ދައުލަަތަށް ހޯދަން އަންގާފައިވާ އެއްވެސް ފައިސާއެއް ނުލިބޭ، ގާނޫނީ ފިޔަވަޅު އަޅަނީ: އޭސީސީ

އޭސީސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --

މިދިޔަ އަހަރު ދައުލަތަށް ހޯދުމަށް އަންގާފައިވާ އެއްވެސް ފައިސާއެއް މިހާތަނަށް ދައުލަތަށް އަނބުރާ ލިބިފައިނުވާކަމަށާއި އެހެންވެ ގާނޫނީ ފިޔަވަޅު އަޅަން ނިންމައިފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ މިދިޔަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮށް ނިންމާފައިވާ މައްސަލަތަކުގައި 50،370،512.75 ހޯދުމަށް ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ.

އަދި މިދިޔަ އަހަރު އެ ކޮމިޝަނުން ތަހުގީގުކޮށް ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން 10 މައްސަލައެެއްގައި، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކަމާ ބެހޭ ފަރާތްތަަކަށް އަންގާފައިވާނެ ކަމަށް އޭސީސީ އިން ބުންޏެވެ.

މިގޮތުން އެމްއެމްޕީއާރުސީ އަށް 40,475,200.00 ރުފިޔާ ހޯދުމަށް އަންގާފައިވާއިރު، އެމްޓީސީސީ 8,481,000.00 ރުފިޔާ ހޯދުމަށް އަންގާފައިވާނެ ކަމަށް އޭސީސީ އިން ބުންޏެވެ. މީގެ އިތުރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަށް 1,389,342.00 ރުފިޔާ ހޯދުމަށް އަންގާފައިވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މީގެ އިތުރުން ވެސް ދައުލަތަށް ލިބެންޖެހޭ ފައިސާ ދެއްކުމަށް ދައުލަތުގެ ބައެއް އިދާރާތަކަށް އަންގާފައިވާނެކަމަށާއި، ނަމަވެސް މިދިޔަ އަހަރު ދައުލަތަށް ހޯދުމަށް އަންގާފައިވާ އެއްވެސް ފައިސާއެއް މިހާތަނަށް ދައުލަތަށް އަނބުރާ ލިބިފައިނުވާކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އޭސީސީ އިން ބުނީ ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން ދައުލަތަށް ހޯދަންޖެހޭ ފައިސާ ހޯދުމުގެ މަސްއޫލިއްޔަތު އޮންނަނީ އެ ކޮމިޝަންގައި ނޫންކަމަށެވެ. ނަމަވެސް، އެ ކޮމިޝަނުގައި ތަޙުޤީޤުކުރާ މައްސަލަތަކުގައ،ި ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ހިމެނޭކަން ތަޙުޤީޤަށް ފާހަގަކުރެވިއްޖެނަމަ އެ ފައިސާއެއް ދައުލަތަށް ހޯދުމަށް ޓަކައ،ި އެކަމުގެ ޒިންމާ އޮންނަ ފަރާތަކަށް ކޮމިޝަނުން އަންގަމުން ގެންދާ ކަމަށް އޭސީސީ އިން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.

ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާ، އަނބުރާ ހޯދުމަށް ޓަކައި އިދާރާތަކުން މަސައްކަތްކޮށްފައިވާ މިންވަރު ބަލައި މޮނިޓަރކުރުމަށް 2022 ވަނަ އަހަރު އެކަމަށް ޚާއްޞަ ނިޒާމެއް ކޮމިޝަނުގައި ޤާއިމްކުރިއެވެ.

އޭސީސީ އިން ބުނީ މި ނިޒާމުގެ ތެރެއިން އިދާރާތަކުން މަސައްކަތްކޮށްފައިވާ މިންވަރު ބެލި ބެލުމުގައި، ދައުލަތުގެ އިދާރާތަކުން މިކަމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާތީ، ގާނޫނީގޮތުން މިކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ.

އެކި މައްސަލަތަކުގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ދައުލަތަށް ނުލިބި ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ. އޭގެ ތެރެއިން ގިނަ ފައިސާ އަދިވެސް ދައުލަތަށް ނުލިބެއެވެ.

comment ކޮމެންޓް