މާލޭ ހަވީރީ ހިނގުން މަގުގައި ކުނި ބަހައްޓަމުންދާ މީހަކު ހޯދުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ވީޑިއޯއެއް އާންމުކޮށްފިއެވެ.
މާލޭ މަގުމައްޗަށް އެއްވެސް ހަމައެއް ނެތި، ގަވާއިދާ ޚިލާފަށް ކުނި ނެރޭ މައްސަލަ ދޭތެރެއަކުން ފެންމަތިވެއެވެ.
މިއަދު މާލޭ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހަވީރީ ހިނގުން މަގަށް ކުނިއަޅަމުންދާ މިހާކު ހޯދާކަމަށެވެ.
ސިޓީ ކައުންސިލުން އާންމު ކުރި ވީޑިއޯއިން ފެންނަނީ ފިރިހެނެކެވެ. އޭނާ ހިނގާފައި އައިސް، ކުޑަ ކޮތަޅެއްގެ ކުނި، މަގުގެ ކަންމައްޗަށްވާ ގޮތަށް، ދުވާރުމަތީގައި ބަހައްޓާފައި ދަނީއެވެ. އެ ގަޑީގައި ވެސް ދުވާރުމަތީގައި ތިން ކަޅު ކޮތަޅުގެ ކުނި ބަހައްޓާފައި ހުއްޓެވެ.
ދެން ވީޑިއޯއިން ފެންނަނީ ކުނި ކޮތަޅުތައް ނަގަން ސިޓީ ކައުންސިލުން ޕިކަޕެއްގައި އަންނަ މަންޒަރެެވެ. އެއިރު ދުވާރުމަތީގައި އިތުރު ދެ ކަޅު ކޮތަޅު އޮތެވެ.
ކަޅު ކޮތަޅުތައް ބަހައްޓާފައި ވަނީ އެ މީހާ ކަމެއް ނުވަތަ އިތުރު މީހެއް ކަމެއް ކައުންސިލުން ހާމަނުކުރެއެވެ. އަދި އެކަމާ ގުޅޭ ގޮތުން މިހާތަނަށް ކައުންސިލްގެ ބަހެއް ލިބިފައިނުވެއެވެ.
ސިޓީ ކައުންސިލުން އަންނަނީ މަގަށް ކުނި އަޅާ މީހުން 500 ރުފިޔާއިން ޖޫރިމަނާކޮށް އެ މީހުންގެ ވީޑިއޯތައް މީސްމީޑިއާގައި އާންމުކުރަމުންނެވެ. ނަމަވެސް، އެކަން ތަކުރާރުކޮށްފި ނަމަ އެ އަދަދަށްވުރެ އިތުރަށް ޖޫރިމަނާ ކުރަން ގާނޫނުގައި ބުނެފައިނުވާ ކަމަށް ސީޓީ ކައުންސިލުން ބުނެފައިވެއެވެ.
މަގުތަކުގައި ކުނި ބަހައްޓާ މީހުންގެ ފޮޓޯއާއި ވީޑިއޯ ފޮނުވުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. އެގޮތުން ކައުންސިލްގެ ވައިބާ އަދި ވަޓްސްއެޕް ނަންބަރު ކަމަށްވާ 9341144 އަށް ނުވަތަ ކައުންސިލްގެ ވެބްސައިޓު މެދުވެރިކޮށް ފޮނުވަން އެ ކައުންސިލުން ވަނީ އެދިފައެވެ.