ދެން މަސް ގަންނާނީ ބައިނަލްއަގުވާމީ ބާޒާރުގެ އަގަށް

މަސްވެރިން ކުރި އިހުތިޖާޖެއްގެ ތެރެއިން: މަސް ގަންނަ އަގު ކޮންމެ ހަފުތާއަކު ކަނޑައަޅައި، އިއުލާންކުރަން ވަނީ ނިންމާފައި -- ސަން ފޮޓޯ/ މުހައްމަދު ޝަފީއު

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މާދަމާއިން ފެށިގެން މަސް ގަންނާނީ ބައިނަލްއަގުވާމީ ބާޒާރުގެ އަގަށް ކަމަށް ނިންމައިފިއެވެ.

މިއަދު މިފްކޯއިން ނެރުނު ބަޔާނެއްގައި ވަނީ، މިހާރު މަސް ގަންނަމުންދާ ގޮތަށް މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫން ކަމަށެވެ.

މިފްކޯއިން ބައިނަލްއަގްވާމީ ބާޒާރުގައި މަސް ވިއްކުމަށް ފަހު ލިބޭ އާމްދަނީއަށް ވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަންޖެހޭ ފައިސާއާއި މަސް ގަނެ، ޕްރޮސެސްކޮށް، ވިއްކުމަށް ހިނގާ ޚަރަދު ވަރަށް ބޮޑަށް އިތުރުވާތީ ކުންފުންޏަށް އިތުރަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފައިވަނީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގައި ކަމަށެވެ.

އެހެންވެ، އެކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުންނާއި، މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި މާދަމާއިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސް ގަންނަމުންދާނީ ބައިނަލްއަގުވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފުތާއަކު ކަނޑައަޅާ އަގެއްގައި ކަމަށް މިފްކޯއިން ބުންޏެވެ.

އެ އަގު ކޮންމެ ހަފުތާއަކު އާއްމުކޮށް މިފްކޯއިން އިއުލާން ކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މަސްވެރިންގެ އަތުން ގަނެފައިވާ މަހަށް ފައިސާ ނުދައްކާ މައްސަލަ ބޮޑުވެ، އިހުތިޖާޖު ކުރަމުންދަނިކޮށް މިފްކޯއިން ނެރުނު އެ ބަޔާނުގައިވަނީ މާދަމާ މަސްވެރިންނަށް ފައިސާ ދޭނެ ކަމަށެވެ. އެގޮތުން މާދަމާ ދޫކުރާ ފައިސާ ހިމަނައިގެން މިއަހަރުގެ މިހާތަނަށް އައިއިރު ސަރުކާރުން ދެއްކި ފައިސާގެ އަދަދު 353 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"މީގެ އިތުރުން، މިފްކޯއަށް ލިބިފައިވާ އާމްދަނީއިން މަސްވެރިން ކިރުވާފައިވާ މަހަށް އިތުރު 389 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިގޮތުން ތެލާއި އައިސްއަށް ދީފައިވާ ކުރެޑިޓު ހިމެނޭހެން 831 މިލިއަން ރުފިޔާ މިއަހަރު ވަނީ މަސް ދޯނިފަހަރަށް ދޫކުރެވިފައެވެ." އެ ބަޔާނުގައިވެއެވެ.

އެ ކުންފުނިން ބުނީ، މިފްކޯގެ އެފިޝަންސީ އިތުރުކޮށް، އާމްދަނީ އިތުރުކުރެވޭނެ އިތުރުގޮތް ގޮތް ބަލައި، ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް ސަރުކާރުގެ ކަމާ ގުޅޭ ވުޒާރާތަކާ ގުޅިގެން އަޅަމުންދާނެ ކަމަށެވެ.

މިފްކޯއިން އެ އިއުލާންކުރީ މިފްކޯއިން މަސް ގަންނަ އަގު މުރާޖާކުރަން ނިންމައިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބުދަ ދުވަހު އިއުލާން ކުރި ފަހުންނެވެ.

އެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގު ވިދާޅުވީ މިފްކޯއިން މަސް ގަންނަ އަގު މުރާޖާކުރަން، އެންމެ އަވަހަށް ބާއްވާ އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި މަޝްވަރާކުރާނެ ކަމަށެވެ.

މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ ގިނަ ދުވަސްވާ މައްސަލަ ބޮޑުވެފައިވާއިރު، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގޮވާލައި މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ދުވަސްކޮޅު އޭރު އޮތް ސަރުކާރުން މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކުރިއެވެ. ނަމަވެސް، މިދިޔަ ފެބްރުއަރީ މަހު މި ސަރުކާރުން އެ އަގު 20އަށް ދަށްކުރަން ނިންމިއެވެ.

https://sun.mv/193649

މަސްވެރިންނަށް ފައިސާ ނުދޭތީ އައްޑޫއާއި ދ. ކުޑަހުވަދޫގައި ވެސް މި ހަފުތާގައި މަސްވެރިން މުޒާހަރާ ކުރިއެވެ. އޭގެ ކުރިން ކޫއްޑޫގައިއާއި މާލޭ ސަރަހައްދުގައި ވެސް މަސްވެރިން އިހުތިޖާޖުކޮށްފައިވެއެވެ.

comment ކޮމެންޓް