ގިނަ ބާވަތްތަކުގެ ޑުރަގު ބޭނުންކުރާ މީހުންނަށް ފަރުވާދޭން އުސޫލެއް ހަދަނީ

ޑުރަގު އޮޕަރޭޝަނެއްގެ ތެރެއިން ބަލައި ފާސްކުރި ގެއެއް: އެންޑީއޭއިން ވަނީ، ގިނަ ބާވަތުގެ ޑުރަގު ބޭނުންކުރާ މީހުންނަށް ފަރުވާދޭން ގޮންޖެހުން ހުރި ކަމަށާއި އެކަމަށް އުސޫލެއް ހަދަމުން އަންނަ ކަމަށް ބުނެފައި -- ސަން ފޮޓޯ

ގިނަ ބާވަތްތަކުގެ މަސްތުވާތަކެތި ބޭނުންކުރަމުންދާ މީހުންނަށް ފަރުވާދިނުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، އެ ފަދަ މީހުންނަށް ފަރުވާދޭނެ ހަރުދަނާ އުސޫލުތަކެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުޙައްމަދު ޒާހިރު ރޭ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގައި ޕްރޮގްރާމެއްގައި ލުބުނާ ވިދާޅުވީ ނުރައްކާތެރި މަސްތުވާ އެއްޗެއް ކަމަށްވާ މެތަމްފެޓަމިން އަދި ގިނަ ބާވަތުގެ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް ޑޮކްޓަރުން ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އާއި ކެނަބިސްއެވެ. ލުބްނާ ވިދާޅުވި ގޮތުގައި ފާއިތުވީ ހަތް އަހަރުގެ ތެރޭގައި ވެސް ރާއްޖޭގައި އެންމެ އާންމީ މަސްތުވާތަކެތީގެ މި ދެ ބާވަތެވެ. އެކަމަކު މަދުން ނަމަވެސް މަސްތުވާތަކެތީގެ އެހެން ބާވަތްތައް ރާއްޖޭން ވެސް ފެންނަމުންދާތީ، އެ ކަމަށް ސަމާލުވެ، ފަރުވާގެ ނިޒާމު ގާއިމް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް އިތުރު ޑޮކްޓަރީ ބޭހެއްގެ ފަރުވާ ފެށުމަށް ނިންމާފައިވާ ކަމަށް ވެސް ލުބްނާ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެ ފަރުވާ މި މަހުގެ ފަހުކޮޅު ނޫނީ އަންނަ މަހުގެ ކުރީކޮޅު ފެށޭނެ ކަމަށެވެ.

މިހާރު މާލޭގައި މޯލްޑިވްސް ނޭޝަނަލް ޑުރަގު އޭޖެންސީ (އެންޑީއޭ)ގެ ގްރީންގޭގައި ހުންނަ ކްލިނިކް މެދުވެރިކޮށް ވެސް އެ ފަރުވާ ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ލުބްނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ފަރުވާއަށް އަމިއްލަ އެދިގެން އަންނަ މީހުންގެ އަދަދު މިހާރު ވަރަށް ގިނައެވެ. އަދި ވީހާ ވެސް އަވަހަކަށް އެ މީހުންނަށް ފަރުވާދިނުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ މަސްތުވާތަކެތީގެ ފަރުވާއަށް މީހަކު އެދޭ ވަގުތު، އެ މީހަކަށް ނުލިބެންޏާ، ނޫނީ އަވަހަށް ފަރުވާ ނުލިބެންޏާ އެ މީހެއް އަޅުގަނޑުމެންނަށް ގެއްލިގެންދާނެ. އެހެންވީމާ ވަރަށް މުހިންމު ކަމެއް މަސްތުވާތަކެތީގެ ފަރުވާ ދިނުމުގައި އަވަހަށް ފަރުވާ ފޯރުކޮށްދިނުމަކީ،" ލުބްނާ ވިދާޅުވިއެވެ.

އެންޑީއޭގެ ޗެއާޕާސަންކަމާ ލުބްނާ ހަވާލުވެ ވަޑައިގަތްއިރު، މަސްތުވާތަކެތީގެ ފަރުވާއަށް ޑުރަގު ކޯޓުން ހުކުމްކޮށްފައި ތިބި ގާތްގަނޑަކަށް 754 މީހުންނަށް ފަރުވާ ނުދެވިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު އެ ބެކްލޮގް ފިލުވުމުގެ މަސައްކަތް އަންނަނީ ކުރުމުންނެވެ.

އެންޑީއޭގެ ރީހެބް ސެންޓަރުގެ ކެޕޭސިޓީއަކީ 170އެވެ. އެހެން ނަމަވެސް 200 މީހުންނަށް ފަރުވާ ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ހައްލު ކުރުމަށްޓަކައި މަސްތުވާތަކެތީގެ ޝިކާރައިން ސަލާމަތްވާން އެދޭ މީހުންނަށް އެންޑީއޭގެ ފަރާތުން އައުޓް ރީޗްކޮށްގެން ފަރުވާ ދޭން ވެސް ވަނީ ފަށާފައެވެ. ލުބްނާ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ތިން ހަފުތާގެ ތެރޭގައި އެންޑީއޭގެ ސްޓާފުން މެދިވެރިކޮށް ވަރަށް ގިނަ ކުދިން ފަރުވާގެ ތެރެއަށް ގެނެވިފައިވެއެވެ.

މަސްތުވާތަކެތީގެ ވަބާގައި އެންމެ ގިނައިން ޖެހެނީ 16 އަހަރާއި 30 އަހަރާ ދެމެދުގެ އުމުފުރައިގެ މީހުންނެވެ. އެހެން ނަމަވެސް 18 އަހަރު ނުފުރޭ ކުޑަކުދިންނަށް ފަރުވާދިނުން ރާއްޖޭގައި އަދި ފަށާފައެއް ނުވެއެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާޢީ މައްސަލައެވެ.

މަސްތުވާތަކެތީގެ ފަރުވާއަށް ރީހެބްގެ ޚިދުމަތް އަމިއްލައަށް ހޯދަން އެދޭނަމަ، އެންޑީއޭގެ ހެލްޕްލައިނަށް ގުޅައި، ފަރުވާގެ ކަންކަން ހަމަޖެއްސޭނެއެވެ.

comment ކޮމެންޓް