އުނގޫފާރުގައި ކަރަންޓުގައި ޖެހުނު ޒުވާނާ ނިޔާވެއްޖެ

އުނގޫފާރުން ކަރަންޓުގައި ޖެހުނު ޒުވާނާ މަރުވެއްޖެ: މަރުވިއިރު އޭނާއަށް ފަރުވާދެމުން އައީ އައިޖީއެމްއެޗްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރ. އުނގޫފާރުގައި ކަރަންޓު ޖެހިގެން، އިތުރު ފަރުވާ ދިނުމަށް މާލެ ގެނައި ޒުވާނާ މިއަދު ނިޔާވެއްޖެއެވެ.

އުނގޫފާރުގައި ފެންގަނޑެއްތެރެއަށް އެރި އުޅުނު ކުޑަކުދިންތަކަށް ކަރަންޓު ޖެހުނީ މިދިޔަ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.

އެ ހާދިސާގައި އަނިޔާވީ 12 އަހަރުގެ އަންހެން ކުއްޖަކާއި އަށް އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 18 އަހަރުގެ ޒުވާނަކަށެވެ. އެ ޒުވާނާއަށް އަނިޔާވީ ކަރަންޓުގައި ޖެހުނު ކުއްޖާ ސަލާމަތް ކުރަން އުޅުމުގެ ތެރެއިންނެވެ. މި ހާދިސާގައި އެންމެ ބޮޑަށް އަނިޔާ ވީ ވެސް ޒުވާނާއަށެވެ.

އެ ޒުވާނާއަށް ފަރުވާދެމުން އައީ އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށެވެ. އެއީ ރ. އުނގޫފާރު، ދޫނިހުރާ، ހުސައިން އަތީކް، 18 އެވެ.

އައިޖީއެމްއެޗުން ބުނީ އެ ޒުވާނާ ނިޔާވީ މިއަދު ހެނދުނު 10:30 ގައި ކަމަށެވެ.

https://sun.mv/192584

މި ޒުވާނާއަށް ބޮޑެތި އަނިޔާތަކެއް ވެފައިވަނީ އެތެރެ ހައްޓަށެވެ. ބޭރު ފުށުން ލިބިފައިވަނީ ހަމައެކަނި ވެއްޓުމުން ލިބިފައިވާ އަނިޔާތަކެވެ. އޭނާއަށް ފުރަތަމަ ފަރުވާ ދިނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުންނެވެ.

މި ހާދިސާއަށް ފަހު ފެނަކައިން ކަރަންޓުގެ ޚިދުމަތްދޭ ހުރިހާ ރަށެއްގައި ކަރަންޓުގެ ކަންކަން ހުރީ ގަވާއިދާ އެއްގޮތަށްތޯ ބަލަން އިސްޕެކްޝަނެއް ހަދަން އެ ކުންފުނިން ނިންމިއެވެ.

މީގެ ކުރިން، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު 'ސަން'އަށް ވިދާޅުވީ، މި ހާދިސާ ހިނގަން މެދުވެރިވީ ހޮޅި ދަނޑީގައި ހަރުކުރަން ޖެހޭ އީއެލްސީބީ (އާތު ލީކޭޖް ސާކިޓް ބްރޭކާ)އެއް ހަރުނުކުރެވި ހުރުމުގެ ސަބަބުން ކަމަށެވެ.

އެހެންވެ، ފެނަކައިން ޚިދުމަތްދޭ ހުރިހާ ރަށެއްގައި އިންސްޕެކްޝަން ހަދަން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް