މީހެއްގެ އައިފޯނެއް އަތުލި މީހަކު އަހަރަކަށް ވުރެ ގިނަ ދުވަހަށް ޖަލަށްލައިފި

އައިފޯނެއް: މީހެއްގެ އައިފޯނެއް އަތުލި މީހަކު އަހަރަކަށް ވުރެ ގިނަ ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައި --

މީހެއްގެ އައިފޯނެއް ގަދަކަމުން އަތުލައިގެން އެ ގެންގުޅުނު މީހަކު އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ވަނީ ދެ މީހަކާ ދެކޮޅަށް ދައުވާކޮށްފައެވެ. އެއީ، ޢަލީ އީޝާދު، ސޯސަން، ސ. ހުޅުދޫއާއި އަހުމަދު ޢަރީބު، ގ. ޝާރާޒް، ކ. މާލެއެވެ. ދެ މީހުންނާ ދެކޮޅަށް ވެސް ދައުލަތުން އުފުލީ އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.

ދެ މީހުން ވެގެން މީހަކު ގެންގުޅުނު އައިފޯން 11 އެއް އަތުލާފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

މައްސަލައިގައި އިބުތިދާޢީ އަޑުއެހުމުގައި މި މައްސަލައިގައި ހިމެނޭ އީޝާދު ވަނީ ދައުވާއަށް އިއުތިރާފުވެފައެވެ. އެ ގޮތުން، މީހެއްގެ އަތުގައި އޮތް އައިފޯނެއް އަތުލައިގެން ގެންގުޅުނީ ނުރުހުމުގައި ކަމަށާއި އެ ފޯނުގެ އަގު ވެސް އެނގޭ ކަމަށް އޭނާ ވަނީ ޝަރީއަތުގައި ބުނެފައެވެ.

އެހެންވެ، އިއުތިރާފުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.

އެ މައްސަލައިގައި އީޝާދުގެ މައްޗަށް އިއްވާފައިވަނީ އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު، ހުކުމުން ބަންދުގައި އޭނާ ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒުކުރަން ޖެހޭނީ އެއް އަހަރާއި ދެ މަހާއި 23 ދުވަހުގެ ޖަލު ހުކުމެކެވެ.

މި މައްސަލައިގައި ދެން ހިމެނޭ އަރީބުގެ ބައި ވަކި ގަޒިއްޔާއެއްގެ ގޮތުގައި ބަލަން ވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

comment ކޮމެންޓް