ޕެރިސް އޮލިމްޕިކްސްއަށް ފަހު އެންޑީ މަރީ ކުޅުން ހުއްޓާލަނީ

އިނގިރޭސި ޓެނިސް ތަރި އެންޑީ މަރީ

ފްރާންސްގެ ޕެރިހުގައި އަންނަ ހުކުރު ދުވަހު ފެށުމަށް ތައްޔާރުވާ އޮލިމްޕިކްސްއަށް ފަހު ކުޅުމުގެ ކެރިއަރު ނިންމާލަން އިނގިރޭސި ޓެނިސް ތަރި އެންޑީ މަރީ ނިންމައިފިއެވެ.

އުމުރުން 37 އަހަރުގެ ކުޅުންތެރިޔާ ކުޅުން ހުއްޓާލަން ނިންމިކަން ހާމަކޮށްފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ. އޭނާ ބުނީ ޕެރިހުގައި ބާއްވާ އޮލިމްޕިކްސް އަކީ އޭނާގެ ފަހު މުބާރާތް ކަމަށާއި ގްރޭޓް ބްރިޓަން ޓީމަށް ކުޅުމަކީ އަބަދުވެސް ކެރިއަރުގެ އެންމެ ހާއްސަ ކާމިޔާބު ކަމަށެވެ.

އޮލިމްޕިކްސްގައި މަރީ އެންމެ ފުރަތަމަ ވާދަކުރީ 2008 ވަނަ އަހަރު ޗައިނާގެ ބެއިޖިންގައި ބޭއްވިއިރުއެވެ. އެ ފަހަރު ފުރަތަމަ ބުރުން، ޗައިނާގެ ލޫ ޔެން ސުން އަތުން ބަލިވެ ވަނީ ކަޓާފައެވެ. ނަމަވެސް އޭގެ ހަތަރު އަހަރު ފަހުން ލަންޑަން އޮލިމްޕިކްސްގައި އޭނާ ވަނީ ފައިނަލުގައި ރޮޖާ ފެޑެރާ ބަލިކޮށް ރަން މެޑަލް ހޯދާފައެވެ. އަދި އޭނާ ވަނީ 2016 ގެ ރިއޯ އޮލިމްޕިކްސްގައި ރަން މެޑަލް ހޯދާފައެވެ.

ޓެނިހުގެ ތާރީހުގައި އެ ކާމިޔާބު ހާސިލްކުރި ހަމައެކަނި ފިރިހެން ކުޅުންތެރިޔާގެ ޝަރަފް އޭނާ ވަނީ ހޯދާފައެވެ. ދުނިޔޭގެ ޓެނިހުގެ އެންމެ ބޮޑު މުބާރާތްތައް ކަމަށްވާ، ގްރޭންޑް ސްލޭމް ތިން މުބާރާތް ކާމިޔާބުކުރި މަރީ، 2019ވަނަ އަހަރު އުނަގަނޑުގެ އޮޕަރޭޝަނެއް ކުރިއެވެ. އޭގެ ފަހުން އަނިޔާގެ ގިނަ މައްސަލަތަކެއް އޭނާ ކުރިމަތިލާން ޖެހުނެވެ. އޭގެފަހުން އެންމެ ރަނގަޅު ފޯމެއްގައި އޭނާ މުބާރާތެއް ނުކުޅެވެއެވެ. ނަތީޖާއެއްގެ ގޮތުން އޭނާ ބައެއް މުބާރާތްތަކުން ވަނީ ނަން ނަގާފައެވެ.

އެންމެ ފަހުން ބޭއްވި އޮލިމްޕިކްސްގައި އަނިޔާގެ ސަބަބުން، މަރީ ފުރަތަމަ ނިންމީ ޑަބަލްސް އެކަނި ކުޅޭށެވެ. މުބާރާތުގެ ޑްރޯ ވެސް ނެގި
ފަހުން، ޑަބަލްސް އިވެންޓުން ވެސް މަރީ ވަނީ ނަން ނަގާފައެވެ.

comment ކޮމެންޓް