ރައީސް މުއިއްޒު މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު--- ފޮޓޯ/ ރައީސް އޮފީސް

މިނިވަން ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަރިސްކުރައްވައިފިއެވެ.

އެ މަނިކުފާނު މިނިވަންދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައިވަނީ މިއަދު މީސް މީޑިއާ މެދުވެރިކުރައްވައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

މިނިވަން ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓުގައި އެ މަނިކުފާނު ވަނީ މިނިވަންކަމުގެ މަތިވެރި ނިޢުމަތް އަބަދުމެ ދެމެހެއްޓެވުމަށް އެދިވަޑައިގެން ދުޢާ ދަންނަވާ ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގައި 59 ވަނަ މިނިވަން ދުވަސް ފާހަގަކުރާއިރު، ދުވަހުގެ ޚާއްސަ ޖަލްސާ މިރޭ ބާއްވަން ވަނީ ހަމަޖެހިފައެވެ.

ކުުރިން 1887 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތުމަށް ފަހު އެ އެއްބަސްވުން އުވާލާއި އާ މުވާހަދާއެއްގައި ސޮއިކުރިއެވެ. އެ މުއާހަދާއާ އެކު ޚާރިޖީގޮތުންނާއި ސިޔާސީގޮތުން ފުރިހަމަ މިނިވަން ގައުމަކަށް ރާއްޖެ ވެގެންދިޔައެވެ.

މި އެއްބަސްވުމުގައި ސޮއެކުރީ ޖުލައި 26، 1965 ގައި ސްރީލަންކާގެ ވެރިރަށް ކޮލަންބޯގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުގައެވެ. ސޮއެކުރެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރެވެ. މިނިވަން ދުވަސް ފާހަގަކުރަނީ އެ ކަމުގެ މުނާސަބަތުގައެވެ.

މި ޖަލްސާގައި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން އިނާމު ލިބޭ 138 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ، ޝަރަފުގެ ބެޖާއި، އައްޑަނަ ދެއްވާނެއެވެ.

މީގެ ތެރޭގައި ދައުލަތަށް 43 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ 70 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

comment ކޮމެންޓް