ކާރިސާތަކުން އަރައިގަތުމަށް ކުރާ ހޭދަ ކުޑަވާނީ އިންޝުއަރެންސް ޕެކޭޖް ތައާރަފްކޮށްގެން: އެންޑީއެމްއޭ

ކ. ގުރައިދޫގައި ފެންބޮޑުވެ، ގެއަކަށް ފެންވަދެފައި: އެންޑީއެމްއޭއިން ބުނީ ކާރިސާތަކުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމާއި އިންޝުއަރެންސަށް މީހުން ހޭލުންތެރިއެއް ނޫން ކަމަށް -- ފޮޓޯ: ގުރައިދޫ ކައުންސިލް

ކާރިސާތަކުން އަރައިގަތުމަށް ދައުލަތުން ކުރާ ޚަރަދު ކުޑަކުރެވޭނީ ރަނގަޅު އިންޝުއަރެންސް ޕެކޭޖުތަކެއް ތައާރަފުކުރެވި، ލިބޭ ގެއްލުންތައް އެ ޕެކޭޖުތަކުގެ ދަށުން އިންޝުއާ ކުރެވިގެން ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެސްއެސްޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، މޫސުމީ ގޮތުން ދިމާވާ ކާރިސާތަކުގެ ބާރު ކުރިއަށް ވުރެ ގަދަވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ވާރޭ ވެހޭ ގޮތާއި، ވާރޭ ވެހޭ މިންވަރާއި، ލިބޭ ގެއްލުން ބޮޑުވާކަން ވެސް ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަން ފާހަގަކުރައްވާ ހިސާން ވިދާޅުވީ ކޮންމެ އަހަރަކު ވެސް ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވެ، ގޭގޭގައި ހިފާ ގެންގުޅޭ ތަކެއްޗަށް ލިބޭ ގެއްލުން ވެސް އެއް އަހަރުން އަނެއް އަހަރަށް ބޮޑުވާ ކަމަށެވެ.

އެންޑިއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން، އެސްއެސްޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމްގައި ވާހަކަދައްކަވަނީ -- ސަން ފޮޓޯ

ކާރިސާތަކުން ލިބޭ މިފަދަ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން ދޭ ފައިސާގެ އެހީ ވެސް އެއް އަހަރުން އަނެއް އަހަރަށް ބޮޑުވަމުން އަންނަކަން އެންޑީއެމްއޭއިން ހަދާ އެސެސްމަންޓުތަކުން އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން، ކާރިސާތަކުން އަރައިގަތުމަށް ދައުލަތުން ކުރާ ޚަރަދު ކުޑަކުރެވޭނެ ގޮތަކީ ރަނގަޅު އިންޝުއަރެންސް ޕެކޭޖުތަކެއް ތައާރަފުކުރެވިގެން ކަމަށް ހިސާން ވިދާޅުވިއެވެ.

ކުރިމަތިވާ ކާރިސާތަކަކީ އަޅުގަނޑުމެންނަށް މަދުކުރެވޭނެ ކާރިސާތަކެއް ނޫން. އެކަންކަން ދުނިޔެ ދެމިއޮތްހާ ހިނދަކު ކުރިއަށްދާނެ. އެހެންނަމަވެސް ކާރިސާތަކުން އަރައިގަތުމަށް ދައުލަތުން ކުރާ ޚަރަދު ކުޑަކުރެވޭނެ ގޮތަކީ ރަނގަޅު އިންޝުއަރެންސް ޕެކޭޖުތަކެއް ތައާރަފުކުރެވި، އެ ޕެކޭޖުތަކުގެ ދަށުން ރިސްކް ޓްރާންސްފާކޮށްގެން. ރިސްކް ޓްރާންސްފާކުރުމަކީ، ދައުލަތުން އެ ފަރާތްތަކަށް ކޮންޕެންސޭޝަންގެ ގޮތުގައި ދޭ ފައިސާ އިންޝުއަރެންސް އެޖެންސީއަކުން އެ ފަރާތްތަކަށް ފޯރުކޮށްދީ އޭގެ ގެއްލުމުގެ ބަދަލު އިންޝުއަރެންސްގެ ތެރެއިން ކަވަރުކުރުން، އެންޑިއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން

މިހާރުވެސް ރާއްޖޭގައި ރަނގަޅު އިންޝުއަރެންސް ޕެކޭޖުތަކެއް ހުރިކަން ފާހަގަކުރައްވާ ހިސާން ވިދާޅުވީ ރައްޔިތުން އިންޝުއަރެންސް ނިޒާމުގެ ތެރެއަށް ވަންނަންޖެހޭ ކަމަށެވެ. އެގޮތުން އަދިވެސް މީހުން މި ނިޒާމަށް ހޭލުންތެރި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާ ފްލެޓުގައި އަލިފާން ރޯވެ ގެއެއްގެ ކޮޓަރިއެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިފައި -- ފޮޓޯ/ އެންޑީއެމްއޭ

އެންޑީއެމްއޭގެ އެންމެ ބޮޑު އެއް އަމާޒަކީ އިންޝުއަރެންސަށް މީހުން އަހުލުވެރިކޮށް، މީހުން އެ ނިޒާމުގައި ބައިވެރިވެ، ކާރިސާތަކުން ލިބޭ ގެއްލުން އިންޝުއަރެންސްގެ ތެރެއިން ލިބިގެންދިޔުން ކަމަށް ހިސާން ވިދާޅުވިއެވެ.

މިހާރުވެސް ވަރަށް ރަނގަޅު އިންޝުއަރެންސް ޕެކޭޖްތައް އެބަހުރި. މިސާލަކަށް އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އެ ގެއަކަށާއި ގޭގައި ގެންގުޅޭ ހިފާ ގެންގުޅޭ ތަކެތީގެ ބަދަލުގެ އިތުރުން އެ ހާދިސާގައި ގޭގައި ނޫޅެވޭ ވަރުވެއްޖެ ނަމަ ވަގުތީގޮތުން އެހެން ތަނެއް ކުއްޔަށް ހިފައިގެން އުޅުމުގެ ޚަރަދު ކަވަރުކުރާ ޕެކޭޖުތައް ވެސް އެބަހުރި. އަދި މި ޕެކޭޖުތަކުގައި ޕްރިމިއަމްގެ ގޮތުގައި ދައްކަންޖެހެނީ ވެސް ވަރަށް ކުޑައެއްޗެއް،

ކާރިސާތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށްޓަކައި ދައުލަތުން ބޮޑެތި ޚަރަދުތައް ކުރެއެވެ.

މިއަހަރުވެސް ހުޅަނގު މޫސުމުގެ ވިއްސާރާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގޭބީސީތަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވެއެވެ. ބައެއް ގެތަކުގެ ފުރާޅު އެއްލާލައި، ފެންވަނުމުގެ ސަބަބުން ގެތަކުގައި ނޫޅެވޭ ވަރަށް ވެސް ގެއްލުން ލިބިފައިވެއެވެ.

މީގެ އިތުރުން އަލިފާނުގެ ހާދިސާތަކުގައި ވެސް ގެތަކަށް ބޮޑެތި ގެއްލުންވެގެން ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން ކަނޑުމަތީގެ ހާދިސާތަކުގައި އުޅަނދުތަކަށް ވެސް ގެއްލުން ވެފައިވެއެވެ.

ނަމަވެސް ގިނަ ފަހަރަށް މިފަދަ ހާދިސާތައް ހިނގާއިރު، އިންޝުއަރެންސް ކޮށްފައި ނެތުމުގެ ސަބަބުން ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ރައްޔިތުންނަށް ލިބެއެވެ.

comment ކޮމެންޓް