ސަންޖޭއާއި ރަވީނާގެ ފިލްމު އަންނަ މަހު

ފިލްމު "ގުޅްޗަޅީގެ ޕޯސްޓަރު--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ ތަރިން ކަމަށްވާ ސަންޖޭ ދަތު އަދި ރަވީނާ ޓަންޑަންގެ ފިލްމު "ގުޅްޗަޅީ"ގެ ޕޯސްޓަރު ރިލީޒްކޮށް ފިލްމު ބެލުންތެރިންނަށް ދޫކޮށްލާ ތާރީޚު އިއުލާނުކޮށްފިއެވެ.

ދެ ޖީލެއްގެ ރީތި ލޯބީގެ ވާހަކަ ކިޔައިދޭ މި ކޮމެޑީ ފިލްމު ޖިއޯ ސިނަމާގައި ޕްރިމިއާކުރަން ފަށާނީ ކުރިއަށް އޮތް އޮގަސްޓް މަހުގެ ނުވަވަނަ ދުވަހުއެވެ.

ބިނޯދް ކޭ ގާނދީ ލިޔެ ޑައިރެކްޓްކުރާ މި ފިލްމުން މަޝްހޫރު ޓީވީ ތަރި ޕާތު ސަމްތާން އަދި ކުޝާލީ ޓަންޑަން ވެސް ބެލުންތެރިންނަށް ފެންނާނެއެވެ. ކުރީގެ މަޝްހޫރު ބަތަލާ އަރޫނާ އިރާނީ ވެސް ފިލްމުގެ މުހިއްމު ރޯލަކުން ފެންނާނެއެވެ.

ސަންޖޭއާއި ރަވީނާ ނުވަދިހައިގެ އަހަރުތަކުގެ ފިލްމެއްގެ މަންޒަރެއްގައި -- ފޮޓޯ/ކޮއިމޮއި

ސަންޖޭއާއި ރަވީނާ އަކީ ނުވަދިހައިގެ އަހަރުތަކުގެ ތެރޭ އެކީގައި ރީތި ފިލްމުތައް ކުޅުނު ދެ ތަރިންނެވެ. އޭގެ ތެރޭގައި ފިލްމު "އާތިޝް"، "ވިޖޭތާ" އަދި ފިލްމު "ޖީނާ މަރުނާ ތޭރޭ ސަންގް" ހިމެނެއެވެ. ދާދި ފަހުން ދެ ތަރިން އެކީގައި މަސައްކަތްކުރި ފިލްމުތަކުގެ ތެރޭ ކާމިޔާބު ތެލުގޫ ފިލްމު "ކޭޖީއެފް: ޗެޕްޓަ2" ވެސް ހިމެނެއެވެ. ނަމަވެސް، މި ފިލްމުގައި ރަވީނާއާއި ސަންޖޭ އެކީގައި ފެންނަ އެއްވެސް ސީން އެއް ނުހިމެނެއެވެ.

ފިލްމު "ގުޅްޗަޅީ"އަކީ އާއިލާއާ އެކު ބަލާލެވޭނެ ރީތި ފިލްމެއް ކަމަށާއި ހެއްވާ މަޖާ ގިނަ ހާދިސާތަކެއް އެކުލެވޭ ބެލުންތެރިން ހެއްވާލާނެ ފިލްމެއް ކަމަށް ޕްރޮޑިއުސަރު ނިދީ ދައްތާ ވަނީ ބުނެފައެވެ.

ނިދީ ދައްތާ އުފައްދާފައިވާ ބައެއް މަޝްހޫރު ފިލްމުތަކުގެ ތެރޭ "އުމްރާއޯ ޖާން" އަދި "ޕަލްތާން" ހިމެނެއެވެ. އަދި، 2026ވަނަ އަހަރު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ބޯޑާ2"ގެ ޕްރޮޑިއުސަރަކީ ވެސް ނިދީއެވެ.

comment ކޮމެންޓް