މާލޭގައި ކުނި އުކުމާއި މުދާ އުފުލުން ހަމައެކަނި ރޭގަނޑަށް ބަދަލުކުރަނީ

މީހަކު ޕިކަޕަކުން މުދާ ބާލަނީ: މުދާ އުފުލުމާއި ކުނި އުކައިލުން ރޭގަނޑަށް ބަދަލުކުރަން ވަނީ ނިންމާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދުގައި ބޮޑެތި ވެހިކަލްތަކުގައި ކުނި އުކުމާއި މުދާ އުފުލުން ކުރިން އޮތް ގޮތަށް ހަމައެކަނި ރޭގަނޑަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން މިފަދައިން ނިންމާފައިވާކަން އިއުލާނުކުރީ މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުން ހައްލުކުރުމަށް ފެށި "މާލެ ފަހި" ޕްރޮގްރާމުގައެވެ.

އެ ޕްރޮގްރާމުގެ ޕްރެޒެންޓޭޝަނެއްގައި ވާގޮތުން، ވަކި ސައިޒަކަށް ވުރެ ބޮޑެތި ވެހިކަލްތައް ބޭނުންކޮށްގެން މުދާ އުފުލުމަށް ވަކި ގަޑިތަކެއް ހަމަޖެއްސުމުން މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލައަށް ލުޔެއް ލިބޭނެއެވެ.

އެހެންވެ، ބޮޑެތި ވެހިކަލްތަކުގައި މުދާ އުފުލާ ގަޑި ބަދަލުކުރަނީ ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 5:00ގެ ނިޔަލަށެވެ.

މި މަސައްކަތްކުރަން ނިންމާފައިވަނީ އިކޮނޮމިކް މިނިސްޓްރީއާއި ކަމާ ގުޅުން ހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ.

އޭގެ އިތުރުން، މާލެ ސަރަހައްދުގައި ކުނި އުކާލާ ގަޑިތަކަށް ވެސް ބަދަލު ގެނައުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އެ ގަޑި ބަދަލު ކުރަނީ ރޭގަނޑު 10 އިން ފަތިހު 5:00އަށެވެ. ނަމަވެސް، އެ ގަޑިތައް ފަށާނެ ތާރީޚެއް ބުނެފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މާލޭ ސަރަހައްދުގައި ބަރު އުޅަނދުގައި މުދާ އުފުލޭނީ އިރުއޮއްސި 6:00 އިން ފެށިގެން ހެނދުނު 6:00 އާ ހަމައަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވެސް ނިންމިއެވެ. އެ ކަމުގެ ސަބަބުން މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބުނު ނަމަވެސް މިދިޔަ އެމްޑީޕީ ސަރުކާރުގައި ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.

ދުވާލުގެ އެކި ގަޑިތަކުގައި ވެސް ބައެއް ސަރަހައްދުތަކުން ކުނި ނަގަން ވެމްކޯގެ ބޮޑެތި ވެހިކަތައް މިހާރު ދުއްވާތީ ސްކޫލް ކުދިންނަށާއި އާންމުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެއެވެ. އަދި، މުދާ އުފުލާ ބޮޑެތި ލޮރީތަކާއި ޕިކަޕްތައް ވެސް ދުވާލުގެ ވަގުތުތަކުގައި ދުއްވާތީ ޓްރެފިކަށް ވަރަށް ބާރުބޮޑުވެއެވެ.

މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރަން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް