އޮލިމްޕިކްސްގައި ވާދަކުރުމަށް ރާއްޖޭގެ އެތުލީޓުން ފުރައިފި

ފްރާންސްގެ ޕެރިހުގައި އަންނަ ހުކުރު ދުވަހު ފަށާ އޮލިމްޕިކްސްގައި ވާދަކުރުމަށް ރާއްޖޭގެ 5 އެތުލީޓުން ފުރައިފިއެވެ.

މިއީ އޮލިމްޕިކްސްގައި ރާއްޖެއިން އެންމެ ގިނަ ކުޅިވަރުތަކުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖެއިން ވާދަކުރީ މަދު ކުޅިވަރަކުންނެވެ. މިފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެއިން ވާދަކުރަނީ ސްވިމިން، ޓޭބަލް ޓެނިސް، އެތުލެޓިކްސް އަދި ބެޑްމިންޓަނުންނެވެ.

އެތުލީޓުން ފުރުމުގެ ކުރިން އެޑްވާންސް ޓީމު ވަނީ އިއްޔެގެ ވަގުތެއްގައި ޕެރިހަށް ގޮސްފައެވެ. މި ޓީމުގައި ހިމެނެނީ ޗެފް ޑި މިޝަން، ޓީޓީ އެސޯސިއޭޝަންގެ ރައީސް، އަލީ ރަޝީދު (އައްޔަ) އާއި އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ) އެވެ. ރާއްޖޭގެ އެތުލީޓުންނާއެކު އޮލިމްޕިކް ކޮމިޓީގެ ރައީސް، މުހައްމަދު އަބްދުއްސައްތާރު އާއި ނައިބު ރައީސް، އަހުމަދު މުންތަގިމް ވެސް ވަނީ ޓީމާއެކު މިއަދު ފްރާންސަށް ފުރާފައެވެ.

ހުކުރު ދުވަހު ބާއްވާ ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާނީ ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ އާއި އެތުލެޓިކްސްގެ އަރަމުން އަންނަ ތަރި އިބާދުﷲ އާދަމެވެ. ޕެރިހުގެ ރިވާ ސިއެންގައި ބާއްވާ ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތަކީ ތާރީހީ ރަސްމިއްޔާތެކެވެ. މިއީ މެއިން ސްޓޭޑިއަމުން ބޭރުގައި ބާއްވާ މިފަދަ ފުރަތަމަ ރަސްމިއްޔާތެވެ.

ރާއްޖޭގެ ދިދަ އުފުލައިދޭ ދެ އެތުލީޓުންގެ ތެރެއިން ދީމާއަކީ ރާއްޖޭގެ ކުޅިވަރު ތާރީޚުގައި ފުރަތަމަ ފަހަރަށް އޮލިމްޕިކްސްއަށް ކޮލިފައިވެގެން ވާދަކުރާ ފުރަތަމަ ކުޅުންތެރިޔާއެވެ. އުމުރުން 16 އަހަރުގެ ދީމާ އޮލިމްޕިކްސްއަށް ކޮލިފައިވީ ދެކުނު އޭޝިއާގެ ކޮލިފައިން ބުރުގައި ވާދަކޮށްގެންނެވެ. ދީމާ އޮލިމްޕިކްސްއިން ޖާގަ ހޯދީ ނޭޕާލުގައި ކުރިއަށްދިޔަ ކޮލިފިކޭޝަނުގެ ފައިނަލުގައި ސްރީ ލަންކާގެ ބަންޑާރާ ބިމަންދީ 4-1 ސެޓުން ބަލިކޮށްގެންނެވެ.

އިބާދުﷲ އާދަމަކީ އެތުލެޓިކްސްއިން މިފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓެވެ. މި ފަހުން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބެލި ޓައިމް ޓްރަޔަލްސްތަކުގައި އެންމެ ރަނގަޅު ޓައިމިންއެއް ނެރުނު އެތުލީޓަކީ އިބާދުﷲއެވެ. އެގޮތުން ޓައިމް ޓްރަޔަލްގައި އިބާދުﷲ ވަނީ 10.50 ސިކުންތުން 100 މީޓަރުގެ ރޭސް ނިންމާފައެވެ.

މިއީ ގދ. ތިނަދޫއަށް އުފަން އިބާދުﷲ އޮލިމްޕިކްސްގައި ވާދަކުރާނެ ފުރަތަމަ ފަހަރެވެ. އިބާދުﷲއަށް ޖެމެއިކާގެ ދެ އަހަރުގެ ޓްރެއިނިން ސްކޮލަރޝިޕެއް ލިބުނީ އޭނާ ހޯދަމުން އަންނަ ކުރިއެރުންތަކުގެ ސަބަބުންނެވެ. އެގޮތުން އިބާދުﷲއަކީ މިދިޔަ ފަސް އަހަރެއްހާ ދުވަހު ގައުމީ ޓީމުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި ޒުވާން ފިރިހެން އެތުލީޓެވެ.

ޖުމްލަ ފަސް އެތުލީޓުން މިފަހަރުގެ ގޭމްސްގައި ވާދަކުރާއިރު، އޮލިމްޕިކްސްގައި މި ފަހަރު ބެޑްމިންޓަނުން ވާދަކުރަނީ ފާތިމަތު ނަބާހާއެވެ. ނަބާހާއަކީ ޖެހިޖެހިގެން ދެ އޮލިމްޕިކްސްގައި ވާދަކުރާ ފުރަތަމަ ދިވެހި އެތުލީޓެވެ. އޮލިމްޕިކްސްގެ ފެތުމުގެ އިވެންޓުގައި ރާއްޖެ ތަމްސީލުކުރާނެ އެތުލީޓުންނަކީ މުޙައްމަދު އާން ޙުސައިން އަދި ޢާއިޝަތު ޢުލްޔާ ޝާއިޤްއެވެ. އޮލިމްޕިކް ގޭމްސްއަށް ދާނެ ދިވެހި ދެ ފެތުންތެރިން ކަނޑައެޅީ ވޯލްޑް އެކުއަޓިކްސްއިން ކަނޑައަޅާފައިވާ ފެތުމުގެ ވަކި މުބާރާތްތަކެއްގައި ވާދަކުރި ދިވެހި ފެތުންތެރިންގެ ތެރެއިން، އެންމެ މަތިން ވޯލްޑް އެކުއަޓިކްސް ސްވިމިންގ ޕޮއިންޓް ލިބިގެންނެވެ.

comment ކޮމެންޓް