ކެންސަރު ޖެހުނު ފަހުން އެންމެ ބޮޑަށް އަޅާލީ ލޯބިވެރިޔާ: ހީނާ

ބަތަލާ ހީނާ ޚާން--ފޮޓޯ/ޓައިމްސްނައުނިއުސް

ދާދި ފަހުން އުރަމަތީގެ ކެންސަރުޖެހި އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ އިންޑިއާގެ ބަތަލާ ހީނާ ޚާންއަށް އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ ލޯބިވެރިޔާ ރޮކީ ޖޭސްވާލްގެ ފަރާތުން ކަމަށް ބަތަލާ ބުނެފިއެވެ.

ކެންސަރު ބައްޔަކީ އެއްވެސް މީހަކަށް ތަހައްމަލުކުރަން ފަސޭހަ ބައްޔެއް ނޫން ކަމަށާއި ހަޔާތަށް ބޮޑު އިންގިލާބެއް އައި ދަނޑިވަޅުގައި އެންމެ ބޮޑަށް ހިތްވަރު ދޭ މީހަކީ ވެސް ރޮކީ ކަމަށް ހީނާ ވަނީ ބުނެފައެވެ. ބައްޔަށް ފަރުވާ ފެށުމާ އެކު ހީނާގެ ބޮލުގައި ހުރި އިސްތަށިތައް ފައިބާން ފެށުމުގެ އަލާމާތާ އެކު ބަތަލާ ވަނީ ބޯ ބޭލުމަށް ފަހު އަމިއްލަ ބޮލުގައި ކުރިން ހުރި އިސްތަށިތަކުން ބޮލުގައި އަޅާ ޚާއްސަ ވިގެއް ތައްޔާރުކޮށްފައެވެ.

ދާދި ފަހުން ރޮކީ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހީނާއަކީ އޭނާގެ ދިރިއުޅުމުގެ އެންމެ މުހިއްމު މީހާ ކަމަށާއި ހީނާ ނެތްނަމަ ރޮކީގެ ދިރިއުޅުން ވަރަށް އެކަނިވެރިވީސް ކަމަށެވެ. ހީނާއަށް ކެންސަރު ބަލި ޖެހުނުކަން އެނގުނު ހިސާބުން ރޮކީގެ ހުރިހާ ވަގުތެއް ހުސްކޮށްފައިވަނީ ހީނާއަށް ބޭނުންވާ އެހީތެރިކަމާއި އަޅާލުން ދިނުމަށެވެ.

ހީނާ ޚާން ލޯބިވެރިޔާ ރޮކީ ޖޭސްވާލްއާ އެކު--ފޮޓޯ/ފިލްމުފެއަ

ފިލްމު އުފެއްދުމުގެ އިތުރުން އަމިއްލަ ކްލޯތިންގް ލައިންއެއް ހިންގާ ރޮކީ ޖޭސްވާލްއާ ހީނާ ލޯބީގެ ގުޅުން އިއުލާނުކުރީ 2014ވަނަ އަހަރުއެވެ. ދިގު މުއްދަތެއް ވަންދެން ދެމިއޮތް މި ގުޅުން ކައިވެނީގެ ގުޅުމަށް ބަދަލުކުރާނެ އިރެއްގެ އިންތިޒާރުގައި ދެ މީހުންގެ ސަޕޯޓަރުން ތިބި ނަމަވެސް ކައިވެންޏާ ގުޅޭގޮތުން ހީނާ މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

ކެންސަރު ބަލި ޖެހުނުކަން އިއުލާނުކުރަމުން ހީނާ ބުނެފައިވަނީ ބައްޔަށް ފަރުވާ ހޯދުމުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި އެކަމުގައި ހިތްވަރު ދޫނުކުރާނެ ކަމަށެވެ. ބައްޔަށް ފަރުވާ ހޯދަމުންދާ މި ދަނޑިވަޅުގައި ވެސް ހީނާ ވަނީ ބައެއް ފިލްމު ސެޓުތަކުގައި މަސައްކަތް ކުރާ ފޮޓޯތަކެއް ބެލުންތެރިންނާ ހިއްސާކޮށްފައެވެ.

comment ކޮމެންޓް