ރަޖިސްޓްރީ އުމުރު ހަމަވެފައިވާ އުޅަނދުތަކަށް ފުރުސަތެއް

ސިނަމާލެ ބްރިޖް ސަރަހައްދުގައި ވެހިކަލްތައް: ރަޖިސްޓްރީ އުމުރު، މިދިޔަ އަހަރަށް ހަމަވި އުޅަނދުތަކަށް ފުރުސަތެއް ދީފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދުތަކުގެ ތެރެއިން މިދިޔަ އަހަރުގެ ނިޔަލަށް ރަޖިސްޓްރީ ކުރަންޖެހޭ އުމުރު ހަމަވެފައިވާ އުޅަނދުތައް ރަޖިސްޓްރީކުރަން ޓްރާންސްޕޯޓް މިނިސްޓްރީން އިތުރު ފުރުސަތެއް ދީފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ރަޖިސްޓްރީ ކުރަން ޖެހޭ މުއްދަތު އިތުރުކޮށްދީފައިވަނީ ޑިސެމްބަރު 31، 2024ގެ ނިޔަލަށް ރާއްޖެ އެތެރެކޮށްފައިވާ ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދުތަކުގެ ތެރެއިން އެ އުޅަނދެއް އުފެއްދި އަހަރުން ފެށިގެން ރަޖިސްޓަރީ ކުރުމަށް ކަނޑައަޅާފައިވާ އުމުރު މިދިޔަ އަހަރުގެ ތެރޭގައި ހަމަވެފައިވާ އުޅަނދުތަކަށެވެ.

އެހެންނަމަވެސް، އޭގެ ތެރެއިން އެކި ސަބަބުތަކާ ހުރެ ރަޖިސްޓަރީ ނުކުރެވިފައިވާ އުޅަނދުތައް އަންނަ ހަފުތާގެ ބުދަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

އެ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށްޓަކައި ބޭނުންވާ ލިއެކިއުންތަކާއެކު އެ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް އަންނަ ހަފުތާގެ ބުދަ ދުވަހުގެ ކުރިން ހުށައެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މާލެ ސަރަޙައްދުގައި ރަޖިސްޓްރީ ނުކޮށް ދުއްވާ އުޅަނދުތައް ގިނަ މައްސަލައަކީ ބޮޑު މައްސަލައެކެވެ. އެގޮތުން މާލެއަށް ނޫން އެހެނިހެން ތަންތަނަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތައް ގަވާއިދާ ޚިލާފަށް މިހާރު ވެސް ދުއްވައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއާ ފުލުހުންނާ މިހާރުވެސް އެފަދަ އުޅަނދުތައް މޮނިޓާކުރުމުގެ މަސައްކަތް ކުރެއެވެ.

comment ކޮމެންޓް