އަންނަ މަހު ފެށޭ ރޯދަ މަހާ ދިމާކޮށް، ގޭތެރެ ސާފުކުރުމަށް ފަހު މަގުމައްޗަށް ކުނި ނޭޅުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު އިލްތިމާކޮށްފިއެވެ.
އެ އެޖެންސީން ނެރުނު އިއުލާނެއްގައި ވަނީ، ރޯދައަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ ޒީނަތްތެރިކުރަން ސާފުކުރުމުން ގިނަ އަދަދެއްގެ ކުނި އުފޭދޭކަމަށެވެ. އެހެން އުފެދޭ ކުނިތައް މަގުމައްޗަށާއި ދުވާރު މައްޗަށް ނެރޭކަން ކުރިން ވެސް ފާހަގަކުރެވިފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.
އެ ކުނީގެ އިތުރުން މިފަހުން އާންމުކޮށް ގޭބީސީތަކާއި ފިހާރަތަކުގައި އުފެދޭ ކުނި ވެސް ގިނަ އަދަދަކަށް މަގުމައްޗަށް ނެރެފައި ހުންނަކަން ފާހަގަވާކަމަށާއި އެ ކަމުގެ ސަބަބުން މަގުތައް ނުސާފުވާ ކަމަށާއި މަގު ބޭނުންކުރާ މީހުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

ވެމްކޯ މުވައްޒަފެއް ޑަސްބިނެއް ހިފައިގެން: އީޕީއޭއީން އެދުނީ ރޯދައަށް ގޭތެރެ ސާފު ކުރުމަށްފަހު، މަގުމައްޗަށް ކުނި ނާޅަން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެފަދަ ކުނީގެ ސަބަބުން ސިއްހީ ގޮތުން މައްސަލައެއް ކުރިމަތިވެދާނެތީ، އެ އެޖެންސީން ވަނީ ރޯދަޔަށް ގޭތެރެ ސާފުކުރުމަށް ފަހު އުފެދޭ ކުންޏާއި އެހެނިހެން ކުނި މަގުމައްޗަށް ނާޅަން އެދިފައެވެ.
"އަދި، ރޯދަމަހަށް ގެއާއި ގޯތިތެރެ ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ކުރީބައިގައި ކުނި އުކާލެވޭނެ އިންތިޒާމު ރަށްރަށުގައި ނަމަ އެ ރަށެއްގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކާއި އަދި ސިޓީތަކުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއި ގުޅުއްވައިގެން ހަމަޖެއްސެވުމަށް ދަންނަވަމެވެ،" އެ އިއުލާނުގައި ބުނެފައިވެއެވެ.
ތިމާވެށި ތަޣައްޔަރުވާ ނުވަތަ ތަޣައްޔަރުވެދާނެ ގޮތަކަށް އެއްވެސް މީހަކު ކުނި ގެންގުޅުން ނުވަތަ ނައްތާލުމުގެ ހަރަކާތެއް ހިންގުމަކީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން މަނާކަމެއް ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.
އެހެންވެ، އެ ގާނޫނާ އެއްގޮތަށް ހުރިހާ އެންމެން ވެސް މަގުމައްޗަށް ކުނި އުކައިލުމުގެ ބަދަލުގައި އެ ތަންތަން ސާފުކޮށް ބާއްވަން އީޕީއޭން ވަނީ ހަނދާންކޮށްދީފައެވެ.
މިދިޔަ އަހަރުގެ ރޯދަ މަހާ ދިމާކޮށް ވެސް މާލޭގެ މަގުތައް ކުނިން ފުރާލައި، ގޮނޑުކޮށްލިއެވެ. އޭރު ވެމްކޯއާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ވަނީ މަގުތައް ސާފުކޮށްފައެވެ.
comment ހަސަން3243
2 month 4 week ago
ގޭޓު ފީ 100 ރުފިޔާ ސަރުކާރުން ކުޑަ ކުރީމަވެސް ކުޑަ ޕިކަޕެއް ކުނި ބުރެއް އަޅަނީ 650 އަށް .. ކުރީގައި މިއީ 350 އަށް ކޮއްދޭ ދަތުރެއް ، ވެމްކޯ ޕިކަޕު އާދޭތޯ މުޅި ދުވަހު ހުންނަން ޖެހެނީ .. ސޯފާއެއް އެކަނިއެއްލާ ލަންވިޔަސް 650 ދަައްކަންވީމަ ބޮޑު .. ސަރުކާރުން މިކަމާ ފިޔަވަޅު އަޅަން މުހިއްމު .. ނޫސްވެރިންވެސް މިކަމުގެ ވާހަކަ ނުދައްކާ
comment އަވަށްޓެރި
2 month 4 week ago
ކާކު ތި އަޑު އަހާ ތިއަށް ޢަމަލު ކުރާނީ. އެއްބައި މީހުން ގޭތެރެ ސާފު ކޮށް ކާރީ ކަންމައްޗަށް އަޅާ ދެއަތް ފޮޅާ ނިންމާލަނީ ފަރުދެއްގެ ހައިސިއްޔަތުން ނަގަން ޖެހޭ ޒިންމާ މަތީން ގިނަ މީހުން ހަދާން ނުހުރޭ ނުވަތަ ވަރިހަމަ ކޮށްލަނީ
reply އަހުމަދު ރުސްތުމް
2 month 4 week ago
ތަހުޒީބު ގައުމުތަކުގަ ބަލަނީ ފަރުދެއްގެ ހައިސިއްޔަތުން ކަންކުރޭތޯ ނޫންތޯ އެއް ނޫން. ގާނޫނު ނަގަހައްޓާނީ. އެކަން ކުރާ މީހާގެ މައްޗައް ގާނޫނީ ހައިސިއްޔަތުން އަޅަން ޖެހޭ ފިޔަވަޅު އަޅަނީ އެނިމުނީ. އެއީ މިރާއްޖޭގަ ވެސް ކަން ވާންޖެހޭ އުސޫލަކީ.