ބޮލީވުޑް ޒުވާން ދެ ބަތަލާއިން ކަމަށްވާ ޖާންވީ ކަޕޫރު އަދި ކޮއްކޮ ޚުޝީ ކަޕޫރު ޗުއްޓީއަށް ރާއްޖެ އަތުވެއްޖެއެވެ.
ދެބެއިން ރާއްޖެ އައިއިރު މި ދަތުރުގައި ޖާންވީގެ ލޯބިވެރިޔާ ޝީކަރު ޕަހަރިޔާ އަދި ޚުޝީގެ ލޯބިވެރިޔާ އެކްޓަރު ވެދާންގް ރައިނާ ވެސް ބައިވެރިވެއެވެ. ވެދާންގް އާއި ޝީކަރު އަމިއްލަ އިންސްޓަގްރާމްގައި ރާއްޖޭގައި ތިބެ ނަގާފައިވާ ފޮޓޯތަކެއް ޕޯސްޓުކޮށްފައި ވާއިރު ޖާންވީގެ ދެބެއިން ވެސް ވަނީ އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓުގައި ނަގާފައިވާ ފޮޓޯތައް ހިއްސާކޮށްފައެވެ.
ހަމައެއާއެކު ދެ ބެއިން އެކީގައި ރާއްޖޭގެ މޫދުތުރޭގައި ކުޅެފައިވާ ރީލްތައް ވެސް އިންސްޓަގްރާމްގައި ވަނީ ހިއްސާކޮށްފައެވެ.
ހަތަރު މީހުން އެކީގައި ފެންނަ ފޮޓޯތައް މިހާތަނަށް ހިއްސާކޮށްފައި ނުވާއިރު ޖާންވީގެ ދެބެއިން ރާއްޖެ އައީ ކޮން ދުވަހެއްގައި ކަމާއި ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ޖާންވީ އާއި ޚުޝީ އަކީ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހާމަކުރަން އެއްވެސް އިރެއްގައި ބޭނުންނުވާ ފިލްމީ ތަރިންނެވެ. އެހެންވެ މިހާތަނަށް ދެ ތަރިންގެ ލޯބިވެރިން ކަމަށްވާ ވެދާންގް އާއި ޝީކަރުގެ ގުޅުމަށް އެއްބަސްވެފައެއް ނުވެއެވެ.
ޚުޝީގެ ލޯބިވެރިޔާ ކަމަށް މީޑީއާތަކުން ސިފަކުރާ ވެދާންގް އަކީ ޚުޝީ ފިލްމީ ދާއިރާއަށް ތައާރަފްވި ފިލްމު "ދަ އާޗީސް"އިން އިންޑަސްޓްރީއަށް ތައާރަފްވި އެކްޓަރެކެވެ. ވަރަށް ގިނަ ދުވަސްވަންދެން ޖާންވީއާ ލޯބީގެ ގުޅުމެއް ބާއްވަމުން އަންނަ ޝީކަރު ޕަހަރިޔާ އަކީ އިންޑިއާގެ މަޝްހޫރު ބިޒްނަސް ޓައިކޫން ސަންޖޭ ޕަހާރިޔާގެ ދަރިއެކެވެ.
ރާއްޖެއަކީ އިންޑިއާގެ ފިލްމީ ތަރިންގެ އެންމެ މަގުބޫލު މަންޒިލްތަކުގެ ތެރޭގައި ހިމެނޭ ޤައުމަކަށްވާއިރު މި ދުވަސްވަރު ޗުއްޓީ ހޭދަކޮށްލަން ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ފިލްމީ ތަރިން އިތުރުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސަނީ ލިއޯން ވެސް ވަނީ އާއިލާއާ އެކު ރާއްޖެއަށް އައިސްފައެވެ.