި ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ ޒުވާން އާބާދީގެ 19 އިންސައްތަ މީހުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ވަނީ ދައްކައިފައެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން މީގެ ކުރިން މި މަހު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ރާއްޖޭގެ 15 އަހަރާ 25 އަހަރާ ދެމެދުގެ އާބާދީއަކީ 53،537 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 27،625 ފިރިހެނުންނާއި 25،912 އަންހެނުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، މީގެ ތެރެއިން ކޮންމެ ފަސް މީހަކުން އެކަކީ އެއްވެސް މަސައްކަތެއް ނުކުރާ މީހުންނެވެ.

ވެލާނާގެ އިމާރާތް: ރާއްޖޭގެ ޒުވާން އާބާދީގެ 19 އިންސައްތަ މީހުން އެއްވެސް މަސައްކަތެއް ނުކުރޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެފައިވާ ގޮތުގައި އެއީ ކިޔެވުމާއި ވަޒީފާގެ އިތުރުން އެއްވެސް ޓްރެއިނިންއެއް ވެސް ނުހަދާ މީހުންނެވެ. އެ ގޮތުން 10،414 ޒުވާނުންނަކީ އެއްވެސް މަސައްކަތެއް ނުކޮށް ތިބޭ މީހުން ކަމަށް އެ ހިސާބުތަކުން ދައްކައެވެ. އޭގެ ތެރޭގައި ހިމެނެނީ 4،744 އަންހެނުންނާއި 5،672 ފިރިހެނުންނެވެ.

އެ ތަފާސްހިސާބަށް ބަލާއިރު، 15 އަހަރާއި 24 އަހަރާ ދެމެދުގެ އާބާދީގެ 19.5 އިންސައްތައަކީ ވަޒީފާގެ އިތުރުން ކިޔެވުމުގައި ނޫޅޭ މީހުންނެވެ. އެ އުމުރުފުރައިގެ 34.2 އިންސައްތަ މީހުން ކިޔެވުމުގައި ނޫޅެ، ވަޒީފާ އަދާ ކުރަމުންދާއިރު، 35.2 އިންސައްތައަކީ ވަޒީފާ އަދާނުކޮށް ކިޔަވާ މީހުންނެވެ. އަދި، މި އާބާދީގެ 11.1 އިންސައްތައަކީ ވަޒީފާ އަދާކުރުމާ އެކު ކިޔަވާ މީހުންނެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ އާބާދީއަކީ 300،422 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 171،130 ދިވެހީންނާއި 129،292 ބިދޭސީންނެވެ.

comment ކޮމެންޓް