ދައުލަތަށް ގެއްލުނު ފައިސާ ހޯދުމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން އެންޓި ކޮޕަރަޕްޝަން ކޮމިޝަން (އޭސީސީ)އާއި އޮޑިޓާ ޖެނެރަލާއެކު މިއަދު މަޝްވަރާ ކޮށްފިއެވެ.
އޭޖީ އޮފީހުން ބުނީ ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް އެ އޮފީހުގެ ފަރާތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އޮޑިޓާ ޖެނެރަލްގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
މި ބައްދަލު ކުރެއްވުމުގައި އެޓާނީ ޖެނެރަލް އަޙުމަދު އުޝާމާއި އޮޑިޓާ ޖެނެރަލް ޙުސައިން ނިޔާޒީގެ އިތުރުން އެ އޮފީހުގެ އިސްބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަތެވެ.

އޭޖީ އޮފީހުން އޮޑިޓާ ޖެނެރަލާއި ބައްދަލުކުރުން -- ފޮޓޯ/ އޭޖީ އޮފީސް
މީގެ އިތުރުން އޭޖީން އޭސީސީއާ ބައްދަލުކޮށް، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ގާނޫނީ މެކޭނިޒަމެއް ގާއިމް ކުރުމާ ގުޅޭ ގޮތުންވަނީ މަޝްވަރާކޮށްފައެވެ.
އޭޖީ އޮފީހުން ބުނީ ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންގެންދާ މަސައްކަތެއް ކަމަށެވެ.

އޭޖީ އޮފީހުން އޭސީސީގެ މެންބަރުންނާ ބައްދަލުކުރުން -- ފޮޓޯ/ އޭޖީ އޮފީސް
މިދިޔަ އަހަރު ދައުލަތަށް ހޯދުމަށް އަންގާފައިވާ އެއްވެސް ފައިސާއެއް ދައުލަތަށް އަނބުރާ ލިބިފައިނުވާކަމަށާއި އެހެންވެ ގާނޫނީ ފިޔަވަޅު އަޅަން ނިންމައިފައިވާކަމަށް އޭސީސީން ވަނީ މިދިޔަ މެއި މަހުގެ ތެރޭގައި ބުނެފައެވެ.
ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާ، އަނބުރާ ހޯދުމަށް ޓަކައި އިދާރާތަކުން މަސައްކަތްކޮށްފައިވާ މިންވަރު ބަލައި މޮނިޓާކުރުމަށް 2022 ވަނަ އަހަރު އެކަމަށް ޚާއްޞަ ނިޒާމެއް އޭސީސީގައި ގާއިމްކޮށްފައިވެއެވެ.
އޭސީސީއިން ބުނެފައިވަނީ، އެ ނިޒާމުގެ ތެރެއިން އިދާރާތަކުން މަސައްކަތްކޮށްފައިވާ މިންވަރު ބެލި ބެލުމުގައި، ދައުލަތުގެ އިދާރާތަކުން މިކަމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާތީ، ގާނޫނީގޮތުން މިކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ.