ހެއްވާ މަޖާ ފިލްމު "ޕިޔާރުކާ ޕަންޗްނާމާ"އިން ފިލްމީ ދާއިރާއަށް ތައާރަފުވި އެކްޓަރު ކާތިކް އާރްޔަން އިތުރު ކޮމެޑީ ފިލްމަކަށް ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ކާތިކް އަލަށް މަސައްކަތް ފަށަން ނިންމާފައިވާ ފިލްމަކީ 2019ވަނަ އަހަރު އެކްޓަރު ލީޑް ރޯލް ކުޅުނު ފިލްމު "ޕަތީ ޕަތްނީ އޯރް ވޯ"ގެ ދެވަނަ ފިލްމެވެ. ކާތިކް އެންމެ ފަހުން ކުޅެފައިވާ ހޮރޯ ކޮމެޑީ ފިލްމަކީ "ބޫލް ބުލައްޔާ2"އެވެ.
މި ފިލްމަށް ފަހު ކާތިކް ބޮޑަށް ކުޅެފައިވަނީ އެކްޝަން އަދު ތުރިލާ ޖޯންރާގެ ފިލްމުތަކެވެ. ފިލްމު "ޕަތީ ޕަތްނީ އޯރް ވޯ"އަކީ ވަރަށް ކުޑަ ބަޖެޓަކުން އުފެއްދި ފިލްމެކެވެ. ނަމަވެސް, ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބުނު މަގުބޫލުކަމާ އެކު ފިލްމަށް ބޮކްސް އޮފީހުގެ 100 ކްރޯޑު ކްލަބުން ޖާގަ ލިބުނެވެ.
މިދިޔަ މަހު ރިލީޒްކުރި ސްޕޯޓްސް ބަޔޯގްރަފީ ފިލްމު "ޗަންދޫ ޗެމްޕިއަން"އަށް ފަހު ކާތިކް މިހާރު މަސައްކަތް ކުރަމުން އަންނަނީ ފިލްމު "ބޫލް ބުލައްޔާ 3"ގެ މަސައްކަތުގައެވެ. ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ"ގެ ސީކުއަލްގެ މަސައްކަތް ފަށަން ނިންމާފައިވަނީ "ބޫލް ބުލައްޔާ3"ގެ މަސައްކަތް ނިންމާލުމަށް ފަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ"ގައި ކާތިކްއާ އެކު ލީޑް ރޯލްއިން ފެނުނީ ބަތަލާ ބުމީކާ ޕެޑްނެކާރު އަދި އަނަންޔާ ޕާންޑޭއެވެ. ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ2" އުފައްދަން ނިންމިއިރު ކާތިކާ އެކު ފިލްމުން ފެންނާނެ ބަތަލާއިންގެ މައުލޫމާތު އަދި ހާމައެއް ނުކުރެއެވެ. ކާތިކް މުހިއްމު ރޯލް ކުޅޭ ފިލްމު "ބޫލް ބުލައްޔާ3" ރިލީޒްކުރަން ތާވަލު ކުރެވިފައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހުއެވެ.