ހަފުތާގެ ހުރިހާ ދުވަހަކު ދަތުރުކުރާގޮތަށް ނ. އަތޮޅަށް އާރްޓީއެލް ފެރީ

ނ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އަދި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ/ ޓްރާންސްޕޯޓު މިނިސްޓްރީ

މުޅި ރާއްޖެ ފެރީގެ ނިޒާމުން ގުޅައިލުމަށް އެމްޓީސީސީން ހިންގާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ނިޒާމުގެ ތެރެއިން ނ. އަތޮޅުގައި ފެރީގެ ޚިދުމަތް މިއަދު އިފުތިތާހުކޮށްފިއެވެ.

މި ޚިދުމަތް އިފުތިތާހު ކުރުމަށް ނ. މަނަދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، އާރްޓީއެލް ފެރީގެ ޚިދުމަތް އިފްތިތާހުކޮށްދެއްވީ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. އަރިހުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ނ. އަތޮޅަށް ނިސްބަތްވާ ދާއިރާތަކުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ނ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: އެމްޓީސީސީގެ ސީއިއޯ އަބްދުﷲ ޒިޔާދު ވާހަކަދައްކަވަނީ -- ފޮޓޯ/ ޓްރާންސްޕޯޓު މިނިސްޓްރީ

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ޒިޔާދު ވިދާޅުވީ، މިފަދަ ޚިދުމަތެއް ދޭއިރު އެ ކުންފުނިން އެންމެ ބޮޑު ސަމާލުކަމެއްދޭ އެއް ކަމަކީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ. އެގޮތުން އެ ކުންފުންޏަކީ އަބަދުވެސް މޫސުމީ އިދާރާތަކުން ދެއްވާ ލަފައާ އިރުޝާދަށް ބަލައިގެން ދަތުކުރާ ބައެއް ކަމަށް ޒިޔާދު ވިދާޅުވިއެވެ.

ހަމައެއާއެކު ފަސިންޖަރުންނަށް އަރާމުގައި ހިތްފަސޭހަ ދަތުރުތަކެއް ކުރެވޭނެ އިންތިޒާމުތައް ހަމަޖެހިގެން ދިޔުމަކީ ވެސް އެ ކުންފުނީގެ އެންމެ ބޮޑު ބޭނުން ކަމަށް ޒިޔާދު ވިދާޅުވިއެވެ.

ނ. އަތޮޅުގެ އާރްޓީއެލް ފެރީގެ ޚިދުމަތް ހަފުތާއަކު ހަތް ދުވަހު ދެ ސްޕީޑް ފެރީ މެދުވެރިކޮށް ތިން ރޫޓަކުން ލިބިވަޑައިގަންނަވާނެ. އަދި ނ. އަތޮޅުގެ ރައްޔިތުންނަށް އެކަށީގެންވާ އަގެއްގައި ޝެޑިއުލާ އެއްގޮތަށް ފެރީގައި ދަތުރުކުރެވޭނެކަމުގެ ޔަގީންކަން ލިބިގެންދާނެ. އަދި މި ޒޯންގެ އެހެން އަތޮޅުތަކަށް ކުރިއަށް އޮތް މުސްތަގުބަލުގައި ފެރީގެ ޚިދުމަތް ފުޅާވެގެންދާއިރު މި އަތޮޅުގެ ރައްޔިތުންގެ ދުވަސްވީ އުންމީދުތަކުގައި ކުލަޖެހިގެންދާނެ، އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު

އާރްޓީއެލްގެ ޚިދުމަތަށް ބޭނުންކުރާ ފެރީއެއް --- ފޮޓޯ/ އެމްޓީސީސީ

ނ. އަތޮޅުގައި މިއަދު ފެށި އާރްޓީއެލް ފެރީގެ ޚިދުމަތާއެކު އެ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް ގުޅާލެވޭނެއެވެ. މި ޚިދުމަތް ފަށާފައި ވަނީ އާރްޓީއެލް ޚިދުމަތް ދިނުމަށް ޚާއްސަކޮށް ބަނދެފައިވާ ދެ އުޅަނދު ބޭނުން ކޮށްގެންނެވެ. ފެރީގެ ޚިދުމަތް އެ އަތޮޅުގައި ފަށަން ނިންމާފައި ވަނީ މާދަމައެވެ.

އެގޮތުން އަތޮޅުގެ ރައްޔިތުން އަހުލުވެރިކުރުމަށް އެންމެ ފުރަތަމަ ކުރެވޭ ދަތުރުތަކަކީ ހިލޭ ކުރާ ދަތުރުތަކެކެވެ. ހިލޭ ކުރާ ދަތުރުތައް ކުރިއަށްދާނީ މާދަމާއިން ފެށިގެން އަންނަ އޮގަސްޓު މަހުގެ އެއްވަނަ ދުވަހާ ހަމައަށެވެ.

މި ދަތުރުތައް ކުރުމުގެ އިންތިޒާމްތައް ހަމަޖެހިފައި ވަނީ ނަން ނޯޓްކޮށް، ކޮންމެ ރަށަކަށް ވަކި އަދަދަކަށް ގޮނޑި ޚާއްސަކުރެވިގެންނެވެ. ދަތުރުކުރާނީ ސަރުކާރުން ކަނޑައަޅައި އާންމުކުރާ ރޫޓްތަކެއްގައި ކުރިން ކަނޑައެޅިފައިވާ ޝެޑިއުލްއަކަށެވެ. އެގޮތުން އަތޮޅު ވެރިކަން ކުރާ ރަށަށް ގޮސް ކޮންމެ ދުވަހަކު ވެސް އަނބުރާ އެރަށަށް އާދެވޭ ގޮތަށް ދަތުރުތައް ޝެޑިއުލްކުރާނެއެވެ.

ފަސިންޖަރުން އުފުލުމަށް މި ފެރީގެ ނިޒާމުގައި ބޭނުންކުރާ އުޅަނދުފަހަރަކީ 30 ނޯޓިކަލް މޭލުގެ ބާރުމިނަށް ދުއްވޭ، 50 މީހުންގެ ޖާގައިގެ ބޮޑެތި ލޯންޗް ފެރީތަކެކެވެ. އޭގެތެރޭގައި ފުރޮޅުލީ ގޮނޑިއަށް ޚާއްސަކުރެވިފައިވާ ދެ ޖާގަހިމެނެއެވެ.

މި ފެރީގައި ހުންނަ ފާޚަނާއަކީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، އުމުރުން ދުވަސްވީ ފަރާތްތަކުގެ އިތުރުން މާބަނޑު އަންހެނުންނަށް ވެސް ފަސޭހައިން ބޭނުންކުރެވޭނެހެން، "ޔުނިވާސަލް އެކްސެސިބިލިޓީ"ގެ ފީޗާތައް ހިމެނޭ ފާޚަނާއެކެވެ.

އާރުޓީއެލްގެ ޚިދުމަތްދޭ އަޔޮޅުތަކުގެ ތެރޭގައި ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ޅ. އަތޮޅު އަދި ދެކުނުގެ ބައެއް އަތޮޅުތައް ހިމެނެއެވެ.

comment ކޮމެންޓް