ކަރަންޓުގައި ޖެހި ޒުވާނާ ނިޔާވީ ފެނަކައިގެ އިހުމާލުން؛ 50،000 ރުފިޔާގެ ޖޫރިމަނާއެއް

އުނގޫފާރުގައި ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހުނު ސަރަހައްދު: އެ ހާދިސާ ހިނގީ އީއެލްސީބީ ހަރުނުކުރާތީ ކަމަށް ފެނަކައިން ވަނީ ބުނެފައި -- ފޮޓޯ/ އުނގޫފާރު.ކޮމް

ރ. އުނގޫފާރުގައި ކުދިންތަކެއް ކަރަންޓުގައި ޖެހި އެކަކު ނިޔާވި މައްސަލައިގައި ފެނަކަ 50،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތީރިޓީ (ޔޫއާރުއޭ)އިން ނެރުނު އިއުލާނެއްގައި ވަނީ މިދިޔަ މެއި މަހުގެ 23ގައި އުނގޫފާރުގައި ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހި ހިނގައިދިޔަ ހާދިސާގެ މަޢުލޫމާތު އެ އޮތޯރިޓީއަށް ލިބުނީ މީސްމީޑިއާގެ ޒަރިއްއާއިން، ޖެހިގެން އައި ދުވަހު ކަމަށެވެ. އެއާއެކު އެ މައްސަލަ ތަހުގީގު ކުރަން ފެށި ކަމަށް އިއުލާނުގައިވެއެވެ.

އެ ތަހުގީގުގެ ތެރެއިން، ކަން ހިނގައިދިޔަ ގޮތާއި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އުނގޫފާރު ކައުންސިލުންނާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ސާފުކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެ މައްސަލަ ދިމާވާން މެދުވެރިވި ސަބަބަކީ، މަގު ބައްތިތަކުގައި ހުންނަންޖެހޭ ސަލާމަތީ އިކުއިޕްމަންޓްތަކުގެ ތެރޭގައި ހިމެނޭ އާތު ލީކް ސަކިޓް ބްރޭކަރު (އީއެލްސީބީ) އާއި މިނިއޭޗަ ސާކިޓް ބްރޭކަރު (އެމްސީބީ) ހަރުކޮށްފައިނުވާ މަގު ބައްތިތަކަށް ފެނަކައިން ކަރަންޓު ދީފައިވުން ކަމަށް ތަހުގީގުން ހާމަވި ކަމަށް ޔުޓިލިޓީ އޮތޯރިޓީން ބުންޏެވެ.

"އަދި، މި ތަހުގީގުން އިތުރަށް ހަމާވެގެން ދިޔަ ގޮތުގައި، ފެނަކަ ކޯޕަރޭޝަން ލިމިޓަޑުން ކަރަންޓުގެ ޚިދުމަތް ދެމުންގެންދާ ވަރަށް ގިނަ ރަށްތަކުގެ މަގު ބައްތިތަކުގައި އާތު ލީކް ސާކިޓް ބްރޭކަރު (އީއެލްސީބީ) ހަރުކުރެވިފައެއް ނުވެއެވެ." އިއުލާނުގައިވެއެވެ.

އެ ހާދިސާ ހިނގަން ދިމާވި މައިގަނޑު ސަބަބަކީ އެ ރަށުގެ މަގުބައްތިތަކަށް ކަރަންޓް ދިނުމުގައި ހުންނަންޖެހޭ ސަލާމަތީ ކަންކަމާމެދު ފެނަކައިން އިހުމާލުވުމުން ކަމުގައި އެ އޮތޯރިޓީގެ ތަހުގީގަށް ސާބިތުވުމުން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނުގެ ދަށުން 50,000 ރުފިޔާއިން އެ ކޯޕަރޭޝަން އިއްޔެ ޖޫރިމަނާ ކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ފެނަކައިން އެ ޖޫރިމަނާ 30 ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެއެވެ.

މީގެ އިތުރުން އެފަދަ ހާދިސާތަކުން ރައްކާތެރި ވުމަށްޓަކައި ފެނަކައިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ތެރެއިން، މަގު ބައްތި ތަކުގައި އާތު ލީކް ސަކިޓް ބްރޭކަރާއި މިނިއޭޗަ ސާކިޓް ބްރޭކަރު ހަރުނުކޮށް ހުރި ނަމަ، އެ ތަކެތި ސަރުކާރު ބަންދު ނޫން 30 ދުވަހުގެ ތެރޭގައި ހަރުކޮށް މަގު ބައްތިތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވެސް އެ އޮތޯރިޓީން ވަނީ އަންގައިފައެވެ.

އުނގޫފާރުގައި ކަރަންޓުގައި ޖެހި 18 އަހަރުގެ ޒުވާނަކު ނިޔާވީ، ވިއްސާރަވެ ހެދިފައި އޮތް ކޯރުގަނޑެއްގައި ކުޅެން އުޅުނު ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހި، އެ ކުދިން ސަލާމަތްކުރަން ދިޔުމުންނެވެ.

https://sun.mv/192971

އެ ހާދިސާގައި ހާލު ދެރަވީ އުނގޫފާރު، ދޫނިހުރާ، ހުސައިން އަތީކެވެ. އޭނާއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެނައި ނަމަވެސް، މިދިޔަ މަހުގެ އަށެއްގައި އޭނާ ނިޔާވީއެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވެސް މީގެ ކުރިން ވަނީ، އެ ހާދިސާ ހިނގަން މެދުވެރިވީ ހޮޅި ދަނޑީގައި ހަރުކުރަން ޖެހޭ އާތު ލީކޭޖް ސާކިޓް ބްރޭކަރު ހަރުނުކުރެވި ހުރުމުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ.

އެހެންވެ، ފެނަކައިން ޚިދުމަތްދޭ ހުރިހާ ރަށެއްގައި އިންސްޕެކްޝަން ހަދަން ނިންމައިފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް