ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ދިނުމަށް އާރުޓީއެލް ރޫޓުތައް ބަދަލުކުރަން ޖެހިދާނެ: އާދަމް ޝަރީފް

ނ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވާހަކަދައްކަވަނީ -- ފޮޓޯ/ ޓްރާންސްޕޯޓު މިނިސްޓްރީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީތައް ދަތުރުކުރާ ނިޒާމު ނުވަތަ ރޫޓުތައް ބަދަލުކުރުމަކީ އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށްޓަކައި ކުރަންޖެހިދާނެ ކަމެއް ކަމަށް ލޯކަލް ގަވަނaންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ، މިއަދު ނ. އަތޮޅުގައި ފެރީގެ ޚިދުމަތް އިފުތިތާހުކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.

އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި މިފަދަ ޚިދުމަތްތައް ތައާރަފުކޮށް ފުޅާކުރާއިރު، މިއީ ރައްޔިތުންނަށް އިންތިހާއަށް ބޭނުންވާ ޚިދުމަތެއް ކަމަށެވެ. އެހެންކަމުން މިފަދަ ޚިދުމަތްތައް ހުއްޓުމެއްނެތި ރައްޔިތުންނަށް ދޭންޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް ރާއްޖެއަކީ ކުޑަ ގައުމަކަށްވުމާއެކު އާބާދީ މަދުވުމުން އެފަދަ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ސަރުކާރުތަކަށް އަބަދުވެސް ގޮންޖެހުންތައް ކުރިމަތިވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެގޮތުން ތަޖުރިބާއަށް ބަލައި، ފެރީގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތުގައި ފޯރުކޮށްދިނުމަށް ފެރީތައް ދަތުރުކުރާ ނިޒާމު ނުވަތަ ރޫޓުތައް ބަދަލުކުރުމަކީ ކުރަންޖެހިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ނިމިދިޔަ ސަރުކާރުން މި މސައްކަތް ފެށިގެންދިޔަކަމުގައި ވިޔަސް ހަގީގަތުގައި މިހާ ހިސާބަށް މިއައިއިރު އަޅުގަނޑުމެންނަށް މި އެނގިގެންދާ ތަޖުރިބާއަކީ، މިކަން ކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހިފައިވާކަން. މިކަމަށްޓަކައި ބައެއް ފަަހަރު ބައެއް ހާލަތްތަކުގައި ތަޖުރިބާއަށް ބަލާ ފެރީތައް ދަތުރުކުރާ ނިޒާމު ނުވަތަ ރޫޓުތައް ބަދަލުކުރުމަކީ އެއީ އަޅުގަނޑު ދެކޭ ގޮތުގައި މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށްޓަކައި ކުރަންޖެހިދާނެ ކަމެއް، ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް

އާދަމް ޝަރީފް ވިދާޅުވީ ފެރީގެ ނިޒާމު އެއް ދުވަހުން އަނެއް ދުވަހަށް ހަރުދަނާ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްނެންގެވުމެއް ނަންގަވައިގެން ކުރައްވާ ކަމެއް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި މިފަދަ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރެވޭނެ ކަމުގެ ޔަގީންކަން އޭނާ ވަނީ އަރުއްވާފަައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އާރްޓީއެލްގެ ޚިދުމަތަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން، މުޅި ރާއްޖެ ފެރީގެ ނިޒާމުން ގުޅައިލުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

މާދަމާ ނ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފަށާއިރު، އެ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށެއްގައި މި ޚިދުމަތް ފޯރުކޮށްދޭނެއެވެ.

https://sun.mv/194743

މިއާއެކު ރާއްޖޭގެ ނުވަ އަތޮޅެއްގައި އާރްޓީއެލް ފެރީގެ ޚިދުމަތް މިހާރު މި ވަނީ ފެށިފައެވެ.

comment ކޮމެންޓް