ވެރިރަށް މާލޭގެ މަގުތަކުގެ 65 ޕަސެންޓު އަބަދު ވެސް ހިފައިފައި އޮންނަނީ ޕާކުކޮށްފައި އޮންނަ އުޅަނދުތަކުން ކަމަށާއި، މި ކަމުގެ ސަބަބުން މަގުމަތީގެ އެކްސިޑެންޓުތައް އިންތިހާއަށް އިތުރުވަމުންދާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިރޭ ބުނެފިއެވެ.
މާލޭގެ ތޮށްޖެހުމުގެ މައްސަލައާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ، ގްރޭޓާ މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުގެ އަދަދު އާދަޔާ ޚިލާފަށް ގިނަވެ، ޕާކް ކުރާނެ ޖާގަ ނެތި މާލެއާއި ހުޅުމާލޭގެ ހުރިހާ މަގެއްގައި އުޅަނދުތައް ޕާކް ކުރަމުން ގެންދިއުމުގެ ސަބަބުން މަގުމަތީގައި ރައްކާތެރި ކަމާއެކީ ހިނގައި އުޅުމާއި ވެހިކަލް ދުއްވުން ދަތިވެފައިވާ ކަމަށެވެ.
މާލެ ސަރަހައްދުގައި ބޭނުންކުރާ ގިނަ އުޅަނދުތައް ހުރިހާ ވަގުތެއްގައި ވެސް ބާއްވާފައި އޮންނަނީ މަގުތައް މަތީގައެވެ. މި އުޅަނދުތަކުން މާލޭގެ މަގުތަކުގެ 65 އިންސައްތަ ހިފާފައިވާއިރު، މިދިޔަ އަހަރު ޖުމްލަ 4488 މަގުމަތީ އެކްސިޑެންޓް ހިނގާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ އަދަދު އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާކަން ވެސް އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
ޓްރާންޕޯޓު މިނިސްޓްރީން ބުނީ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތައް ފުރިހަމަނުކޮށް ރަޖިސްޓްރީކޮށްދިނުމުގެ ޚިދުމަތް މީގެ ކުރިން ފޯރުކޮށްދިނުމުގެ ސަބަބުން، އާދަޔާ ޚިލާފަށް މާލޭގެ ސަރަހައްދަށް އުޅަނދުތައް ގިނަވެފައިވާ ކަމަށެވެ. އެ ކަމުގެ ސަބަބުން ގްރޭޓާ މާލެ ސަރަހައްދުގެ މަގުތަކުގެ ހާލަތު އާންމު ދިރިއުޅުމަށް ދަތިވާ ހާލަތަކަށް ގޮސްފައިވާކަން އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
ވަކި ރަށެއްގައި ނުވަތަ ސިޓީއެއްގައި ނުވަތަ ސަރަހައްދެއްގައި އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދޭނެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުން ކަނޑައަޅަންވާނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
މި ގޮތަށް އަމަލު ކުރެވިފައިނުވާ މައިގަނޑު އެއް ސަބަބަކީ އެކުލަވާލާފައިވާ ގަވާއިދަކީ ތަންފީޒުކުރުމަށް އެކަށޭނެ މިންގަޑަށް ނުފެތޭ ގޮތަށް ހެދިފައިވާ ގަވައިދަކަށްވުން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ގްރޭޓާ މާލެ ސަރަޙައްދުގައި 118,000 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީންވަނީ ބުނެފައެވެ.
ރެޖިސްޓްރީ ނުކުރާ އުޅަނދުތަކާއި ރެޖިސްޓްރީކޮށްފައިވާ އުޅަނދުތައް މީގެ ކުރީން މާލޭގެ މަގުތަކުގައި ވަރަށް ގިނައިން ބާއްވާފައި އޮވެއެވެ. އެހެން ނަމަވެސް ވެހިކަލްތަކުން ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި، އެ ގޮތަށް ޕާކުކޮށްފައި އޮންނަ އުޅަނދުތައް ފުލުހުން ދަނީ ޓޯކުރަމުންވެ.